ޚަބަރު

ކަމަދޫ ގެތެކަށް ނަރުދަމާހޮޅި ގުޅައި ނިންމާލައިފި


ބ.އަތޮޅު ކަމަދޫގައި ޤާއިމުކުރާ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތުގެ ދަށުން އެރަށުގެ ގެތެކަށް ނަރުދަމާގެ ހޮޅި ގުޅައި މައިހޮޅި ވަޅުލައި ނިންމާލައިފިއެވެ. މި މަސައްކަތް އެރަށުގައި ކުރަމުންދަނީ މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިންނެވެ.

ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެރަށު ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވިދާޅުވީ ކަމަދޫގެ 120 ގެއަކަށް ނަރުދަމާ ކަނެކްޝަން ގުޅައިދީ ނިމިފައިވާކަމަށެވެ. ނަރުދަމާ މަސައްކަތުގެ ތެރެއިން އެރަށުގައި ބަހައްޓާ 2 ޕަންޕް ސްޓޭޝަންގެ ވަޅުތައްވެސް ފައްތައި ނިމިފައިވާކަމަށާ، މިސައްކަތުގެ ދަށުން މޫދަށް އަޅާ މައިހޮޅި އެޅުމުގެ މަސައްކަތް އަދި ނުފަށާކަމަށް ޒަރީރު ވިދާޅުވިއެވެ. މަސައްކަތް ދާ ހަލުވިމިނަށްބަލާނަމަ އެމަސައްކަތްވެސް ލަސްތަކެއްނުވެ ފަށާ ނިންމާލާނެކަމުގެ އުންމީދުއޮތްކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރަމުންދަނީ އާރުއޯއިމާރާތުގެ މަސައްކަތެވެ. އެޢިމާރާތުގެ ހުރިހާ ކޮންކްރީޓް މަސައްކަތެއްހެން މިހާރުވަނީ ނިމިފައެވެ.

ކަމަދޫގައި ޤާއިމް ކުރާ ފެނުގެ ނިޒާމަށްބަލާއިރު، ޕްލާންޓުތަކުން އުފައްދާ ފެންރައްކާކުރުމަށްޓަކައި ބަހައްޓާ 200 އަކަމީޓަރުގެ ދެ ޓޭންކް ބެހެއްޓުމަށް ހަދާ ކޮންކްރީޓް ބުޑުތަކުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި ވާރޭފެން ރައްކާކުރުމަށްޓަކައި ބަހައްޓާ 520 އަކަ މީޓަރުގެ ތާނގީގެ ބުޑުވެސްވަނީ ނިންމާލާފައެވެ. މިރަށުގައި ބަހައްޓާ ތާނގީތައް މިހަފްތާތެރޭގައި އެރަށަށް ވަނީ ގެންގޮސްފައެވެ. މިތާނގީތައް ރޭވުމުގެ މަސައްކަތް ފެށުމަށް އެމްޑަބްލިއުއެސްސީން އަންނަނީ ތައްޔާރު ވަމުންނެވެ. މިރަށަށް ފެންފޯރުކޮށްދިނުމަށް ދުވާލަކު ފަންސަވީސް ހާސް ޓަނުގެ ފެން އުފެއްދޭ ޕްލާންޓަކާއެކު 4،387 ކިލޯ މީޓަރުގެ ފެނުގެ ވިއުގައެއް މިރަށުގައި ޤާއިމްކުރާނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގއިން އެމްޑަބްލިއުއެސްސީއާ މިމަސައްކަތް ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 14ވަނަ ދުވަހުއެވެ. 540 ދުވަހުގެތެރޭގައި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މިމަސައްކަތަށް 56.6 މިލިއަން ރުފިޔާ ޚަރަދުކުރެއެވެ.

މި މަޝްރޫއުގެ މަސައްކަތް މިއަހަރުގެ މެދެއްހާ ހިސާބަށް ނިންމާލެވޭނެކަމަށް އެކުންފުނިންވަނީ ކުރިން ވިދާޅުވެފައެވެ. އެހެންނަމަވެސް މަސައްކަތް ކުރުމުގައި ދިމާވި ދަތިތަކާހުރެ އެމުއްދަތައް ނިންމާނުލެވިދާނެކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ. އެއީ އެރަށުގައި އަލަށް އާބާދުވާ ސަރައްދަށް ނަރުދަމާއާއި ފެނުގެ މައިހޮޅި އަޅަން ޖެހުމުންކަމަށް އެކުންފުނިން ވިދާޅުވެއެވެ. އެހެންނަމަވެސް މިހާރު އަލަށް އާބާދުވާ ސަރަހައްދުގައިހުރި ރުއްގަސްތައް ނަގާ މަގުތައް ހެދުމުގެ މަސައްކަތް ނިމިފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. އަދި އެމަގުތަކުގައި ވަޅުލަންޖެހޭ ހޮޅިތައް މިހާރު ވަޅުލައި ނިމިފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.