ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވާ ބިދޭސީން ރާއްޖެ ދޫކޮށްދާއިރު އެ ފައިސާ ނެގޭގޮތަށް ގަވާއިދަށް އިޞްލާޙު ގެނެސްފިއެވެ.
ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބިދޭސީ މުވައްޒަފުން ބައިވެރިކުރުމާއި، ސްކީމުގެ ދަށުން ފޯރުކޮށްދޭންޖެހޭ ޢިނާޔަތްތައް ބިދޭސީ މުވައްޒަފުންނަށް ފޯރުކޮށްދިނުމާބެހޭ ގަވާއިދަށް ގެނެވުނު އެއްވަނަ އިޞްލާޙުގައި ވަނީ ޕެންޝަނުގެ އުމުރު ހަމަވުމުގެ ކުރިން ބިދޭސީ މުވައްޒަފުން ރާއްޖެ ދޫކޮށް ދާން ނިންމައިފިނަމަ، އެ މުވައްޒަފަކު ރާއްޖެ ދޫކޮށް ދާން ނިންމާ ހިސާބުން ފެށިގެން ފައިސާ ހޯދަން ހުށަހެޅިދާނެކަމަށް ހިމަނާފައެވެ.
މީގެ ކުރިން މި ގަވާއިދު އޮތްގޮތުން، ބިދޭސީ މުވައްޒަފުން ޕެންޝަން ފައިސާ ހޯދަން ހުށަހަޅަން ޖެހޭނީ ފުރައިގެން ދިއުމުގެ 3 މަސް ކުރިންނެވެ. އެހެންނަމަވެސް މިހާރު މިވަނީ މި ގަވައިދަށް އިޞްލާޙު ގެނެސްފައެވެ.
މި ގަވައިދުގައިވާގޮތުން ބިދޭސީ މުވައްޒަފުންނަށް ޕެންޝަން ފައިސާ ޖަމާކުރާނީ ދިވެހި ރުފިޔާއިންނެވެ. އަދި ފައިސާ ޖަމާކުރާނީ ރާއްޖޭގައި ހިންގާ ބޭންކެއްގައި އެ ބިދޭސީ މުވައްޒަފެއްގެ ނަމުގައި ނުވަތަ އެ ބިދޭސީ މުވައްޒަފަކު ކަނޑައަޅާ އެހެން މީހެއްގެ ނަމުގައި ހުޅުވާފައިވާ ދިވެހި ރުފިޔާގެ އެކައުންޓަކަށެވެ.
ބިދޭސީ މުވައްޒަފަކު މަރުވެއްޖެ ނަމަ އެ މީހެއްގެ ޕެންޝަން އެކައުންޓަށް ޖަމާވެފައި ހުރި ފައިސާ ހޯދުމަށް އެ މީހެއްގެ ވާރިސުންނަށް ހުށަހެޅޭނެ ގަވައިދުގައި ބަޔާންކޮށްފައިވެއެވެ. މިގޮތަށް ހުށަހަޅާއިރު ވާރިސުންނަކީ ކޮން ބައެއްކަމާއި އެ މީހުންނަށް ޕެންޝަން ފައިސާ ހައްގުވާ ކަމަށް ބަޔާންކޮށް އެ ޤައުމެއްގެ ކޯޓަކުން ކޮށްފައިވާ ހުކުމެއް ނުވަތަ އަމުރެއް ޕެންޝަން އޮފީހަށް ހުށަހަޅަންޖެހޭނެއެވެ.
ޕެންޝަންގައި ބައިވެރިވެފައިވާ ބިދޭސީ މުވައްޒަފަކަށް ދެވަނަ ފަހަރަށް ވެސް އެ ސްކީމްގައި ބައިވެރިވެވޭނެކަމަށް މި ގަވައިދުގައިވެއެވެ. އެހެންނަމަވެސް އެފަދަ މުވައްޒަފެއްގެ ރިޓަޔަމަންޓް ސޭވިންސް އެކައުންޓުން ދެ ވަނަ ފަހަރަށް ފައިސާ ދޫކުރާނީ އެ މީހަކަށް 65 އަހަރު ފުރުމުންނެވެ.
ބިދޭސީ މުވައްޒަފުން ޕެންޝަނުގައި ބައިވެރިވުމަކީ އެ ވަޒީފާ ދީފައިވާ ފަރާތެއްގެ އަމިއްލަ އިހުތިޔާރުގައިވާ ކަމެކެވެ.