އެމްޓީސީސީއިން މާލޭގައި ތަޢާރަފްކޮށްފައިވާ މިނީ ބަހުގެ ޚިދުމަތަށް ޢާއްމުންގެ ބޮޑު ތަރުޙީބެއް އަންނަނީ ލިބެމުންނެވެ. ހޯމަ ދުވަހުން ފެށިގެން ބަހުން އަގުނަގައިގެން ޚިދުމަތް ދޭންފަށާފައިވާއިރު ބަހުގެ ޓިކެޓު ނެގުމުގައި ގިނަ ބަޔަކަށް އަދިވެސް އޮޅުން އަރަމުންދާކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް މިނީ ބަހުގެ ޚިދުމަތަށް ޓިކެޓު ނެގުމަށް އެމްޓީސީސީއިންވަނީ ލުއިފަސޭހަ ގޮތެއް ހަމަޖައްސައިދީފައެވެ.
މާލޭގައި މިނީ ބަހުގެ ޚިދުމަތަށް ޢާއްމުން ހޭލުންތެރިކުރުވުމަށްޓަކައި ހިލޭ މަހެއްހައިދުވަހު ޚިދުމަތް ދިނުމަށްފަހު އެމްޓީސީސީންވަނީ ހޯމަ ދުވަހުން ފެށިގެން ބަހުން އަގުނަގަން ފަށާފައެވެ. މިއާއެކުވެސް ގިނަ ބަޔަކަށް ހާސްކަން ގެނުވި އެއް ކަމަކީ ބަހުގެ ޚިދުމަތަށް ފައިސާ ދެއްކުމުގައި އިލެކްޓްރޯނިކް ވަޞީލަތްތައް ހުރުމާއި ބަހުގައި ފައިސާ މާރުކުރެވޭނެ ގޮތް ނެތުމުގެ ކަންބޮޑުވުމެވެ. އެހެންނަމަވެސް މިކަމަށް ޙައްލެއް އެމްޓީސީސީއިންވަނީ ކުރިންވެސް ހަމަޖައްސާފައެވެ. ބަހުގައި ދަތުރުކުރާ ޢުމުރުން ދޮށީ ބޭފުޅުންގެ ތެރެއިން 65 އަހަރުން މަތީގެ ބޭފުޅުންނާއި 3 އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީކާޑު ދައްކާލުމުން ބަހުގައި ހިލޭ ދަތުރުކުރެވެއެވެ.
މިޒަމާނުގައި ކޮންމެ މީހަކުވެސް ގެންގުޅެނީ ސްމާޓް ފޯނެކެވެ. އެހެންކަމުން ވަގުތުން ވަގުތަށް ޓިކެޓު ނެގުމަށް ދަތިވާ ބޭފުޅުންނަށް ދުރާލާ ޓިކެޓު ގަނެފައި ބެހެއްޓިދާނެއެވެ. މިގޮތުން ދުރާލާ 4 ބާވަތެއްގެ ޓިކެޓު ނަގާފައި ބެހެއްޓޭނެ އިންތިޒާމު އެމްޓީސީސީންވަނީ ހަމަޖައްސާފައެވެ.
ގިނަ ޓިކެޓު ނުނަގާ، ހަމައެކަނި ވަކިތަނަކަށް ގޮސްފައި އެނބުރި އައުމަށް ބޭނުންވާ މީހުންނަށް ރިޓާން ޓިކެޓުގެ ގޮތުގައި 2 ދަތުރަށް ވާ ޓިކެޓު ނެގުމަށްފަހު 7 ދުވަސްވަންދެން ބެހެއްޓޭނެއެވެ. އެއީ ކޮޅަކަށް 7 ރުފިޔާ މަގުން ދެދަތުރަށް 14 ރުފިޔާއެވެ.
މީގެއިތުރުން އެމްޓީސީސީން ވަނީ ގިނަ ދަތުރަށް އެއްފަހަރާ ފައިސާ ދައްކާފައި ބެހެއްޓޭނެ ގޮތްވެސް ތަޢާރަފްކޮށްފައެވެ. އެގޮތުން 3 ބާވަތެއްގެ ޓިކެޓު ދިގު މުއްދަތަކަށް ނަގާފައި ބެހެއްޓޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ. އެގޮތުން 10 ދަތުރާހަމައަށް، 30 ދަތުރާހަމައަށް އަދި 30 ދަތުރާއިހަމައަށް ޓިކެޓު ގަނެފައި ބެހެއްޓޭނެއެވެ.
ގިނަ ދުވަހަށް ގިނަ ދަތުރުކުރަން ޓިކެޓަށް ފައިސާ ދައްކާފައި ބަހައްޓަން ބޭނުންވާ މީހުންނަށް މަލްޓި ޖާނީއިން 10 ދަތުރަށް ފައިސާ ދައްކާފައި ބެހެއްޓޭނެއެވެ. މިބާވަތުގެ ޓިކެޓު ބޭނުންކުރެވޭނެ މުއްދަތަކީ 15 ދުވަހެވެ. އެއީ ކޮންމެ ދަތުރަކަށް 7 ރުފިޔާގެ މަގުން 70 ރުފިޔާއެވެ.
މި ބާވަތުގެ ޓިކެޓު 30 ދަތުރަށް ނަގާފައި 15 ދުވަހުގެ މުއްދަތަކަށް ބެހެއްޓޭނެއެވެ. އެއީ 210 ރުފިޔާއެވެ.
މިބާވަތުގެ ޓިކެޓު 60 ދަތުރުގެ ފައިސާ ނަގާފައި ބެހެއްޓޭނެއެވެ. 60 ދަތުރުގެ ޓިކެޓު 30 ދުވަހުގެ މުއްދަތަކަށް ނަގާފައި ބެހެއްޓޭނެއެވެ. އެއީ 7 ރުފިޔާގެ ރޭޓުން 60 ދަތުރަށް 420 ރުފިޔާއެވެ.
މިގޮތަށް ފައިސާ ދައްކާފައި ބެހެއްޓުމުން ދަތުރުކުރާ ފަރާތުގެ ވަގުތު ސަލާމަތްކުރެވި ބަހުގެ ޝެޑިއުލްއަށް އެއްވެސް ބުރުލެއް ނަރާ ޚިދުމަތް ގަޑިން ގަޑިއަށް ދެވޭނެކަމަށް އެމްޓީސީސީއިން ވިދާޅުވެއެވެ.
އެމްޓީސީސީގެ "އާރްޓީއެލް ޓްރެވެލް އެޕް" ފޯނަށް އެޅުމަށްފަހު އެބޭފުޅަކު ޓިކެޓު ނެގުމަށް ބޭނުންވާ ޢަދަދަކަށް ޓިކެޓު ނެގުމަށްފަހު ބެހެއްޓިދާނެއެވެ. ހުޅުމާލެއާއި މާލެއާދެމެދު ދަތުރުކުރުމަށްވެސް ޚާއްސަ ބަސްކާޑެއް އެމްޓީސީސީންވަނީ ތައްޔާރުކޮށްފައެވެ. އެކާޑަކީ ޓޮޕްއަޕް ކުރަން ވަކި ބަސްސްޓޮޕަކަށް ދާންޖެހޭގޮތަށް އޮންނަ ކާޑަކަށްވުމުން ދަތުރުކުރެވޭ ވަރާއި ބާކީހުރިވަރު ބެލެން ނެތުމަކީ އެސަރަޙައްދުގައި ދަތުރުކުރާ ފަރާތްތަކުގެ އޭރުގެ ކަންބޮޑުވުމެވެ. އެހެންނަމަވެސް އާރްޓީއެލް ޓްރެވެލް އެޕާއެކު ދަތުރަށް ފައިސާ ދެއްކިވަރާއި ބާކީހުރި ދަތުރުތަކުގެ ތަފްސީލު ފެންނަގޮތްވަނީ ހަމަޖައްސާފައެވެ. އެހެންކަމުން މިހާރު ތަޢާރަފްކޮށްފައިވާ މިނިޒާމުގެ ތެރެއިން ބަހަށް ފައިސާ ދެއްކުމަށް މާބޮޑުތަނުންވެސް ލުއިވެގެންދާނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
ދުރާލާ ޓިކެޓު ނަގަން ބޭނުންނުވާ ފަރާތްތަކަށް ބަހުގައި ދަތުރުކުރާ ވަގުތު ފައިސާ ދެއްކޭނެ އިންތިޒާމުވެސްވަނީ ހަމަޖައްސާފައެވެ. އެހެންނަމަވެސް ބަހުގައި ފައިސާ މާރުކުރެވޭނެ އިންތިޒާމެއް ނުހުންނާނެކަމަށާއި ބަރާބަރު 7 ރުފިޔާ ގެންދިޔުމަށް އެމްޓީސީސީއިންވަނީ އެދިފައެވެ. މީގެއިތުރުން ކިއުއާރް ކޯޑް މެދުވެރިކޮށް ބަހުގައި ހުންނަ ސްކޭން މެޝިން މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމުވެސްވަނީ ހަމަޖައްސާފައެވެ. މީގެއިތުރުން ބީއެމްއެލް ވީޒާ ކާޑާއި މާސްޓަރކާޑު މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު މިއަހަރުގެ ނިޔަލަށް ހަމަޖެއްސުމަށް އެމްޓީސީސީން އަންނަނީ މަސައްކަތްކުރަމުންނެވެ.