ޚަބަރު

ތޫފާން މޯކާގައި މިޔަންމާއިން މަރުވި މީހުންގެ ޢަދަދު 145އަށް އަރައިފި


ކެޓެގަރީ 5ގެ ބާރުގަދަ ތޫފާން މޯކާ މިޔަންމާގެ އައްސޭރިފަށުގެ ސަރަޙާއްދުތަކަށް އެރުމުގެ ސަބަބުން މަރުވި މީހުންގެ ޢަދަދު 145 އަށް އަރައިފިއެވެ. ތޫފާން އަރާފައި ވަނީ މިޔަންމާގެ ރާކީން ސްޓޭޓްގެ ސަރަޙައްދުތަކަށެވެ. މި ތޫފާނާ ގުޅިގެން އެ ސަރަޙައްދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، 800,000 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާ ކަމުގައި އ.ދއިން ބުނެއެވެ.

ތޫފާނާ އެކު ރާކީން ސްޓޭޓްގެ ސަރަޙައްދުތަކަށް ގަޑިއަކު 195 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހުނެވެ. އަދި ގިނަ ޢަދަދެއްގެ ޢިމާރާތްތައް ވެއްޓި، ޢާންމު ޚިދުމަތްތައް ދިނުމަށް ބޭނުންކުރާ ޢުމްރާނީ ވަސީލަތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ހާލުގައި ޖެހިފައިވާ މީހުންގެ ތެރޭގައި ގިނައީ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން ކަމަށާއި، އެ މީހުން ދިރިއުޅޭ ސަރަޙައްދުތަކުން ކާބޯތަކެތި ހުސްވެ، އެ މީހުން ކާބޯތަކެތީގެ އެހީތެރިކަމަށް ބޭނުންވެފައިވާ ކަމުގައި އ.ދއިން ބުނެއެވެ.

"ރާކީން ސްޓޭޓްގެ ގެދޮރު ވަނީ ސުންނާފަތިވެފައި. މަގުތައް ވަނީ ބަންދުވެފައި. ގިނަ ޢަދަދެއްގެ ގަސްތައް ވަނީ ވެއްޓިފައި. ހޮސްޕިޓަލްތަކާއި ސްކޫލްތައް ވަނީ ހަލާކުވެފައި. ކަރަންޓާއި މުވާސަލާތީ ޚިދުމަތްތައް ވަނީ މެދުކެނޑިފައި،" އ.ދގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިޔު.އެފް.ޕީ)ގެ އޭޝިޔާ އަދި ޕެސިފިކް ސަރަޙައްދަށް ކަނޑައަޅާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރ އެންތިޔާ ވެބް ވިދާޅުވިއެވެ.

ރާކީން ސްޓޭޓްގައި ރޮހިންޔާ ދަރިކޮޅު ގިނަ މީހުން ދިރިއުޅެނީ ކޭމްޕުތަކުގައެވެ. ތޫފާން އެރުމުގެ ކުރިން ވެސް އެ މީހުންނަކީ ނިކަމެތި ހާލުގައި ދިރިއުޅެމުންދިޔަ ބަޔެކެވެ. އެ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރީ ސަރުކާރުން ލާއިންސާނީ ޖަރީމާތައް ދިޔައީ ހިންގަމުންނެވެ. ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ރާކީން ސްޓޭޓްގެ ސިތްވޭއާއި އެ ރަށް ކައިރީގައި އޮންނަ ސަރަޙައްދުތަކަށެވެ.

މިޔަންމާގެ އަސްކަރީ ސަރުކާރުން ބުނީ މަރުވެފައި ވަނީ ސިފައިންގެ ހަތަރު މީހުންނާއި، ޢާންމުންގެ 24 މީހުންނާއި، "ބެންގާލީ" ދަރިކޮޅުގެ 117 މީހުން ކަމުގައެވެ. އަސްކަރިއްޔާއިން ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް ނިސްބަތް ކުރަނީ ބެންގާލީ ދަރިކޮޅުގެ މީހުންގެ ގޮތުގައެވެ. އަދި، އެ މީހުންނަކީ މިޔަންމާގެ ރައްޔިތުން ކަމަށް ގަބޫލުކުރަން ވެސް އަސްކަރީ ސަރުކާރުން ދަނީ ދެކޮޅު ހަދަމުންނެވެ. ޞިއްޙީ ޚިދުމަތުން ވެސް އެ މީހުން ވަނީ މަޙްރޫމް ކޮށްފައެވެ.

ރޮހިންޔާ ދަރިކޮޅުގެ މީހުން ބުނަނީ ތޫފާނާ އެކު ހިނގި އެކި ހާދިސާތަކުގައި 105 މީހުން މަރުވެ، އިތުރު 100 މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމުގައެވެ. އަދި، 400 އަށްވުރެ ގިނަ މީހުން މަރުވި ކަމަށް ބައެއް ފަރާތްތަކުން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް، މިޔަންމާގެ އަސްކަރީ ސަރުކާރުން ވަނީ އެ ރިޕޯޓުތައް ދޮގުކޮށްފައެވެ.

އަދި، ރާކީން ސްޓޭޓްގައި ހާލުގައި ޖެހިފައިވާ އެތަކެއް ހާސް ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރަމުންދާ ކަމުގައި ވެސް ސަރުކާރުން ބުނެއެވެ. އެ ސަރަޙައްދަށް ހަނޑުލާއި އެހެނިހެން ކާބޯތަކެތި ފޮނުވާފައިވާ ކަމަށާއި، އަލިފާން ނިއްވާ ޓީމުތަކާއި، މީހުން ސަލާމަތްކުރާ މީހުންނާއި، ކަރަންޓުގެ ޚިދުމަތް އަލުން ގުޅައިދިނުމަށް ޓެކްނީޝަނުން ފޮނުވާފައިވާ ކަމުގައި ވެސް ސަރުކާރުން ބުނެއެވެ. ނަމަވެސް، ބައިނަލްއަޤުވާމީ އެއްވެސް އިދާރާއަކުން އެ ކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ސިތްވޭގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން އ.ދގެ ބައެއް އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޑަބްލިޔު.އެފް.ޕީ. ހިމެނެއެވެ. ނަމަވެސް، އެ މަސައްކަތް ކުރުމަށް މިޔަންމާގެ ސަރުކާރުން ހުއްދަދޭނެ ކަން އަދި ސާފެއް ނޫނެވެ.

މިޔަންމާގެ އަސްކަރީ ސަރުކާރުން 2017 ވަނަ އަހަރު ވަނީ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމެން ހިންގާފައެވެ. ސިފައިން ހިންގަމުންދިޔަ ލޭއޮހޮރުވުންތަކާއި، ހުޅުޖެހުމާއި، ޖިންސީ އަނިޔާއިން ސަލާމަތްވުމަށް މިލިޔަނަކަށް ވުރެ ގިނަ މީހުން ވަނީ މިޔަންމާއާ އިންވެގެން އޮންނަ ބަންގްލަދޭޝަށް ހިޖުރަކޮށްފައެވެ.

ތޫފާން މޯކާ ރާކީން ސްޓޭޓްގެ ސަރަޙައްދުތަކަށް އެރުމުގެ ކުރިން ބަންގްލަދޭޝްގެ ބައެއް ސަރަޙައްދުތަކަށް ވެސް އަރާފައިވެއެވެ. ނަމަވެސް، ތޫފާނާ ގުޅިގެން އެ ޤައުމުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތެވެ. 2008 ވަނަ އަހަރު ވެސް އެ ސަރަޙައްދަށް ވަނީ ބާރުގަދަ ތޫފާނެއް އަރާފައެވެ. ތޫފާން ނަރުގިސްގެ ސަބަބުން މިޔަންމާއިން 138,000 އެއްހާ މީހުން މަރުވިއެވެ.