ޚަބަރު

ޕާލޭ އެއަރ ޕްލެޖްގައި ޕިކްމޯލްޑިވްސްއާއި ޕާލޭމޯލްޑިވްސްއިން ސޮއިކޮށްފި


ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޖަމިއްޔާއެއްކަމަށްވާ ޕާލޭ ފޯރ ދި އޯޝަންސްގެ ދަށުން ރާއްޖޭގައި ޕާލޭ އެއަރ ސްޓްރެޓަޖީ ހިންގުމުގެ ހަރަކާތުގައި އެއްބާރުންދީ، ކަށަވެތިވުމުގެ ލިޔުން ނުވަތަ ޕާލޭ އެއަރޕްލެޖްގައި ޕިކްމޯލްޑިވްސްއާއި ޕާލޭ މޯލްޑިވްސްއިން ސޮއިކޮށްފިއެވެ.

ޕާލޭ މޯލްޑިވްސްއިން ރާއްޖޭގައި ހިންގާ އެއަރ ސްޓްރެޓަޖީ ހަރަކާތަކީ އެވޮއިޑް–އިންޓަރސެޕްޓް-ރިޑިޒައިން މި ތިން ހިކުމާތުގެ ދަށުން ޕްލާސްޓިކާ ދުރުހެލިވުމަށާއި އުކާލާ ޕްލާސްޓިކު ރާއްޖޭގެ ކަނޑުވެށި ތަޣައްޔަރުކުރުމަށް ދިޔަނުދީ އޮބަހައްޓައި، އައު ބޭނުންތަކަށާއި ރައްކާތެރި ނެއްތުމަށް ދީލައިދިނުމުގެ ހަރަކާތެކެވެ.

މި ހަރަކާތަކީ ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ އެހީތެރިކަމާއެކު މާލެއާއި އަތޮޅުތަކުގައި އެކި ސްކޫލްތަކާއި ކައުންސިލްތަކާއި ރިޒޯޓުތަކާއި ކެފޭ ގެސްޓްހައުސްތަކާއެކު 2015 އިން ފެށިގެން ހިންގަމުން އަންނަ ހަރަކާތެކެވެ.

ޕިކް މޯލްޑިވްސްއަކީ ރާއްޖޭގެ ފަތުރުވެރިކަން ރާއްޖޭން ބޭރުގައި އިސްތިހާރުކުރުމުގެ ދާއިރާގައި 2017 އިން ފެށިގެން ހަރަކާތްތެރިވާ ވަރަށް ތަފާތު ބްރޭންޑެކެވެ. މި ބްރޭންޑުގެ ދަށުން ތައްޔާރުކޮށް ނެރޭ "ޕިކްމޯލްޑިވްސް"ގެ ފޮޓޯ ފޮތަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ޝައުގުހުރި ބޭރުގެ މަޝްހޫރު ފަރާތްތަކުގެ މެދުގައި ވަރަށް މަގުބޫލު ފޮތެކެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލު އަހަރަށް ޚާއްސަ ކުރެވިގެން ނެރޭ ފޮތުގައި ޕާލޭ މޯލްޑިވްސް އާއި އެއަރ ސްޓްރެޓަޖީގެ މައުލޫމާތު ހިމެނޭނެއެވެ. ރާއްޖޭގެ ތިމާވެށި ތާޒާކަމާއެކު ދެމެހެއްޓުމުގެ މުހިންމުކަމަކީ ޕިކްމޯލްޑިވްސްއިން ވެސް ބާރުއަޅައި ވަކާލާތުކުރާ ކަމަކަށް ވުމާއެކު، ޕާލޭ އެއަރ ސްޓްރެޓެޖީ ކުރިއެރުވުމުގައި އެއްބާރުލައި އެހީތެރިވެދިނުމަކީ ދެފަރާތަށްވެސް އިތުރު ހިތްވަރެއް ލިބޭ މުހިންމު ކަމެއް ކަމުގައި ޕިކްމޯލްޑިވްސްއިން ދެކެއެވެ.

ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރަށް ޚާއްސަކުރެވިގެން ނެރޭ ޕިކްމޯލްޑިވްސްގެ 3 ވަނަ ފޮޓޯ ފޮތް ރަސްމީކޮށް ނެރެން ހަމަޖެހިފައިވަނީ ނޮވެމްބަރު 3 ގައި ލަންޑަނުގައި ބާއްވާ "ލަގްޒަރީ ޓްރެވަލް ފެއަރ" ގައެވެ. މި އެގްޒިބިޝަންގައި ޕިކްމޯލްޑިވްސްގެ ޚާއްސަ ސްޓޭންޑެއް ހުންނާނެއެވެ. މި "ލަގްޒަރީ ޓްރެވަލް ފެއަރ"ގައި މި އަހަރު ދިވެހިރާއްޖެ ތަމްސީލުކުރާނެ ހަމައެކަނި ސްޓޭންޑަކީ ޕިކްމޯލްޑިވްސްގެ ސްޓޭންޑެވެ.

ޕާލޭ މޯލްޑިވްސްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މި އެއަރޕްލެޖުގައި ޕިކްމޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ބްރޭންޑުގެ ފައުންޑަރ ރިއާޔަތު ޢަބްދުލްމަޖީދުއެވެ. ޕާލޭމޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ފައުންޑަރެއް ކަމުގައިވާ ކުރީގެ ޕްލޭނިންގ މިނިސްޓަރ ޙަމްދޫން ޙަމީދުއެވެ.