ދުނިޔޭގެ ވިޔަފާރި

އިންފްލޭޝަން މަތިވުމަކީ އިޤްތިޞާދީ ގޮތުން މިއަހަރު އޮތް އެންމެ ބޮޑު ނުރައްކާ: މާހިރުން


ގިނަ މަރުކަޒީ ބޭންކުތަކުން އިންޓްރެސްޓު ރޭޓު މަތިކުރުން ނިމުމަމަކަށް ގެނައި ނަމަވެސް މެދުނުކެނޑި އިންފްލޭޝަން މަތިވުމަކީ އިޤްތިޞާދީ ގޮތުން މިއަހަރު އޮތް އެންމެ ބޮޑު ކަންބޮޑުވުން ކަމަށް ރޮއިޓާސް އިން ކުރި ދިރާސާއެއްގައި ބައިވެރިވި އިޤްތިޞާދީ މާހިރުން ވިދާޅުވެއްޖެއެވެ.

ދިރާސާގައި ބައިވެރިވި 268 މާހިރުންގެ ތެރެއިން 207 މާހިރުން ވިދާޅުވިގޮތުގައި މިއަހަރުގެ އިންފްލޭޝަން އޮތް ބޮޑު ނުރައްކަލަކީ ލަފާކުރާ ވަރަށް ވުރެ އިންފްލޭޝަން މަތިވުމެވެ. ނަމަވެސް 61 މާހިރުން ވިދާޅުވާ ގޮތުގައި ލަފާކުރާ ވަރަށް ވުރެ އިންފްލޭޝަން ދަށްވެދާނެއެވެ.

"މިއާއިއެކު އުފެދޭ އެންމެ ބޮޑު ސުވާލަކީ އިންފްލޭޝަން ކޮންޓްރޯލް ކުރުމަށް އިޤްތިޞާދީ ބަލިކަށިކަން ބޭނުންވާނީ ކިހާވަރަކަށްތޯ؟ އަޅުގަނޑުމެންގެ ޕޮއިންޓަކީ ދުނިޔޭގެ އިންފްލޭޝަން ދަށްކުރުމުގައި މާބޮޑު ކުރިއެރުމެއް ލިބިފައެއް ނެތޭ." ބޭންކް އޮފް އެމެރިކާ ސެކިއުރިޓީޒްގެ ގްލޯބަލް އިކޮނޮމިކްސް ރިސާޗްގެ ވެރިޔާ އީތަން ހެރިސް ވިދާޅުވިއެވެ.

މީގެއިތުރުން ކައިރި މުސްތަގުބަލެއްގައި ދުނިޔޭގެ އިޤްތިޞާދަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ކޮބައިތޯ ސުވާލު ކުރުމުން އިޤްތިޞާދީ މާހިރުންގެ ސްލިމް މެޖޯރިޓީ ކަމަށްވާ 176 މީހުންގެ ތެރެއިން 94 މީހުން ބުނެފައިވަނީ އިންފްލޭޝަން ކަމަށެވެ. ބާކީ 82 މާހިރުން ވިދާޅުވާ ގޮތުގައި އިޤްތިޞާދަށް އޮތް ނުރައްކަލަކީ މާލީ ހަލަބޮލިކަމެވެ.

މިއާއިއެކު މިއަހަރުގެ މިހާތަނަށް ދުނިޔޭގެ އިޤްތިޞާދު ހީކުރި ވަރަށް ވުރެ ރަނގަޅު ނަތީޖާއެއް ނެރެފައިވާއިރު، ބޮޑެތި ގިނަ އިޤްތިޞާދުތައް ސީދާ ރިސެޝަނަކުން ސަލާމަތްވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

ދުނިޔޭގެ އިޤްތިޞާދީ ދުވެލި މިއަހަރު %2.5 އަށް ހަލުއިވެފައިވާއިރު، މީގެ ތިން މަސް ކުރިން އިޤްތިޞާދީ ދުވެލި ހަލުއިވާނެ ކަމަށް ލަފާކޮށްފައި ވަނީ %2.1އަށެވެ. ނަމަވެސް މިއީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން ލަފާކޮށްފައިވާ %2.8އަށް ވުރެ ދަށް އަދަދެކެވެ.

ތަރައްގީވެފައިވާ ގައުމުތަކުގައި ވަޒީފާނެތް މީހުންގެ ނިސްބަތް ވޭތުވެދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައިވެސް ނުދާހާ މިންވަރަށް ދަށްވެފައިވާއިރު، ކުރިއަށް އޮތްތަނުގައިވެސް ދަށްވެ އިންފްލޭޝަން މަތިވާނެ ކަމަށް މާހިރު ވިދާޅުވެއެވެ.