ޚަބަރު

ސްޕީލްބާގް ޑައިރެކްޓްކުރާ ފިލްމެއް ބްރެޑްލީ ކޫޕާއަށް


ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ސްޓީވެން ސްޕީލްބާގް ޑައިރެކްޓްކުރާ ފިލްމަކުން މަޝްހޫރު އެކްޓަރު ބްރެޑްލީ ކޫޕާއަށް ފުރުޞަތު ލިބިއްޖެއެވެ.

ވޯނާ ބްރޯސްއާ ގުޅިގެން ހަދަން ނިންމާފައިވާ މި ފިލްމަކީ ކުރިން ވެސް އެ ސްޓޫޑިއޯ އިން ގެނެސްދިން "ބްލިޓް" އެއްފަރާތްކޮށްލުމަށްފަހު ހަދަން ނިންމާފައިވާ މުޅިން އޮރިޖިނަލްއެއް ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އެކްޝަން ތުރިލާއެއްގެ ގޮތުގައި ގެނެސްދިން "ބްލިޓް" އަކީ 1968 ވަނަ އަހަރު ރިލީޒްކުރި ފިލްމެކެވެ. އެމެރިކާގެ ކުރީގެ ވަރުގަދަ ފުލުހެއް ކަމަށްވާ ފްރޭންކް ބްލިޓުގެ މައްޗަށް ބިނާކޮށް ގެނެސްދިން އެ ފިލްމުގައި ޓައިޓުލް ރޯލު ކުޅުނީ ސްޓީވް މެކްއީންއެވެ.

ޕީޓާ ޔޭޓްސް ޑައިރެކްޓްކުރި "ބްލިޓް" އަކީ ލިޔުންތެރިޔާ ރޮބަޓް އެލް ފިޝްގެ 1963 ގެ ވާހަކަ "މިއުޓް ވިޓްނެސް" އަސްލަކަށް ބަލައިގެން ހެދި ފިލްމެކެވެ.

ނަމަވެސް ސްޕީލްބާގް އާއި ކޫޕާގެ "މިއުޓް" އަކީ މުޅިން ތަފާތު އޭންގަލަކުން، މުޅިން އޮރިޖަނަލް ޕްލޮޓަކަށް ހަދަން ނިންމާފައިވާ ފިލްމެކެވެ. މީގެ ސްކްރީން ޕްލޭގެ މަސައްކަތް ކުރަމުން ދަނީ "ދަ ޕޯސްޓް" އާއި "ސްޕޮޓްލައިޓް" ގެ ސްކްރީން ރައިޓަރު ޖޯޝް ސިންގާއެވެ.

"ބްލިޓް" ކުޅުމުގެ އިތުރަށް މީގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ކޫޕާ ހިއްސާވާނެއެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެ، 2018 ވަނަ އަހަރު ގެނެސްދިން "އަ ސްޓާ އިޒް ބޯން" ކުޅެ، ޑައިރެކްޓްކުރި އެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ އޭނަ ލިޔެ، ޑައިރެކްޓްކުރި ބައޮގްރިފިކަލް ފިލްމު "މައެސްޓްރޯ" އެވެ. މީގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ސްޕީލްބާގްވެސް ހިމެނެއެވެ.

"އީޓީ: ދި އެކްސްޓްރާ ޓެރެސްޓްރިލް" އާއި "ޖުރަސިކް ޕާކް" އާއި "ދަ ޓާރމިނަލް" އާއި "ލިންކަން" އަދި "ޝިންޑްލާސް ލިސްޓް" ފަދަ އެތައް ފިލްމެއް ގެނެސްދިން ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 11 ގައި ރިލީޒްކުރި "ދަ ފޭބެލްމަންސް" އެވެ.