ޚަބަރު

އަޔޫޝްމާން އަނެއްކާވެސް ވަރަށް ތަފާތު ފިލްމަކުން


ބޮލީވުޑް އެކްޓަރު އަޔޫޝްމާން ކުރާނާ އޭނާ އަބަދުވެސް ފެންނަ ވައްތަރުގެ ސޯޝަލް ކޮމެޑީ ފިލްމުތަކާއި ދުރަށް ޖެހިލައި ތަފާތު ޖޯންރާއެއްގެ ފިލްމެއް ކުޅެން ތައްޔާރުވެއްޖެއެވެ.

އޭނާގެ ކުރިއަށް އޮތް ފިލްމު "އޭން އެކްޝަން ހީރޯ" އަށްފަހު އަޔޫޝްމާން ދެން ފެންނާނީ ހޮރާ ކޮމެޑީ ފިލްމަކުން ކަމަށް ދާދިފަހުން ދިން އިންޓަވިއުއެއްގައި އަޔޫޝްމާން ވަނީ ބުނެފައެވެ.

އަޔޫޝްމާން މިކަން އިޢުލާނުކުރުމުގެ ކުރިން ހޮރާ ފިލްމު "ސްޓްރީ" ގެ އެކްޓަރު ރާޖްކުމާރު ރާއޯ ވަނީ އަޔޫޝްމާންއާއި ވަރުން ދަވަން އާއިއެކު ދިނޭޝް ވިޖާންގެ ހޮރާ ކޮމްޑީ ޔުނިވާސްގެ އިންސްޓޯލަމެންޓަކުން ފެންނާނެ ކަމަށް ބުނެފައެވެ.

ހޮރާ ކޮމެޑީ ފްރެންޗައިޒަރ ފިލްމުތައް ދިނޭޝް ފެށީ 2018 ވަނަ އަހަރު ދެއްކި ބްލޮކްބާސްޓަރ ފިލްމު "ސްޓްރީ" އިންނެވެ. މީގެ ލީޑް ރޯލުން ފެނުނީ ރާޖްކުމާރު ރާއޯ އާއި ޝްރައްދާ ކަޕޫރެވެ. މި ފިލްމުގެ ބޮޑު ކާމިޔާބަށްފަހު އަނެއްކާވެސް މީމިފަދަ އިތުރު ފިލްމެއް ދިނޭޝް އުފެއްދިއެވެ. "ރޫހީ" ކިޔާ މި ފިލްމުގައިވެސް ލީޑް ރޯލުން ފެނުނީ ރާޖްކުމާރު ރާއޯ އެވެ. ރާޖްކުމާރާއިއެކު ދެން ފެނުނީ ޖާންވީ ކަޕޫރެވެ. ނަމަވެސް މި ފިލްމަށް "ސްޓްރީ" އަށް ލިބުނު ކަހަލަ ކާމިޔާބެއް ނުލިބުނެވެ.

އޭގެފަހުން އަނެއްކާވެސް ޕްރޮޑަކްޝަން ޓީމުން ވަނީ މިފަދަ 3 ވަނަ ފިލްމެއްވެސް އުފައްދާފައެވެ. ވަރުން ދަވަން އާއި ކްރިތީ ސެނޮން ލީޑް ރޯލުން ފެންނަ މި ފިލްމަކީ "ބޭދިޔާ" އެވެ. މީގެ ސީކުއަލް އެއްވެސް ވަރަށް އަވަހަށް އުފައްދާނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ވަނީ ބުނެފައެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އަޔޫޝްމާން ފެންނަ މި ފިލްމަކީ ވެމްޕަޔާސް ގެ މައްޗަށް އުފައްދާ ފިލްމެކެވެ. އަމަރު ކޯޝިކް ޑައިރެކްޓުކުރާ މި ފިލްމު އަދި ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ.