ޚަބަރު

މިއަހަރުގެ އަމާޒު ހާސިލްކުރަން ދެން ބޭނުންވަނީ 4 ލައްކަ ފަތުރުވެރިން


  • އަހަރުގެ މިހާތަނަށް 1.4 މިލިއަން ފަތުރުވެރިން އައިއްސި

  • އަމާޒަކީ 1.8 މިލިއަން ފަތުރުވެރިން ގެނައުން

  • އެންމެ ގިނައީ ރަޝިއާ ފަތުރުވެރިން

އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.4 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 1404320 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު، 13.9 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1.2 މިލިއަން ފަތުރުވެރިންނެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.4 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު، ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޒިޔާރަތްކޮށްފައިވަނީ ރަޝިއާ ފަތުރުވެރިންނެވެ. އަދި މިހާރު ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ އަދަދަކަށް ޒިޔާރަތްކުރަނީ ޗައިނާ ފަތުރުވެރިންނެވެ. މިދިޔަމަސް ނިމުނު އިރު ދެވަނައިގައި އޮތީ އިންޑިއާއެވެ.

އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުތައް:

• ރަޝިއާ – 161461 ފަތުރުވެރިން
• ޗައިނާ – 153989 ފަތުރުވެރިން
• އިންޑިއާ – 153424 ފަތުރުވެރިން
• އިނގިރޭސިވިލާތް – 111254 ފަތުރުވެރިން

މިއަހަރަށް ސަރުކާރުން އަމާޒު ކަނޑައަޅާފައިވަނީ 1.8 މިލިއަން ފަތުރުވެރިން ގެނެސް ފަތުރުވެރިކަމުގެ ރެކޯޑެއް ހެދުމަށެވެ. އަދި މި އަމާޒު ހާސިލްކުރުމަށް ދެެން ބޭނުންވަނީ 4 ލައްކަ ފަތުރުވެރިންނެވެ. މިހާރު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހު 4808 ފަތުރުވެރިން އަންނަކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު، މިއަހަރުގެ އަމާޒް ޑިސެމްބަރުމަހުގެތެރޭ ހާސިލްވާނެ ކަމަށް ލަފާކުރެއެވެ.

މިދިޔަ އަހަރު ސަރުކާރުން ކަނޑައެޅި 1.6 މިލިއަން ފަތުރުވެރިންގެ އަމާޒު އަހަރު ނިމުމުގެ 10 ދުވަސް ކުރިން ވަނީ ހާސިލްކޮށްފައެވެ.