ޚަބަރު

ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތަށް ޔުނިވަރސަލް ޕޯސްޓަލް ޔޫނިއަންގެ ގޯލްޑް އެވޯޑް


ޔުނިވަރސަލް ޕޯސްޓަލް ޔޫނިއަން، ޔޫ.ޕީ.ޔޫގެ ގޯލްޑް އެވޯޑް، މޯލްޑިވްސް ޕޯސްޓަށް ލިބިއްޖެއެވެ.

މި އެވޯޑަކީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އެކްސްޕްރެސް މެއިލް ސަރވިސް، އީ.އެމް.އެސްގެ ޚިދުމަތް ދެމުންދާ ޕޯސްޓަލް އޮޕަރޭޓަރުންނަށް، ޔުނިވަރސަލް ޕޯސްޓަލްއިން ދެމުން އަންނަ އެވޯޑެކެވެ.

ޔުނިވަރސަލް ޕޯސްޓަލް ޔޫނިއަންގެ ގޯލްޑް އެވޯޑް މޯލްޑިވްސް ޕޯސްޓަށް ލިބިފައިވަނީ، ސްވިޓްޒަލޭންޑްގެ ވެރިރަށް ބާންގައި ބޭއްވި، އެކްސްޕްރެސް މެއިލް ސަރވިސްގެ ކޯޕަރޭޓިވް ޖެނެރަލް އެސެމްބްލީގައެވެ.

މޯލްޑިވްސް ޕޯސްޓްގެ ފަރާތުން މި އެވޯޑާ ޙަވާލުވެވަޑައިގަތީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އާދަމް މުޙައްމަދެވެ. މިއެވޯޑް ރާއްޖެއަށް ލިބިފައިވަނީ 2022 ވަނަ އަހަރު، އީއެމްއެސްގެ ޚިދުމަތްދޭ ދުނިޔޭގެ 174 ޤައުމެއްގައި ދެމުންދާ ޚިދުމަތް ބަލައި ރޭންކް ކުރުމަށްފަހުގައެވެ.

ރާއްޖޭގެ އިތުރުން ގޯލްޑް އެވޯޑް ލިބިފައިވާ ޤައުމުތަކުގެ ތެރޭގައި އަޒަރުބައިޖާން، މިޔަންމާރ، އުމާން އަދި ޔުނައިޓަޑް އަރަބް އެމިރޭޓްސް ހިމެނެވެ. އަދި ޤަތަރަށް ސިލްވަރ އެވޯޑް ލިބިފައިވާއިރު ބުރޯންޒް އެވޯޑަށް އެއްވެސް ޤައުމެއް މިފަހަރު ހޮވިފައެއް ނުވެއެވެ. މިފަހަރު ރާއްޖެއަށް ގޯލްޑް އެވޯޑް ލިބިފައިވާއިރު، 2021 އަދި 2019 ވަނަ އަހަރު މޯލްޑިވްސް ޕޯސްޓަށް ވަނީ "ބްރޯންޒް އެވޯޑް" ލިބިފައެވެ.

ކޯޕަރޭޓިވް ޖެނެރަލް އެސެމްބްލީގައި އީ.އެމް.އެސް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މެންބަރު ޤައުމުތަކުގެ ސްޓުރެޖިކް އެކްޝަން ޕްލޭންތައް ހުށައަޅާފައިވަނީ ފާސްކޮށްފައެވެ. މީގެއިތުރުން، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ޕޯސްޓު މެދުވެރިކޮށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރުމަށް މިއަހަރުގެ ޖޫންމަހު ޖަޕާންގައި ޔުނިވަރސަލް ޕޯސްޓަލް ޔޫނިއަން ގުލޯބަލް ކޮންފަރެންސް އަދި ސެޕްޓެމްބަރުމަހު އިންޑޮނޭޝިއާގައި ރީޖަނަލް އީ.އެމް.އެސް ސިމްޕޯސިއަމްއެއް ބޭއްވުމަށްވެސް މި އެސެމްބްލީގައި ވަނީ ނިންމާފައެވެ.

މޯލްޑިވްސް ޕޯސްޓްގެ އަމާޒަކީ ފެންވަރު ރަނގަޅު ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދީ ޓެކްނޮލޮޖީގެ ރޮނގުން ދުނިޔޭގެ އެހެނިހެން ޤައުމުތަކުން ހޯދަމުންދާ ކުރިއެރުންތަކާއި ފައިހަމަކޮށް މި ޚިދުމަތް ރާއްޖޭގައި ކުރިއެރުވުންކަމުގައި އެކުންފުނިން ބުނެއެވެ.