ޚަބަރު

މެރިޓައިމް ދުވަހާ ގުޅިގެން ރާއްޖޭގެ ހުރިހާ ބަނދަރެއްގައިހުރި އުޅަނދުތައް ބަލައިފާސްކުރަނީ


ދުނިޔޭގެ ކަނޑުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ދުވަސް ނުވަތަ މެރިޓައިމް ދުވަސް ފާހަގަކުރުމަށްޓަކައި ރާއްޖޭގެ ހުރިހާ ބަނދަރެއްގައި ހުރި ހުރިހާ އުޅަނދެއް ބަލައިފާސްކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މިޕްރޮގްރާމް ހަފްތާއެއްގެ މުއްދަތަކަށް "ސޭފްޓީ ވީކް"ގެ ނަމުގައި ކުރިއަށްގެންދިޔުމަށްވަނީ ނިންމާފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއާއި ސިފައިންނާއި ފުލުހުން ގުޅިގެން ދުނިޔޭގެ ކަނޑުތަކުގެ ސަލާމަތީ ދުވަހާ ދިމާކޮށް ރާއްޖޭގެ ބަނދަރުތަކުގައި ހުރި އުޅަނދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތުގެތެރެއިން މާލޭ ނޯތު ހާބަރުގައިހުރި ހުރިހާ އުޅަނދެއް މިހާރުވަނީ ބަލައިފާސްކޮށްފައެވެ. މިޙަރަކާތާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ ހުސެއިން ނަޒީރު ވިދާޅުވީ ބަލާފާސްކުރުމުގެ މިޕްރޮގްރާމްގެ ތެރެއިން ތިން ދުވަހުގެ ތެރޭގައި މާލޭގެ ނޯތު ހާބަރުން ފާހަގަކުރެވުނު މައިގަނޑު ކަންތައްތަކުގެ ތެރޭގައި ލައިފްޖެކެޓު ހަމަނުވުމާއި ލައިފްޖެކެޓުގެ ނަންބަރު ނެތުމާއި ލައިފް ރިންގުގައި ހުންނަ ވާގަނޑު ނެތުން ފަދަ ކަންކަން ހިމެނެއެވެ.

އާދިއްތަ ދުވަހު މާލޭ 1 ނަމްބަރު ފާލަމަށް އަތޮޅުތަކުގެ ރަށްރަށުން އަންނަ އުޅަނދުތައް ބަލައިފާސްކުރަމުންދާއިރު ޢާންމުގޮތެއްގައި ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތަށް ގިނަ އުޅަނދުގެ ކަންކަން ހުރިކަން ނަޒީރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މިފަހަރު ކުރިއަށް މިގެންދަނީ ބުނެދީ ހޭލުންތެރިކުރުވުމުގެ ބައެއް. މިގޮތުން ސަލާމަތީ ރައްކާތެރިކަމާ ގުޅުންހުރި މަޢުލޫމާތު ހިމެނޭ ފޮތެއްވެސް އެބަ އޮޑިދޯނީގެ ކެޕްޓަނުންނަށް ދެން. އެހެންވީމަ ދެން ނުބުނެވޭނެ ޤަވާޢިދާ ޚިލާފުވެވުނީ ނޭނގިގެންނޭ. ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެން ފިޔަވަޅު އަޅަމުންދާނަން އެހެންވީމަ." ނަޒީރު ވިދާޅުވިއެވެ.

ދުނިޔޭގެ މެރިޓައިމް ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ ފަހު ހަފްތާއެވެ. މިއަހަރުގެ މިދުވަސް ފާހަގަކުރުމަށް އެކި ޙަރަކާތްތައް ރާއްޖޭގެ އެކި ރަށްރަށުގައި ޓްރާންސްޕޯޓް މިނިސްޓްރީއިން އަންނަނީ ހިންގަމުންނެވެ. މިގޮތުން ޕޯޓުތަކުގެ ސަލާމަތީކަންކަން ބެލުމާއި ކަނޑު އުޅަނދުފަހަރުގެ ސަލާމަތީކަންކަން ބެލުމުގެ އިތުރުން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުމުގެ އެކި މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.