ބ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ތެރެއިން، އެރަށު ބޭރުތޮށިލުމުގެ މަސައްކަތް ނިންމާލަފިއެވެ. މި މަސައްކަތުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީ ވިދާޅުވީ، މުޅި މި މަޝްރޫޢުގެ ގާތްގަނޑަކަށް 77 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.
ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީން އިން ފެށީ މިއަހަރުގެ މޭމަހުގެ ތެރޭގައެވެ. ގޮނޑުދޮށް ހިމާޔަތް ކުރަނީ 490 މީޓަރު ސަރަހައްދެއްގައި އޮއި ދެމޭ ގޮތަށް ތޮށިމަތީގައި 70 މީޓަރުގެ ބޮޑު ހިލައިގެ 6 ތޮށިގަނޑު ލައިގެންނެވެ. މިތޮށިލުމުގެ މަސައްކަތް ނިންމާލާފައިވާއިރު، މިހާރު ކުރަމުންދަނީ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ.
މި މަސައްކަތައް ބޭނުންވާ ބޮޑު ހިލަތައް މިހާރު އެރަށަށް ގެންގޮސްފައިވާކަމަށް އެމް.ޓީ.ސީ.ސީއިން ވިދާޅުވެއެވެ. ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވަނީ 96 މީޓަރުގެ ސަރަހައްދެއްގައެވެ. މި މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާއިރު، މި ފެށޭ އަހަރުގެ ޖަނަވަރީ މަހަށް މުޅި މަޝްރޫޢުގެ މަސައްކަތް ނިންމާލެވޭނެކަމަށް އުންމީދު ކުރާކަމަށް އެރަށު ކައުންސިލުން މީގެ ކުރިންވަނީ ވިދާޅުވެފައެވެ.
ރަށްގިރުމުގެ މައްސަލަ ދަރަވަންދޫއަށް އިންތިހާއަށް ކުރިމަތިވެ، ރަށުގެ އިޤްތިޞާދު އެކަމަކަށް ބަރޯސާވެފައި އޮތް ފަތުރުވެރިކަމުގެ ވިޔަފާރިއަށްވެސް އެކަމުގެ ނޭދެވޭ އަސަރުތަކެއް ކުރާކަން ކައުންސިލުން ފާހަގަކުރައްވައެވެ. އެއީ އެސަރަހައްދުގައި އޮންނަ ހިތްގައިމު ބީޗު ގިރައިގެން ދިއުމުންނެވެ. މީގެ ހަތަރުވަރަކަށް އަހަރުކުރިން އިރުވައި މޫސުމުގެ ގަދަ ދުވަސްތަކުގައި އެސަރަހައްދު ގިރަމުންގޮސް އެތަނުގައިހުރި ބޮޑެތި ގަސްތަކާ ރުއްތައް ވެއްޓިގެންދިޔައެވެ.
ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، 10،800 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 490 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 96 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
ދިވެހި ސަރުކާރާއި މޯލްޑިވްސް ގްރީން ފަންޑުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އަގަކީ 22.1 މިލިއަން ރުފިޔާއެވެ.