ޚަބަރު

ތުޅާދޫގެ މަގަކަށް ޝަހީދު ހުސެއިން މުހައްމަދުގެ ނަން


ބ،ތުޅާދޫގެ މަގަކަށް ޝަހީދު ހުސެއިން މުހައްމަދުގެ ނަމުން ނަން ދީފިއެވެ. ބ. ތުޅާދޫ، މަބުސްތާނުގެ ކޯޕްރަލް ޝަހީދު ހުސައިން މުހައްމަދަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި ޝަހީދުވި ބަޠަލެކެވެ.

ތުޅާދޫގެ މަގަކަށް ޝަހީދު ހުސައިން މުހައްމަދުގެ ނަމުން ނަން ކިޔުމަށް އެރަށު ކައުންސިލުން ނިންމީ މިފެބްރުއަރީ މަހު ބޭއްވި ކައުންސިލްގެ 4 ވަނަ ދައުރުގެ 116 ވަނަ ޖަލްސާގައެވެ. ޝަހީދު ހުސެއިން މުހައްމަދުގެ ނަން ކިޔާފައިވަނީ އެރަށުގައި އަލަށް ހިއްކި ސަރަހައްދުގައި އޮންނަ އެންމެ ބޮޑުމަގަށެވެ. މިމަގަށް ޝަހީދު ހުސައިން މުހައްމަދުގެ ނަން ކިޔާފައިވާކަން އިއުލާން ކުރީ މިއަހަރުގެ ޝަހީދުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެރަށު ކައުންސިލުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތުޅާދޫ ކައުންސިލްގެ ނާއިބު ރައީސް މުހައްމަދު އަލި މަނިކު ވިދާޅުވީ މިކަން ކުރުމަށް ކައުންސިލުން ނިންމީ އެ ބަތަލުގެ ހަނދާން ތުޅާދޫން ފިލައި ނުދިއުމަށާއި ތާއަބަދަށް އެބަތަލުގެ ހަނދާން އާކުރުމުގެ ބޭނުމުގައި ކަމަށެވެ. ނާއިބު ރައީސްގެ ވާހަކައިގައި އިތުރަށް ވިދާޅުވީ ތުޅާދޫގައި ފުލުހުންގެ މަރުކަޒެއް އަޅާނަމަ އެމަރުކަޒަކަށްވެސް "ޝަޙީދު ހުސެއިން މުހައްމަދު"ގެ ނަން ކިޔުމަކީ ކައުންސިލުގެ އެދުމެއް ކަމަށެވެ.

"އަޅުގަނޑުމެން ތުޅާދޫ ކައުންސިލްގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް. އެއީ މިރަށުގައި ފުލުހުންގެ ޚިދުމަތް ދިނުމަށް މަރުކަޒެއް ޤާއިމް ކުރާނަމަ އެމަރުކަޒަކަށް ޝަހީދު ހުސެއިން މުހައްމަދުގެ ނަން ކިޔުން. އަޅުގަނޑު މިރޭ މިކަން އިއުލާން މިކުރީ ހޯމް މިނިސްޓްރީގެ އިސް ބޭފުޅުން މިތަނުގައި ތިއްބެވީމަ އަދި ކައުންސިލުން ނިންމާ މިރަށުގެ މަގަކަށް ޝަޙީދު ޙުސެއިން މުހައްމަދުގެ ނަމުން ނަންދެވިފައިވާ މަގެއް އޮތުމަކީ މުޅި ރަށަށާ އަންނަން އޮތް ޖީލުތަކަށްވެސް މިހަނދާން އާކޮށްދޭނެ ކަމެއް ކަމުގައި ދެކޭތީ." ތުޅާދޫ ކައުންސިލްގެ ނާއިބު ރައީސް މުހައްމަދު އަލި މަނިކު ވިދާޅުވިއެވެ.

ޝަޙީދު ހުސެއިން މުހައްމަދު ޝަހީދުވީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައެވެ. އެދުވަހުގެ ހަމަލާތަކުގައި 11 އާންމު ރައްޔިތުންނާއި ސިފައިންގެ 8 ބޭކަލުން ޝަހީދުވިއެވެ. އެހަނދާތައް ދިރުވާ އާލާކޮށް އެބަތަލުންގެ ޒިކުރާ އާކުރުމުގެ ގޮތުން އެދުވަހު ޝަހީދުވި ޝަހީދު ހުސައިން އާދަމްގެ ނަމުން ފުލުހުންގެ މައި އިދާރާއަށްވަނީ ނަންދީފައެވެ.