މުޅި މަހުގެ ނުވަތަ އަހަރުގެ ސަބްސްކްރިޕްޝަން ގަތުމުގެ ބަދަލުގައި ޓުވިޓަރ އިން ކިޔާ ކޮންމެ އާޓިކަލް އަކަށް ފައިސާ ނަގާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓުވިޓަރގެ ވެރިޔާ އީލޮން މަސްކް ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވާ ޓްވިޓަރގެ ވެރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަންނަ މަހު އެ ޕްލެޓްފޯމް މެދުވެރިކޮށް މީޑިއާ ޕަބްލިޝަރުންނަށް އެއް ކްލިކުން ކޮންމެ އާޓިކަލަކަށް ޗާޖު ކުރެވޭނެކަމަށެވެ. އަދި މިއީ މަހުން މަހަށް ސަބްސްކްރިޕްޝަނަކަށް ސޮއި ނުކުރާ ޓުވިޓަރ ބޭނުންކުރާ ފަރާތްތަކަށް ދޭތެރެ ދޭތެރެއިން އާޓިކަލެއް ކިޔަން ބޭނުންވާ ނަމަ އާޓިކަލް އަގެއް ދައްކައި ކިޔޭނެ ގޮތެއް ކަމަށާއި، މިކަމުގެ ސަބަބުން މީޑިއާ އޮގަނައިޒޭޝަންތަކަށާއި އާންމުންނަށް ވެސް ބޮޑު ކާމިޔާބީއަކަށް ވާން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ސަބްސްކްރިޕްޝަންގެ ހިއްސާ ޓްވިޓަރ އިން ނަގާނެ ކަމެއް ނުވަތަ އެ ފައިސާ ލިބޭނީ ހަމައެކަނި ޕަބްލިޝަރަށް ކަމެއް އަދި ސާފެއް ނުވެއެވެ. އަދި މިހާރުވެސް ސަބްސްކްރިޕްޝަން ބިނާކޮށް ކޮންޓެންޓަށް ޕޭވޯލް ބޭނުންކުރާ މީޑިއާ ޕަބްލިޝަރުން ވެސް މި ޚިދުމަތުގައި ބައިވެރިވާނެތޯ ވެސް ބައެއް މީހުން ވަނީ ސުވާލުކޮށްފައެވެ.
44 ބިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުން ނިންމުމަށް ފަހު ޓްވިޓަރ އާއި ހަވާލުވި ފަހުން މަސްކް އަންނަނީ ކުންފުންޏަށް އާމްދަނީ ހޯދާނެ އާ މަގުތަކެއް ހޯދަމުންނެވެ. އޭނާ ވަނީ މިހާރު ވެސް ޓްވިޓަރގެ %80 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައެވެ.
ޓުވިޓަރ އިން މިދިޔަ އަހަރު ފަށާފައިވާ ޓްވިޓަރ ބްލޫ ސަބްސްކްރިޕްޝަން ޚިދުމަތުގެ ދަށުން، ޓުވިޓަރ ބޭނުންކުރާ ކޮންމެ މީހަކު ވެސް ވަކި ފީއެއް ދައްކައި، އައިޑެންޓިފިކޭޝަން ޕްރޫފް ފޯރުކޮށްދިނުމުން ފަހު ބްލޫ ޗެކްމާކް ލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.