ރާއްޖެއަށް ދެބޭހެއް އެތެރެކުރުމުގައި ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކުރައްވައިފިއެވެ.
އެމްއެފްޑީއޭއިން ވިދާޅުވީ، ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމުގެ ހުއްދަ އޮންނަ ބޭހެއްކަމުގައިވާ ޓެލްމިސަރޓަން ނުވަތަ ޓެލްސަރޓާ 40ގެ ބެޗެއްގައި(2B151) މައްސަލަ އުޅޭކަމަށް އެބޭސް އުފައްދާ ކުންފުނިން ހާމަކޮށްފައިވާކަމަށެވެ. އެހެންނަމަވެސް މައްސަލަ އުޅޭ ބެޗްގެ ބޭސް ރާއްޖޭގައި ނެތްކަމަށް އެއިދާރާއިން ވިދާޅުވެއެވެ. އެމްއެފްޑީއޭއިން ވިދާޅުވީ ޕާކިސްތާންގެ ފާމް އިވޯ ފަރމަސޫޓިކަލްސްއިން އުފައްދާ، މިބޭހުގެ އެބެޗުގައި މުށިކުލައިގެ ލައްތަކެއް ހުރުމާއި ގުޅިގެން ސަބްސްޓޭންޑަޑް ޕްރޮޑަކްޓެއްގެ ގޮތުގައި ބޭހުގެ އެބެޗު އަނބުރާ ގެންދިޔުމަށް ޕާކިސްތާނުގެ ކަމާބެހޭ ވުޒާރާއިން އަންގާފައިވާކަމަށެވެ.
އެހެންކަމުން ރާއްޖެއިން ބޭރުން މިބޭސް ގަންނަކަމުގައިވާނަމަ ބެޗް ނަމްބަރަށް ސަމާލުވުމަށް އެމްއެފްޑީއޭއިން އިލްތިމާސްކުރައްވައެވެ.
އެމްއެފްޑީއޭއިންވަނީ އިތުރު ބޭހަކާއި ގުޅޭގޮތުންވެސް ސަމާލުވުމަށް އަންގާފައެވެ.
މިގޮތުން ޑެފިބްރޯޓައިޑް ނުވަތަ ޑެފިޓެލިއޯ ގެ ބެޗެއްގައިވެސް ފޯލްސިފައިޑް ބެޗްތަކެއް ޔޫއޭއާއި ކިރްގިސްތާންއިން ފެނިފައިވާތީ ކަމާބެހޭ ފަރާތްތަކުން އެކަމުގެ މަޢުލޫމާތު ހިއްސާކޮށްފައިވާކަމަށް އެމްއެފްޑީއޭ އިން ވިދާޅުވިއެވެ.
@MFDA_mv Alert ? https://t.co/90lpkFQrCF
— Ministry of Health (@MoHmv) April 18, 2023
އެމްއެފްޑީއޭއިން ވިދާޅުވީ މިއީ ރާއްޖޭގައި އިމްޕޯޓްކޮށް ވިއްކުން ހުއްދަކުރާ ބޭހެއް ނޫންކަމަށެވެ. ނަމަވެސް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރާ ފަރާތްތަކުންނާއި އަމިއްލަ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެކޮށް ބޭނުންކުރާނަމަ ބޭހުގެ (19G19A) ބެޗްތަކަށް ސަމާލުވުމަށް އެމްއެފްޑީއޭއިން އިލްތިމާސްކުރައްވައެވެ.
ރާއްޖެއަށް އެތެރެކުރާ ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭސްސިޓީއަށް ރާއްޖެއަށް އެތެރެކުރާ ބޭސް ޚާއްޞަ ސަމާލުކަމެއްދީގެން ޕޯޓުތަކުގައި ބަލައި ފާސްކުރާނެކަމަށް އެމްއެފްޑީއޭއިން ވިދާޅުވެއެވެ. އަދި ބޭހާއި ގުޅޭގޮތުން މަޢުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެއިދާރާގެ މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް ޑިވިޝަންގެ ހޮޓްލައިން 7200321 އަށް ގުޅުމަށް އެމްއެފްޑީއޭއިން އެދިވަޑައިގަންނަވައެވެ.