ޒުވާނުން ބާރުވެރިކޮށް ޒުވާނުންނަށް ބޭނުންވާ ވަޒީފާގެ ފުރުޞަތު ފަހިކޮށް، ޤައުމުގައި ވަޒީފާނެތް މީހުންގެ ނިސްބަތް މަދުވުމަކީ ޤައުމުގެ އިޤްތިޞާދު ރަނގަޅުކަން ވަޒަން ކުރެވޭ އެއް ސަބަބެވެ. މިކަން ކުރުމަށް ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތައް ގުޅިގެން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ޒުވާނުން ޝައުގުވެރިވާނެ ގޮތަކަށް ޒުވާނުން ބާރުވެރިކުރުވުމުގެ މަސައްކަތް ކުރަމުން އަންނަ އެއް ކުންފުންޏަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއެވެ.
ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު މަސައްކަތް ކުރުމުގެ ދާއިރާއަށް އަންނަނީ ބޮޑެތި ބަދަލުތައް އަންނަމުންނެވެ. މިބަދަލުތަކަށް މަސައްކަތުގެ މާޙައުލު ބަދަލުކޮށް މުވައްޒަފުން އެބަދަލަށް ހޭނުވުމަކީ އެތަނެއްގެ އުފެއްދުންތެރިކަން އިތުރުކުރުމަށްވެސް ބޭނުންތެރިކަމެކެވެ. އެއީ ވަޒީފާއަށް ބޭނުންވެފައިތިބި ޒުވާނުންގެ ޝައުގުވެރިކަމާއިވެސް ގުޅިފައިވާކަންކަމެވެ. ނިމުނު ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯގައި އެމްޕީއެލްއިން ޤާއިމުކުރި ސްޓޯލަށް ބޮޑު ސަމާލުކަމެއް ލިބިގެންދިޔައީ އެފަދަ ސަބަބެއް އޮވެގެންނެވެ.
ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިއްމު ދައުރެއް އަދާކުރާ ރާއްޖޭގެ ވިޔަފާރި ބަނދަރުތައް ބެލެހެއްޓުމުގެ މަސައްކަތް ކުރާ އެމްޕީއެލްއިންވަނީ އެކުންފުނިން މާލޭ ވިޔާފާރި ބަނދަރުގައި ބޭނުންކުރާ އެންމެ ބޮޑު ވެހިކަލްކަމަށްވާ އާރްޓީޖީ ނުވަތަ ރަބަރ ޓަޔަރ ގެންޓްރީ ކްރޭން، ސްމިއުލޭޓަރ މެދުވެރިކޮށް ތަޖުރިބާކުރެވޭނެ މަގު ކެރިއާ އެކްސްޕޯގައި، ފަހިކޮށްދީފައެވެ. ބަނދަރުގައި ކޮންޓެއިނަރތައް އެއްތަނުން އަނެއްތަނަށް ގެންދާގޮތް މިސިމިއުލޭޓަރ މެދުވެރިކޮށް ބައިވެރިންނަށް ތަޖުރިބާކުރުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު ޢަލީ ވިދާޅުވީ މިސިމިއުލޭޓަރއަކީ އެމްޕީއެލްގެ ސްޓާފުންގެ ވަރަށް އުފެއްދުންތެރި އަދި ޝައުގުވެރި ޒަމާނީ ވަޞީލަތެއްކަމަށެވެ. އެގޮތުން ނިމުނު އެކްސްޕޯއަށް ދިޔަ، ގިނަ ޒުވާނުންގެ ޝައުގުވެރިކަން އަތުލިއެއްޗަކަށް އާރްޓީޖީ ކްރޭން ސިމިއުލޭޓަރ ވެގެންދިޔަކަން ޝާހިދު ފާހަގަކުރެއްވިއެވެ.
"އަސްލު މީގެ މައިގަނޑު ބޭނުމަކީ ޒުވާނުންނަށް ޕޯޓުގައި ހުރި އެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތް ދައްކާލާ ޝައުގުވެރިކަމެއްކަން އެނގުން. މިގޮތުން މި ސިމިއުލޭޓަރ އިން އެނގިގެންދާނެ ޔާޑުގައި ކޮންޓެއިނަރތައް އެއްތަނުން އަނެއްތަނަށް ގެންދާގޮތް." ޝާހިދު ވިދާޅުވިއެވެ.
މިސިމިއުލޭޓަރއަށް އެތައް ބައެއްގެ ސަމާލުކަން ހުއްޓުނުއިރު އެކްސްޕޯއަށް ޒިޔާރަތްކުރެއްވި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުވެސްވަނީ ސިމިއުލޭޓަރ ތަޖުރިބާކުރައްވާފައެވެ. އަދި އެކްސްޕޯއަށް ޒިޔާރަތްކުރި ގިނަ ޢަދަދެއްގެ ޒުވާނުންވެސްވަނީ މިސިމިއުލޭޓަރ މެދުވެރިކޮށް އެމްޕީއެލްގެ ޚިދުމަތް ތަޖުރިބާކޮށްފައެވެ.
އާރްޓީޖީ ކްރޭން ސިމިއުލޭޓަރއާއި ގުޅޭގޮތުން ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޕީއެލްގެ އެސިސްޓެންޓް އައިޓީ ޓެކްނީޝަން މުޙައްމަދު ޝާހް ވިދާޅުވީ އެއީ ވަރަށް ކުރުމުއްދަތެއްގައި އެމްޕީއެލްގެ ޓީމުން ތައްޔާރުކޮށްފައިވާ ވަސީލަތެއްކަމަށެވެ.
Incredible turnout to try the RTG (Rubber Tyred Gantry) Crane simulator at our stall
— Maldives Ports Limited (@Portmv) November 18, 2022
This simulator was designed & produced by our Tech & Digital Services Dept and Engineering Dept
Visit us today & tomorrow at the National Career & Skills Expo, held at Hulhumalé Central Park pic.twitter.com/AuAytj5GvZ
"މި ސިމިއުލޭޓަރ އަކީ ހަފްތާއެއްގެ ތެރޭގައި ބިލްޑްކުރި އެއްޗެއް. މީގެ އަސްލު މައިގަނޑު ބެނުމަކީ ތަމްރީންތަކުގައާއި ބަލަން އަންނަ މީހުންނަށް އާރްޓީޖީ މަސައްކަތްކުރާގޮތް ދައްކާލުން. އާރްޓީޖީ އަކީ ޕޯޓުގައި ބޭނުންކުރާ އެންމެ ބޮޑު ވެހިކަލް." ޝާހު ވިދާޅުވިއެވެ.
އެމްޕީއެލްގެ އާރްޓީޖީ ސިމިއުލޭޓަރ ތައްޔާރުކޮށްފައިވަނީ އެކުންފުނީގެ ޓެކްނޮލޮޖީ އެންޑް ޑިޖިޓަލް ސަރވިސް ޑިޕާޓްމަންޓާއި ފެސިލިޓީ މެނޭޖްމަންޓް ޑިޕާޓްމަންޓްގެ އިތުރުން މެރިން ސަރވިސް ގުޅިގެންކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި މިސިމިއުލޭޓަރ ބޭނުންކުރާނީ އެކުންފުނީގެ މުވައްޒަފުން ތަމްރީނުކުރުމަށްކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ.
މިއީ މިފަދަ ޓެކްނޮލޮޖީއެއް ދިވެހިން އުފެއްދި ފުރަތަމަ ފަހަރު ނޫންނަމަވެސް ޢާއްމުކޮށް މީހުންނަށް މިފަދަ ގޮތަކަށް ތަޖުރިބާކޮށްލަން ފަހިވި އެއް ފުރުސަތެވެ. މިއީ ތަރައްޤީވަމުންދާ ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިން ހޯދަމުންދާ ކުރިއެރުންތަކަށް އިތުރުވެގެންދިޔަ ބޮޅެކެވެ. އަދި މިފަދަ އުފެއްދުންތައް ރާއްޖޭގެ ވެއްޓާއި ގުޅޭނެފަދަ ގޮތަކަށް އުފެއްދުމުގެ މަގުފަހިވެފައިވާކަން އެމްޕީއެލްގެ މުވައްޒަފުން މިވަނީ ހާމަކޮށްދީފައެވެ. މީގެ ކުރިން މިފަދަ ސިމިއުލަރއެއް ބޭނުންކޮށް ވެލާނަ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަވަރުގައިވެސްވަނީ ތަމްރީނު ދޭންފަށާފައެވެ.