މިނީ ބަހުގެ ޚިދުމަތާއެކު އަމީނީ މަގުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ޓްރެފިކް ފުލުހުން ނިންމައިފިއެވެ.
މިނީ ބަހުގެ ޚިދުމަތް ފެށުމަށްޓަކައި ޓެސްޓު ދަތުރުތައް މާދަމާ ފެށުމަށް އެމްޓީސީސީއިންވަނީ ނިންމާފައެވެ.
މާލޭގެ މަގުތަކުގެ ކާރޫބާރޫ ކުޑަކޮށް މަގުތައް އަމާންކުރުމާއެކު ދަތުރުފަތުރުގެ ރަނގަޅު ނިޒާމެއް ޤާއިމުކުރުމަށް ހޯމަދުވަހުން ފެށިގެން މިނީ ބަހުގެ ޚިދުމަތް ފެށުމަށްވަނީ ނިންމާފައެވެ. ޓެސްޓު ދަތުރުތައް ފުރަތަމަ ދެހަފްތާގައި ކުރަން ނިންމާފައިވާއިރު މިނީބަހުގެ ޚިދުމަތާއެކު ބަސް ދުއްވާ ރޫޓުތަކުގެ ޓްރެފިކަށް ބަދަލުގެނައުމަށް ފުލުހުންވަނީ ނިންމާފައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ މިނީ ބަހުގެ ޚިދުމަތް ފެށުމަށްޓަކައި އެންމެ ބޮޑު ބަދަލެއް ގެނައުމަށް ނިންމާފައިވަނީ އަމީނީ މަގުގެ ޓްރެފިކް ފްލޯއަށްކަމަށެވެ. އެގޮތުން ހޯމަދުވަހުން ފެށިގެން ހެނދުނު 11:30 އިން އިރުއޮއްސި 6 ޖެހުމާއި ހަމައަށް މާފަންނު ފަޅިން އަމީނީ މަގުގެ އެސްޓީއޯ ކޮށި ފެށޭ ބަޑިފަސްގަނޑު ހިނގުމުން ފެށިގެން ކަލާފާނު ސްކޫލް ހުންނަ ކަލާފާނުހިނގުމާއި ހަމައަށް 4 ފުރޮޅުލީ އުޅަނދުތައް ދުއްވޭނީ އެއްކޮޅަށެވެ. ސަމީރު ވިދާޅުވީ މިގަޑިތަކުގައި އަމީނީ މަގުގައި މިސަރަޙައްދުގައި 4 ފުރޮޅުލީ އުޅަނދުތައް ދުއްވޭނީ ހެންވޭރުން މާފަންނަށް ކަމަށެވެ. ބަހުގެ ރޫޓުތަކުގެ ތެރޭގައި ހިމެނޭ މަޖީދީ މަގާއި އޯކިޑް މަގުގައި މިހާރުވެސް ސްކޫލް ގަޑިތަކުގައި މިގޮތަށް ޓްރެފިކްވަނީ ބަދަލުކޮށްފައެވެ.
ސަމީރު ވިދާޅުވީ މިނީ ބަހުގެ ޚިދުމަތް ފެށުމާއެކު އަންނާނެ ބަދަލުތަކަށް ފުލުހުންވެސް ތައްޔާރުވަމުންދާކަމަށެވެ. އެގޮތުން މިއާއެކު ޓްރެފިކް ބެލެހެއްޓުމުގައި އިތުރު ޓްރެފިކް ފުލުހުން މަގުތަކުގައި ހަރަކާތްތެރިވާނެ ކަމަށް ސަމީރު ވިދާޅުވިއެވެ. އަދި ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވިދާޅުވެއެވެ.
މިނީ ބަހުގެ ޚިދުމަތް ފެށުމަށްޓަކާ ވަމުންދާ ތައްޔާރީތަކުގެ ތެރޭގައި ބަހުގެ ރޫޓު ހިމެނޭ މަގުތަކުގައި އިތުރު ޕާކިން ޤާއިމުކޮށް މަގުމަތީގައި ޕާކުކުރުންވަނީ މަނާކޮށްފައެވެ. އެހެންނަމަވެސް މިވޭތުވެދިޔަ ދުވަސްތަކުގައިވެސް މިމަގުތަކުގެ ބައެއް ސަރަޙައްދުތަކުގައި ހަތަރުފުރޮޅުލީ އުޅަނދުތައް މަޑުކޮށްގެން ޑްރައިވަރުން ގޭމު ކުޅުމަށާއި ދިގު ފޯން ކޯލްތަކުގައި ތިބޭކަން ފުލުހުންނަށް ފާހަގަވެފައިވާތީ އެގޮތަށް ޢަމަލުނުކުރުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ. އަދި ބަސް ދުއްވާ މަގުތަކުގައި އުޅަނދުތައް މަގުމަތީގައި މަދުންނަމަވެސް ޕާކުކުރާކަން ފާހަގަވެފައިވާތީ އެގޮތަށް އެއްވެސް ގަޑިއެއްގައި ޢަމަލުނުކުރުމަށްވެސް ފުލުހުންވަނީ އިލްތިމާސްކުރައްވާފައެވެ.
މާލޭގައި މިނީ ބަހުގެ ޚިދުމަތަށް ބަސް ދުއްވުމަށް ހަމަޖެހިފައިވަނީ މަޖީދީމަގާއި އަމީނީމަގު އަދި އޯކިޑް މަގާއި ފަރީދީ މަގުންނެވެ. މި ޚިދުމަތަށް 12 މިނީ ބަސް ވަނީ ރާއްޖެ ގެނެސްފައެވެ. ރާއްޖެ ޓްރާންސްޕޯޓް ލިންކްގައި ހިމެނޭ މި ޚިދުމަތުގައި ބޭނުންކުރާ ބަސްތައް ފަރުމާކޮށްފައިވަނީ މާލޭގެ ހަނި މަގުތަކުގައި ދުއްވޭގޮތަށް ބަލައިގެންކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. ބަހުގެ ޚިދުމަތް ދިނުމުގައި ސްކޫލް ކުދިންނާ އުމުރުން ދުވަސްވީ މީހުންނަށް ހިލޭ ދަތުރުކުރެވޭނެއެވެ.