ޚަބަރު

"ޔޫފޯރިއާ" ގެ 3 ވަނަ ސީޒަންގައި ބާބީ ނުފެންނާނެ


އެޗް.ބީ.އޯގެ ހިޓް ޝޯވ "ޔޫފޯރިއާ" ގައި ކެޓް ހަނާންޑޭޒްގެ ރޯލުން ފެނިގެންދާ ހޮލީވުޑްގެ ބަތަލާ ބާބީ ފެރޭރާ އެ ޝޯވއިން ވަކިވެއްޖެއެވެ. "ޔޫފޯރިއާ" ގެ 3 ވަނަ ސީޒަނުން އޭނާ ނުފެންނާނެކަމަށް ބާބީ ފެރޭރާ ވަނީ ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ.

އިންސްޓަގްރާމްގައި މިކަން ހާމަކުރަމުން ފެރޭރާ ބުނީ 4 އަހަރު ދުވަހު ޝޯވގައި މަސައްކަތް ކުރުމަށްފަހު ވަކިވެގެން މި ދަނީ ކަރުނަ އަޅަމުން ކަމުގައެވެ. މި ޕޯސްޓާއެކު ޔޫފޯރިއާގެ ކާސްޓްމޭޓް ހަންޓާ ޝަފަރ ގެ އާޓްވޯކެއްވެސް އޭނާގެ އިންސްޓްގްރާގައި ވަނީ ހިއްސާކޮށްފައެވެ.

"ޔޫފޯރިއާ" ގެ 2 ވަނަ ސީޒަން އުފެއްދުމުގެ މަސައްކަތްކުރިއިރު، ފެރޭރާ އާއި ޝޯވގެ ކްރިއޭޓަރު ސޭމް ލެވިންސަން އާއި ދެމީހުން ވަނީ މައްސަލަ ޖެހިފައެވެ. އެ މައްސަލަގަނޑުގެ ތެރެއިން އެއް ފަހަރެއްގައި ފެރޭރާ ސެޓް ދޫކޮށްދިޔަކަމަށްވެސް މީޑިއާތަކުން މީގެކުރިން ރިޕޯޓްކޮށްފައިވެއެވެ. ފެރޭރާއާއި ސޭމް އާއި ދެމެދު އެންމެ ބޮޑު ޚިޔާލު ތަފާތުވުމެއް އުފެދިފައިވަނީ ޝޯވގެ 2 ވަނަ ސީޒަންގައި އޭނާގެ ކެރެކްޓަރގެ ޑައިރެކްޝަނާ ގުޅިގެންނެވެ.

މި ޝޯވ އިން ފެރޭރާ ވަކިވާން ނިންމާފައި މިވަނީ އެޗް.ބީ.އޯގެ މަސައްކަތު މާހައުލަކީ އެހާ ރަނގަޅު މާހައުލެއް ނޫންކަމަށްބުނެ ގިނަ ޝަކުވާތަކެއް ލިބިފައިވާ ދަނޑިވަޅެއްގައެވެ. އަދި ދިގު ޝޫޓްތަކާއި، ކެއުމާއި، ފާޚާނާ ބްރޭކް ނުލިބޭތީވެސް އެކްޓަރުން ވަނީ އެތައް ޝަކުވާއެއް ހުށަހަޅާފައެވެ.

އޭރު އެޗް.ބީ.އޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުން ޑްރާމާ ސީރީޒް ތަކަކީ ބިޒީ ޝޫޓިންގ ޝެޑިއުލެއް އޮންނަ ކަމެއްކަމަށާއި، އަދި އެއްވެސް މައްސަލަ އަކާއި ގުޅޭ ރަސްމީ ޝަކުވާއެއް އެޗްބީއޯ އަށް ނުލިބޭ ކަމަށެވެ.

2019 ވަނަ އަހަރު ޕްރިމިއަރ ކުރި "ޔޫފޯރިއާ" ގައި ދައްކުވައިދެނީ ޒުވާން އުމުރަށް އަޅައިގެން އަންނަ ކުދިންތަކަކަށް ދިމާވާ އިޖުތިމާއީ ތަފާތު މައްސަލަތަކެކެވެ. ޝޯވ ފުރަތަމަ ސީޒަނަށް ބޮޑު ކާމިޔާބެއް ލިބިފައިވާއިރު، ދެވަނަ ސީޒަންވެސް ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑަށް ވައިގައި ހިފާފައިވެއެވެ.