2009 ވަނަ އަހަރު ރިލީޒްކޮށް އެކެޑެމީ އެވޯޑްވެސް ހޯދާފައިވާ ޖޭމްސް ކެމެރަންގެ އެޕިކް އެޑްވެންޗަރ "އެވެޓާ" އަލުން ސިނަމާތަކަށް ގެންނަން ނިންމައިފިއެވެ.
މީގެ 13 އަހަރު ކުރިން ގެނެސްދިން މި ފިލްމު އަލުން ދުނިޔޭގެ ބައެއް ހިސާބުތަކުގެ ލިމިޓެޑް ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 23 އިން ފެށިގެން 2 ހަފްތާގެ މުއްދަތަކަށެވެ. އެގޮތުން މި ފިލްމު އަޅުވާނެ ޤައުމުތަކުގެ ތެރޭގައި އަވައްޓެރި އިންޑިއާވެސް ހިމެނެއެވެ.
މި ފިލްމުގެ ޕްރޮމޯޝަނަށް ޓުވެންޓީތު ސެންޗަރީ ސްޓޫޑިއޯޒްއިން މިހާރު ވަނީ އައު ޕޯސްޓަރަކާއި، ޓްރެއިލާއެއް ވެސް ބެލުންތެރިންނަށް ދޫކޮށްލާފައެވެ. އަލުން ފިލްމު އަޅުވާއިރު، ކުރިއަށް ވުރެ ފިލްމުގެ ކޮލިޓީ މާ ބޮޑަށް ވެސް ރަނގަޅުވާނެކަމަށް ބެލެވެއެވެ. އެގޮތުން މި ފިލްމު އަލުން ސިނަމާތަކުގައި ދެއްކުމަށް ހަމަޖެހިފައިވަނީ 4K ހައި ޑައިނަމިކް ރޭންޖު ކޮލެޓީގައެވެ.
On September 23 #Avatar returns to the big screen for a limited time only. Watch the new trailer now ? pic.twitter.com/8RtVkD5P3p
— 20th Century Studios (@20thcentury) August 23, 2022
ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އެވެޓާގެ ސީކުއެލް "އެވެޓާ: ދަ ވޭ އޮފް ވޯޓާ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރުމަހުގެ 16 ވަނަ ދުވަހުއެވެ. މި ފިލުމުގެ ދެވަނަ ބައި އުފައްދަނީ ގާތްގަނޑަކަށް 250 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.
"އެވަޓާ" ގެ ކާސްޓްގައި ސޭމް ވޯތިންޓަން، ޒޯއީ ސަލްޑަނާ، ސްޓެފެން ލޭންގް، މިޝެލް ރޮޑްރިގޭޒް އަދި ސިގޯނީ ވީވާ ވެސް ހިމެނެ އެވެ. މި ކާސްޓުންނާއި އިތުރު އައު ކާސްޓުންތަކެއްވެސް "އެވަޓާ" ގެ ސީކްއެލް "އެވަޓާ: ދަ ވޭ އޮފް ވޯޓާ" އިން ފެނިގެންދާނެއެވެ.
އައު ކާސްޓުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކަކީ ކެމެރޮންގެ 1997 ގެ "ޓައިޓޭނިކް" ގެ ބަތަލާ ކޭޓް ވިންސްލެޓެވެ. މީގެ އިތުރުން "ފާސްޓް އެންޑް ފިޔޫރިއަސް" ގެ ތަރި ވިން ޑީސަލްވެސް މި ސީކުއަލް އިން ފެންނާނެކަމަށް ޑީސަލް މީގެކުރިން ވަނީ އިޝާރާތް ކޮށްފައެވެ.
2009 ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ސައިންސް ފިކްޝަން ފިލްމު "އެވެޓާ" އުފެއްދީ 237 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ. މި ފިލްމަށް 2.8 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެއެވެ. ފިލްމުގެ ފުރަތަމަ ބަޔަށް ލިބުނު އާދަޔާ ޚިލާފު ތަރުޚީބަށް ބަލާ، ދެވަނަ ބަޔާމެދު ކުރެވޭ އުއްމީދުތައް އެތައް ގުނައެއް އިތުރުވެފައިވާއިރު، ފިލްމުގެ ދެވަނަ ބައި ވެގެންދާނީ ފުރަތަމަ ފިލްމުގެ ރިކޯޑް މުރުގާލާ މާ ވަރުގަދަ ފިލްމަކަށްކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.