ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ރަށްގިރުމުގެ މައްސަލަ ބޮޑެވެ. އެހެންނަމަވެސް އެ މަސައްލަ ބޮޑުކޮށް ކުރިމަތިވާ ރަށްރަށުގެ ތެރޭގައި ބ. މާޅޮސް ހިމެނޭނެއެވެ. އެކަމަށް ދާއިމީ ހައްލަކަށް އެރަށު ރައްޔިތުން ތިބީ އަބަދުވެސް އެދިއެދިއެވެ. ކޮންމެއަކަސް ސަރުކާރުން މިކަން ހައްލުކޮށްދިނުމަށް އެރަށު ގޮނޑުދޮށް ހިމާޔަތް ކުރުމަށް މިހާރު މިވަނީ އެމް.ޓީ.ސީ.ސީ އާ ޙަވާލުކޮށްފައެވެ.
ރަށްގިރުމުގެ މައްސަލަ މާޅޮހަށް ކުރިމަތިވާން ފެށީ މީގެ ވިއްސަކަށް އަހަރު ކުރިންނެވެ. ބެލެވޭގޮތުގައި ކޮންމެ އަހަރެއްގެވެސް އިރުވައި މޫސުމަށް އެރަށުގެ އުތުރުފަރާތް ގިރައެވެ. އެހެންނަމަވެސް ފާހަނގަ ކުރެވިފައި އޮންނަނީ ކޮންމެ ދިހަ އަހަރަކުން އެއްފަހަރު ބޮޑުކޮށް ގިރާކަމަށެވެ.
އެގޮތުން މިހާތަނަށް އެންމެ ބޮޑަށް މިރަށަށް މި މައްސަލަ ކުރިމަތިވީ 2010 ވަނަ އަހަރާ 2020 ވަނަ އަހަރުގައެވެ. އޭރު އެ ސަރަހައްދުގައި ހުރި ރުއްގަސްތަކާ ހަމައަށް ގިރައިގެންގޮސް ބައެއް ރުއްގަސް ވެއްޓިގެންވެސް ދިޔައެވެ. ގޮނޑުދޮށާ ކައިރީގައި މީހުން ދިރިއުޅޭ ގެތަކާ ހިސާބަށް އެ ދެއަހަރު ވަރަށް ބޮޑެތި އަސަރުތަކެއްކޮށް އެގެތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެތައް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ.
އޭރުން ފެށިގެން މިއަދާ ހަމައަށް އެކަން ހައްލު ކުރެވޭތޯ މަސައްކަތްކުރީ ކައުންސިލާ ރައްޔިތުން ނުކުމެ ވެލިބަސްތާ ޖައްސައިގެންނެވެ. އެހެންނަމަވެސް އެއީ ރަށްގިރާ ދުވަސްވަރެއްގައި އެ ސަރަހައްދު ހިމާޔަތް ކުރުމަށް ކުރެވޭ ވަރުގެ މަސައްކަތަކަށް ނުވެއެވެ.
މާޅޮހުގެ އުތުރު ފަރާތަކީ އެންމެ ރީތި އެއްގޮނޑުދޮށް ނުވަތަ އެރަށުގެ އެންމެ ރީތި ބީޗް އޮންނަ ސަރަހައްދެވެ. އެއީ ފަތުރުވެރިމުގެ ވިޔަފާރި ކުރުމަށް ދޫކޮށްފައި އޮންނަ ސަރަހައްދުވެސްމެއެވެ. ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ފުޅާވަމުންދާ މިރަށުގައި އެވިޔަފާރީގެ އެންމެ މުހިންމު އެއް މާކެޓް އޮންނަ ދުވަސްވަރު އެސަރަހައްދު ގިރުމަމަކީ އެވިޔަފާރި ކުރާ ފަރާތްތަކުންވެސް ހައްލުކުރަން ބޭނުންވާ އެންމެ ބޮޑުއެއް މައްސަލައެވެ.
އެކަން ހައްލު ކުރުމަށް އެރަށު ކައުންސިލުން އެތައް މަސައްކަތްތަކެއް ވަނީކޮށްފައެވެ. އަމަލީ ގޮތުންނާއި، ސަރުކާރުގައި އެދިގެންނެވެ. ނަމަވެސް މި ސީރިއަސް މައްސަލައަށް ހައްލެއް ގެނެވިފައި ނެތުމަކީ އޮތް ކަންބޮޑުވެއްކަމަށް އެރަށު ކައުންސިލްގެ ރައީސް އަބްދުﷲ ސުޖާއު ވިދާޅުވިއެވެ.
މި ސަރުކާރުން އެކަން ހައްލު ކުރުމަށް މިހާރު ވަނީ އެމް.ޓީ.ސީ.ސީ އާ ޙަވާލުކޮށްފައެވެ. މާޅޮހު ބަނދަރު މަރާމާތު ކުރުމާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފެށުމަށް އެ ކުންފުނިން އަންނަނީ ތައްޔާރީތައް ވަމުންނެވެ.
އެރަށު ކައުންސިލްގެ ރައީސް ޢަބްދުﷲ ޝުޖާއު ވިދާޅުވީ، ޒަމާންވީ މި މައްސަލައަށް ހައްލެއް ލިބުމަކީ މުޅި ރަށަށް ލިބޭނެ ކުރިއެރުމަކާ ރައްޔިތުންނަށް ލިބޭނެ ރައްކާތެރިކަމެއްކަމަށެވެ.
"ރަށްގިރުމުގެ މައްސަލައަށް ހައްލެއް ނުލިބި އޮތުމުން އެތައް ގޮންޖެހުމަކާ ދަނީ ކުރިމަތިވަމުން. މިހާރު އެސަރަހައްދު އެގޮތައް ފެންނަން އެއޮތީ މިރަށު ރައްޔިތުން ނުކުމެ ކުރި ބުރަ މަސައްކަތުން އެހެންނޫންނަމަ މިހާރު ތި ސަރަހައްދުގައި ހުރި ރުއްގަސްތައް ނުހުންނާނެ، އެވަރަށް ގިރާލާނެ" މާޅޮހު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
މާޅޮހު ބަނދަރު ބޭނުންކުރުމަށް ކުރިމަތިވާ މައްސަލައާއި، ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ރަށުގެ އިރުމަތި ފަރާތުގައި 50 މީޓަރުގެ 4 ގްރޮއިން، އުތުރު ފަރާތުގައި 76 މީޓަރު ގްރޮއިން އަދި 240 މީޓަރު ބޮޑުހިލަ ރިވެޓްމަންޓް ޖަހާނެއެވެ. އަދި ހުޅަނގު ފަރާތުގައި 290 މީޓަރު ބޮޑުހިލަ ބޭރުތޮށި، 25 މީޓަރު ރިވެޓްމަންޓް 100 މީޓަރު ކޮންކްރީޓް ޖެޓީއާއިއެކު، ޖުމްލަ 296 މީޓަރަށް މިހާރުގެ ހާބަރު ތޮށި ބޮޑުކުރުމާއި މަރާމާތުކޮށް، ދެކުނުފަރާތުގައި 50 މީޓަރުގެ ގްރޮއިން އަދި 40 މީޓަރުގެ ބޭރުތޮށި ޤާއިމުކުރުމުގެ މަސައްކަތް ކުރާނެއެވެ.
މިރަށު ބަނދަރު މަރާމާތު ކުރުމާ ގޮނޑުދޮށް ހިމާޔަތް ކުރުމަށް އެމް.ޓީ.ސީ.ސީ އާ މި މަސައްކަތް ހަވާލުކުރީ 69.47 މިލިއަން ރުފިޔާއަށް 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.