ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމާލާފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ. އެރަށު ކައުންސިލްގެ ރައީސް އިބްރާޙިމް އަބްދުއްރަޙްމާން ވިދާޅުވީ، މިއީ ކެންދޫގެ ތަރައްޤީއަށް ކުރެވުނު މުހިންމު މަސައްކަތެއްކަމަށެވެ.
ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްކޮށްފައިވަނީ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓެކްޓިން ކޮމެޕެނީ، އެމް.ޓީ.ސީ.ސީ އިންނެވެ. އެރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެކުންފުނިން ފެށީ މިއަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ. އެގޮތުން ރަށުގެ ވަށައިގެން އެކި ސަރަހައްދުތައް ހިމެނޭ ގޮތަށް 803 މީޓަރުގެ ބޭރު ތޮށިލާ، އެރަށު ފުޓްބޯޅަ ދަނޑު ހިމެނޭ ސަރަހައްދުގައި ޖަހާ 80 މީޓަރުގެ ރިވެޓްމަންޓްގެ މަސައްކަތްވެސް ވަނީ ނިންމާލާފައެވެ. މީގެ އިތުރުން 90 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތްވެސް ވަނީ ނިންމާފައެވެ.
މި މަސައްކަތުގެ ދަށުން ހަވާލުކޮށްފައިވާ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާއިރު، މިހާރު ކުރަމުންދަނީ އެރަށުގައި ހަދާ ފަތާ ސަރަހައްދަށް ވެލި ފުރާނާފައި އެޅުމުގެ މަސައްކަތްކަމަށް ކެންދޫ ކައުންސިލުން ވިދާޅުވެއެވެ. މިފަތާ ސަރަހައްދު ފުންކޮށް ވަނީ ނިންމާލާފައެވެ.
ކެންދޫ ކައުންސިލްގެ ރައީސް އިބްރާޙިމް އަބްދުއްރަޙްމާން ވިދާޅުވީ، ޒަމާނުންސުރެ ރަށްގިރުމުގެ މައްސަލަ ކުރިމަތިވަމުން އައި ކެންދޫ ރައްޔިތުންނަށް ރައްކާތެރިކަން މިހާރު ކަށަވަރު ވެފައިވާކަމަށެވެ. ރަށުގެ ގޮނޑުދޮށް ހިމާޔަތް ކޮށްފައިވަނީ ފަތުރުވެރިކަމަށްވެސް ފައްކާވާ ގޮތައްކަމަށް އޭނާ ވިދާޅުވިއެވެ. ކެންދޫ ގައި ބޮޑު ހިލައިގެ ތޮށިލާފައިވަނީ ފަރުގެ ބޭރު ކައިރީގައި އެރަށު ގޮނޑުދޮށް ނުގެއްލޭނެހެންނެވެ. ކެންދޫ ރައްޔިތުން ކުރަމުންއައި ރަށްގިރުމުގެ ޒަމާންވީ ތަކުލީފް ނިމުމަކަށް ގެނަސްދެއްވީތީ އަދުގެސަރުކާރަށް ރައްޔިތުންގެ ނަމުގައި އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.
"މީ ދުވަހަކުވެސް އުންމީދު ކުރިކަމެއްނޫން ރަށްގިރަމުންގިރަމުންގޮށް ވަށައިގެން ބޮޑުބައެއްވަނީ ގިރައިގެން ގޮސްފައި، އަދިކިރިޔާ މިކަމަށް ހައްލުމިލިބުނީ މީ ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުވެގެންދިޔަކަމެއް އަދި މީ ތަރައްޤީއަށް ކުރެވުނު މުހިންމު މަސައްކަތެއް" ޕީ.އެސް.އެމް ނިއުސްއަށް އިންޓަރވިއުދެމުން ކެންދޫ ކައުންސިލްގެ ރައީސް އިބްރާޙިމް އަބްދުއްޜަޙްމާން ވިދާޅުވިއެވެ.
ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ އިތުރުން އެރަށުގައި ސަރުކާރުން އިތުރު މަޝްރޫޢުތަކެއްވެސް އަންނީ ހިންގަމުންނެވެ. އެގޮތުން ފެނާ ނަރުދަމާ އެޅުމާއި، ފެނަކަ އިމާރާތް އެޅުމާއި، ސްކޫލަށް ޖާގަ އިތުރު ކުރުމަށް ދެބުރީގެ ބޮޑު އިމާރާތެއް އެޅުމުގެ އިތުރުން އެރަށު ބޮޑު ފުޓްބޯޅަ ދަނޑު ތަަރައްޤީ ކުރުމުގެ މަސައްކަތް ހިމެނެއެވެ.
ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާ ހަވާލު ކުރީ 39.9 މިލިއަން ރުފިޔާއަށެވެ.