އާސެނަލް އަށް ކުޅެމުން އައި ބްރެޒިލްގެ ފޯވަޑް ގެބްރިއަލް ޖީސަސް ބާސެލޯނާ އަށް ބަދަލުވާން ނިންމައިފި އެވެ.
ބާސެލޯނާއިން އޭނާގެ ސޮއި ހޯދަން ނިންމީ އެ ޓީމަށް ފޯވަޑެއް ހޯދަން ކުރި މަސައްކަތުގައި އާޖެންޓީނާގެ ހޫލިއަން އަލްވަރޭޒް ގެނެވޭ ގޮތް ނުވުމުންނެވެ. އެއީ އޭނާގެ ކުލަބު އެތްލެޓިކޯއިން ބާސެލޯނާ އަށް ކުޅުންތެރިޔާ ވިއްކަން ބޭނުން ނުވުމުންނެވެ.
ޖީސަސް އަކީ ކުރިން މެންޗެސްޓާ ސިޓީ އަށް ވެސް ކުޅުނު ކުޅުންތެރިއެކެވެ. ނަމަވެސް ފާއިތުވެދިޔަ ދެ ސީޒަނުގެ ބޮޑު ބައެއް އޭނާ ހޭދަކުރީ އަނިޔާގެ ސަބަބުން ފޯމު ކަޓާފަ އެވެ. އޭނާ އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 2015 އިން 2022 އަށް ސިޓީގަ އެވެ. އެ ޓީމަށް ކުޅުނު 159 މެޗުން 58 ގޯލު ޖެހި ނަމަވެސް އާސެނަލް އަށް ބަދަލުވެ 84 މެޗުން ޖެހުނީ އެންމެ 21 ގޯލެވެ. ބްރެޒިލްގެ ގައުމީ ޓީމަށް އޭނާ ވަނީ 64 މެޗުން 19 ގޯލު ޖަހައިދީފަ އެވެ. ނަމަވެސް 2023އިން ފެށިގެން ގައުމީ ޓީމަށް އޭނާ ނުނަގަ އެވެ.
ބާސެލޯނާއިން އޭނާގެ ސޮއި ހޯދީ 10 މިލިއަން ޔޫރޯ އަށެވެ. އެއީ ދެ އަހަރު ދުވަހުގެ މުއްދަތަށެވެ. ނަމަވެސް ރަނގަޅު ކުޅުމެއް ދައްކައިފިނަމަ އިތުރު އަހަރަކަށް އެއްބަސްވުން އައު ކުރެވޭނެ ގޮތަށް މާއްދާއެއް ވަނީ ހިމަނައިފަ އެވެ.
ކުލަބު ބަދަލު ކުރުމުގެ ކަންކަން ނިންމުމަށް ޖީސަސް މާދަމާ ބާސެލޯނާގެ މެޑިކަލް ފުރިހަމަ ކުރަން ސްޕޭނަށް ދާނެ އެވެ. ސްޕޭނުގެ މީޑިޔާތަކުން ބުނާ ގޮތުގައި ބާސެލޯނާއިން އެ ޓީމުގެ ކުރިއަށް ކުޅުވަން ގެންނަން ބޭނުންވީ މެންޗެސްޓާ ޔުނައިޓެޑްގެ މާކަސް ރަޝްފޯޑެވެ. ނަމަވެސް މިދިޔަ ސީޒަން ލޯނު އުސޫލުން ބާސެލޯނާގައި ހޭދަކުރި ކުޅުންތެރިޔާ ވިއްކަން މެންޗެސްޓާ އެއްބަސް ނުވީ އެވެ.
ބާސެލޯނާއިން ފޯވަޑަކު ހޯދުން އިސްކަމަކަށް ބޭއްވީ އެ ޓީމުގެ ކުރި ބެލެހެއްޓި ދެ ފޯވަޑުން ކަމަށްވާ ރޮބަޓް ލެވޮންޑޯސްކީ އާއި ފެރަން ޓޮރޭޒް ޓީމު ދޫކޮށްލުމުންނެވެ.