ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙުމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުއްލަވާފައިވާ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ މައްސަލާގެ ދަޢުވާއާ ގުޅިގެން ވަކީލަކު ޢައްޔަންކުރައްވައި، ޖަވާބުދާރީވެވަޑައިގަތުމަށް ތިން ދުވަހުގެ މުއްދަތެއް ކުރިމިނަލް ކޯޓުން ދެއްވައިފިއެވެ. ދައުލަތުން އަޙުމަދު މަހްލޫފްގެ މައްޗަށް އުފުއްލަވާފައިވާ ދަޢުވާގައި ބަޔާންކުރައްވާފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ ތިންވަނަ ދުވަހު މަހްލޫފް ހައްޔަރުކުރައްވައި، ބަންދާ މެދުގޮތެއް ނިންމެވުމަށް ކޯޓަށް ޙާޟިރުކުކުރެއްވުމަށްފަހު އަނބުރާ ގެންދަވަން އުޅުއްވި ވަގުތު ފުލުހުންގެ ވެހިކަލަށް އަރާވަޑައިގަތުމަށް ތަކުރާރުކޮށް އެންގެވުމުންވެސް އެކަމާ ދެކޮޅުހައްދަވައި، ދުވެވަޑައިގެން ފިއްލަވަން މަސައްކަތްކުރައްވާފައިވާކަމުގެ ތުހުމަތުގައެވެ. ދަޢުވާއަށް ޖަވާބްދާރީވެވަޑައިގަތުމަށް ފުރުޞަތުދެއްވުމުން އަޙުމަދު މަހްލޫފް ވިދާޅުވީ އެނާގެ ވަކީލަކަށް ވެދިނުމަށް ބައެއް ވަކީލުން ގާތު އެދިވަޑައިގެންނެވިކަމަށާއި އެހެންނަމަވެސް ސަސްޕެންޑް ކުރައްވަފާނެކަމަށް ބުނެ މައްސަލައިގައި ވަކާލާތުކޮށްދިނުމަށް ބައެއް ވަކީލުން ދެކޮޅު ހަދާފައިވާކަމަށެވެ. އެހެންކަމުން ވަކީލަކު އައްޔަންކުރުމަށް އިތުރު ފުރުޞަތެއް ދެއްވުމަށްވެސް އަޙުމަދު މަހްލޫފް މިއަދު ކޯޓްގައި އެދިވަޑައިގެންނެވިއެވެ.މި މައްސަލާގައި މިއަދު ބޭއްވެވި އަޑުއެހުން ނިންމަވާލެއްވީ ވަކީލަކު ޢައްޔަންކުރެއްވުމަށް ތިންދުވަހުގެ މުހުލަތެއް މަހްލޫފަށް ކޯޓުން ދެއްވުމަށްފަހުއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ވަކީލަކު ހަމަނުޖެހުނުނަމަވެސް ޝަރީޢަތް ކުރިޔަށް ގެންދަވާނެކަންވެސް މައްސަލަ ބައްލަވާ ގާޒީ އެންގެވިއެވެ.