ގުޅިފަޅުން ފްލެޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް ހުޅުމާލެއިން ދެއްވަން ކަނޑައެޅުއްވި ފްލެޓްތައް ލިބޭނެކަމުގެ ލިޔުން އެ ފަރާތްތަކާ ޙަވާލުކުރައްވައިފިއެވެ. މިއަދު ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި 158 ފަރާތަކާ ޙަވާލުކުރެއްވިއެވެ. ލިޔުން ހަވާލުކޮށްދެއްވީ ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒުއެވެ. ގުޅިފަޅު ތަރައްޤީކުރުމަށް ޙަވާލުކުރެވުނު އިނގިރޭސިވިލާތުގެ ގްލޯބަލް ޕްރޮޖެކްޓްސް ޑިވްލޮޕްމަންޓްގެ ފަރާތުން 2010 ވަނަ އަހަރުން ފެށިގެން ހަދަމުން ދިޔަ ފްލެޓްތައް ނުނިމި ލަސްވެ، ފާއިތުވެދިޔަ ހަ އަހަރަކީ ފްލެޓް ގަތުމަށް ފައިސާ ދެއްކި ފަރާތްތަކުގެ ވަރަށް ބޮޑު ޝަކުވާއެކެވެ. ގުޅިފަޅު ތަރައްޤީ ކުރުމަށް ޖީ.ޕީ.ޑީ އާއެކު ވެފައިވާ އެއްބަސްވުން ބާޠިލްކުރެއްވުމަށްފަހު، ސިނާއީ ރަށެއްގެ ގޮތުގައި އެރަށް ތަރައްޤީކުރެއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އަދި ގުޅިފަޅުން ފްލެޓް ގަތުމަށް ފައިސާ ދެއްކި އާއިލާތަކަށް ހުޅުމާލޭގައި އެންމެ އަވަހަށް އިމާރާތް ކުރެވޭ ފްލެޓްތަކުން ބޯހިޔާވަހިކަން ހަމަޖައްސައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަ ބުރާސްފަތި ދުވަހު، އިޢުލާންކުރައްވާފައެވެ. ގުޅިފަޅުން ފްލެޓް ގަތުމަށް ފައިސާ ދެއްކި 158 ފަރާތަކަށް 186 ފްލެޓް ދެއްވުމަށް ނިންމަވާފައިވެއެވެ. އެއީ ބައެއް ފަރާތްތަކުން ދެ ފްލެޓަށްވެސް ފައިސާ ދައްކާފައިވާތީއެވެ. ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ގުޅިފަޅަކީ އެއްވެސް ޕްލޭނެއް ނެތި ތަރައްޤީކުރެވުނު ތަނެއް ކަމަށާއި، ހުޅުމާލެއިން ފްލެޓް ލިބިގެންދިއުމަކީ ރައްޔިތުންނަށް މާ ފައިދާ ވާނެކަމެއް ކަމަށެވެ. ސަބަބަކީ ހުޅުމާލެއަކީ ރާއްޖޭގެ މުސްތަޤްބަލް ކަމުގައިވާތި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ގުޅިފަޅުން ފްލެޓް ގަތުމަށް ޖީ.ޕީ.ޑީއަށް 37 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށާއި، އެ ފައިސާ ދިވެހި ރައްޔިތުންނަށް ހޯއްދަވައިދެއްވާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.