ޕޯލްޓްރީ ދޫންޏާއި ލައިވްސްޓޮކް އެތެރެކުރުމުގެ ހުއްދަ މީގެފަހުން ދޫކުރައްވާނީ އެފަދަ ތަކެތި ގެންގުޅެވޭނެ ފާރމެއް އެގްރިކަލްޗަރ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށް އެ މިނިސްޓްރީން ހާމަކުރައްވައިފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްއިން މިގޮތަށް އެންގެވީ ޕޯލްޓްރީ ފާރމްތަކުގައި ގެންގުޅުމަށް އެފަދަ ދޫނި އެތެރެކުރަން ދޫކުރައްވާ ހުއްދައިގެ ދަށުން އޮސްޓްރިޗް ނުވަތަ ގިނިކާމާދޫނި ފަދަ ބޮޑެތި ދޫނި އެތެރެކޮށް އޭގެ ދިރޭ ދޫނި ވިއްކަމުން ގެންދާތީ އެފަދަ ދޫނި ގަނެގެން ޕެޓްގެ ގޮތުގައި ބައެއް ފަރާތްތަކުން ގޭގައި މީހުންގެ ތެރޭގައި ގެންގުޅޭ ކަމުގެ ޝަކުވާ ލިބިވަޑައިގަތުމާ ގުޅިގެންނެވެ. މިގޮތަށް މިފަދަ ދޫނި ގެންގުޅޭ ވީޑިއޯތައް މީސް މީޑިއާގައިވެސް ވަނީ އާންމުވެފައެވެ.
އިޢުލާން ނަންބަރ :- IUL) 30-E3/30/2023/113) ޒިރާޢީ ބޭނުންތަކަށް ދިރޭ ޖަނަވާރު (ޕޯލްޓްރީ ދޫންޏާއި، ލައިވްސްޓޮކް) އެތެރެކުރުމާބެހޭ !
— Min. of Fisheries, Marine Resources & Agriculture (@MoFMRAmv) May 16, 2023
ކިޔާލުމަށް ތިރީގައި މިވާ ލިންކު ޙިޔާރު ކުރައްވާ .https://t.co/9XZIzoVxJe pic.twitter.com/ab7tNHEjir
އެ މިނިސްޓްރީން ވިދާޅުވީ ޕޯލްޓްރީ ދޫންޏަށް ހުއްދަދެނީ އެފަދަ ދޫނި ގެންގުޅުމަށް މިނިސްޓްރީން ކަނޑައަޅުއްވައިފައިވާ މިންގަނޑުތަކަށް ފެތޭ ފާރމުތަކުގައި ގެންގުޅުމަށް ކަމަށެވެ. މި މިންގަނޑުތައް ބިނާވެފައިވަނީ ޖަނަވާރު ގެންގުޅުމުގައި ބައިނަލްއަޤުވާމީގޮތުން ޢަމަލުކުރާ ދުޅަހެޔޮކަމުގެ މިންގަނޑުތަކާއި، އަދި ޙަޔަވީ ރައްކާތެރިކަން ނުވަތަ ބަޔޯ ސެކިއުރިޓީގެ މިންގަނޑުތަކުގެ މައްޗަށް ކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. އެހެންކަމުން ޢާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގިނިކާމާދޫނި ފަދަ ބޮޑެތި ދޫނި ގެންގުޅެންޖެހެނީ މީހުން ދިރިއުޅޭ ސަރަޙައްދާއި ދުރުގައި އެކަމަށް ޚާއްޞަ ފާރމުތަކުގައި ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
ރާއްޖެއަށް މިފަދަ ބޮޑެތި ޖަނަވާރު އެތެރެކޮށް ގެންގުޅުމުގެ ހުއްދަ ދޫކުރައްވަން ފަށްޓަވައިފައިވަނީ، ރާއްޖޭގައި ޒިރާޢީ ބޭނުންތަކަށް ދިރޭ ޖަނަވާރު ގެންގުޅުމުގެ ސިނާޢަތް ކުރިއެރުވުމުގެ މަޤުޞަދުގައި ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ޖަނަވާރު އެތެރެކުރުމުގެ ހުއްދަ ދެނީ ވަކި މިންގަނޑުތަކަށް ރިޢާޔަތްކުރެވިގެން ކަމަށްވާއިރު، އެފަދަ ޖަނަވާރުތަކުގެ ރައްކާތެރިކަމާއި ޢާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެދިފައިވާ އުޞޫލުތަކަށް ޖަނަވާރު އެތެރެކުރާ ފަރާތްތަކުން ބޯލަނބާ އެކަމުގައި ޒިންމާދާރުވާންޖެހޭ ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.
އެހެންކަމުން މީގެފަހުން މިފަދަ ދޫނި އެތެރެކުރުމުގެ ހުއްދަ ދޫކުރައްވާނީ އެފަދަ ތަކެތި ގެންގުޅެވޭނެ ފާރމެއް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވެއެވެ.