ދުނިޔޭގެ ވިޔަފާރި

ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ދަރަނި އިތުރުވާ މިންވަރަށް ރިޢާޔަތްކުރަންޖެހޭ: އައިއެމްއެފް


އައިއެމްއެފުން ކުރިއަށްގެންދާ ދަރަނީގެ ދެމެހެއްޓެނިވި އެސިސްމެންޓުގައި ތަރައްޤީވަމުން އަންނަ ގިނަ ޤައުމުތަކުގެ ދަރަނި އިތގުރުވާ މިންވަރަށް ރިޢާޔަތް ކުރަންޖެހޭކަމަށް ވޯލްޑް ބޭންކުގެ ރައީސް ޑޭވިޑް މަލްޕާސް ވިދާޅުވެއްޖެއެވެ.

ވޯލްޑް ބޭންކުން ބޭއްވި ޙަރަކާތެއްގައި ވާހަކަދައްކަވަމުން ވޯލްޑް ބޭންކުގެ ރައީސް ޑޭވިޑް މަލްޕާސް ވިދާޅުވީ ޤައުމުތަކުގެ ޖުމްލަ ދަރަނީގެ މިންވަރު ރަނގަޅަށް ދެނެގަތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ގްރޫޕް އޮފް ޓުވެންޓީގެ ކޮމަން ފްރޭމްވޯކްގެ ދަށުން ދަރަނީގެ ދަތިކަމުގައި ނުވަތަ ދަރަނީގެ ދަތިކަމާއި ކައިރިވެފައިވާ އެތައް ގައުމުތަކަށް ސޮވަރިން ޑެޓް އަލުން އެކުލަވާލުމުގެ މަސައްކަތްތައް އަވަސް ކުރުމަށް ފިޔަވަޅު އަޅަންޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވޯލްޑް ބޭންކުގެ އިކުއިޓަބަލް ގްރޯތް، ފައިނޭންސް އަދި އިންސްޓިޓިއުޝަންސްގެ ނައިބު ރައީސް ޕަބްލޯ ސާވެޑްރާ ފާހަގަކުރެއްވި ގޮތުގައި މަދުން އާމްދަނީ ލިބޭ ގައުމުތަކުގެ ޖީޑީޕީގެ ގާތްގަނޑަކަށް %20 އެތެރޭގެ ދަރަނި ޙިއްޞާކުރާ ކަމަށެވެ. އަދި މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގައި އެ ނިސްބަތް އުޅެނީ ޖީޑީޕީގެ %45 ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޖުމްލަކޮށް ބަލާއިރު މިދިޔަ 10 އަހަރު ދުވަހަކީ ވޭތުވެދިޔަ 50 އަހަރު ތެރޭގައި ދަރަނި އެންމެ ބޮޑަށް ކުރިއަރާފައިވާ ޤަރުނުކަމަށްވެސް ސާވެޑްރާ ވިދާޅުވިއެވެ.

މީގެއިތުރުން ވޯލްޑް ބޭންކުގެ ކުރީގެ ޗީފް އިކޮނޮމިސްޓް ކާމަން ރެއިންހާޓް މި އިވެންޓުގައި ވިދާޅުވި ގޮތުގައި ބޭރުގެ ދަރަނީގެ މިންވަރުގެ ދެފުށް ފެންނަ މިންވަރަކީ ކަންބޮޑުވުންތަކެއް ހުރި ކަމެއް ކަމަށާއި އޭގެ ތެރޭގައި މިހާރު ދުނިޔޭގެ އެންމެ ބޮޑު ބައިލެޓަރަލް ކްރެޑިޓަރު ޗައިނާއަށް ދައްކަންޖެހޭ ރިޕޯޓް ނުކުރާ ދަރަނީގެ މިންވަރު ހިމެނޭކަން ފާހަގަކުރެއްވިއެެވެ.