ދެމެހެއްޓެނިވި ގޮތެއްގައި ހަކަތައާއި ތިމާވެށީގެ ދާއިރާ ކުރިއެރުވުމަށްޓަކައި އެ ދާއިރާތަކުން ޤާބިލް ދިވެހިން ބިނާކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުއްނެއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިގް އިބްރާހީމް ވިދާޅުވީ ރާއްޖެއަށް ތިމާވެށީގެ ގޮތުން ކުރިމަތިވާ ގެއްލުންތައް ދެނެގަނެ އެކަންކަމުން އަރައިގަތުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަތުން މުހިންމުކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އުޅޭ ދިރޭ ތަކެތި ހިމާޔަތްކޮށް އެ ތަކެތި މަދުވަމުން ދާނަމަ ރައްކާތެރިކޮށް ހިމާޔަތް ކުރަންޖޭހޭކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް އެދާއިރާތަކުން އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޤާބިލް ދިވެހިން ލިބުމުގައި އޮތް ދަތިކަންކަމަށާއި، މިދާއިރާގައި ގިނައީ ބިދޭސީންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ޠާރިޤް ވިދާޅުވީ ހަކަތައާއި ތިމާވެށްޓާއި ގުޅުން ހުރި ދާއިރާތަކުން މިހާރަށް ވުރެށް އިތުރަށް މީހުން ބިނާކުރުން މުހިންމުކަމަށެވެ. އެގޮތުން ރާއްޖޭގައި ވެސް މި ފަދަ ދާއިރާތަކަށް ގިނަ ފަހަރަށް ބަރޯސާވެފައި އޮންނަނީ ބޭރުގެ މީހުންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މި ފަދަ ދާއިރާތަކުން ދިވެހި ތަމްރީނުކޮށް މި މަސައްކަތުގައި މމައިދާނަށް ނެރުމަކީ ކުރުން ވަރަށް މުހިންމުކަމެއްކަމަށެވެ.
"ހަކަތައިގެ ދާއިރާއިން އަބަދުވެސް އެބަޖެހޭ މީހުން ބިނާކުރަން. ޓެކްނިކަލް މީހުން ބިނާކުރަން. ޚާއްސަކޮން ރިނިއުބަލް އެނަރޖީ ދާއިރާއިން އެޑިކުއޭޓް ވެފައިތިބި އަޅުގަނޑުމެން ދިވެހިން ވަރަށް މަދު. ބޭރުގެ މީހުންނަށް ވަރަށް ބޮޑަށް ބަރޯސާވެފައި މިއޮންނަނީ. އަޅުގަނޑުމެންގެ ދިވެހި މި ދާއިރާގައި ބިނާކޮށް ލައިސަންސް ދީގެން މަސައްކަތް ކުރާ ބަޔަކަށް ހެދުން. މިހާރުވެސް ލައިސަންސް ދީގެން މަސައްކަތް ކުރަނީ. އެހެންނަމަވެސް މި ދާއިރާގެ ޓެކްނިކަލް މީހުން ލައިސަންސް ދީގެން މަސައްކަތް ކުރުން މުހިންމު" މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިގް އިބްރާހީމް ވިދާޅުވިއެވެ.
ޠާރިގް ވިދާޅުވީ މީހުން ބިނާކުރުމަށް ދެން އެންމެ މުހިންމު ދާއިރާއަކީ ރާއްޖޭގެ ފެނާ ނަރުދަމާގެ މަސައްކަތުގެ ދާއިރާކަމަށެވެ. އެގޮތުން އެވުޒާރާގެ މަސައްކަތްތަކުގެ ތެރޭގައި ހިމަނައިގެން ފެނާ ނަރުދަމާގެ މަސައްކަތުގެ ޕޮލިސީއެއް ތައްޔާރު ކުރުމަށް މަސައްކަތް ކުރަމުން ދާކަމަށް ޠާރިގް ވިދާޅުވިއެވެ. މި ދާއިރައިން މީހުން ބިނާކުރުން މުހިންމީ މި ކަމަކީ ރައްޔިތުންނާއި ގުޅުން ހުރި މުހިންމު ކަމަކަށް ވުމުންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން ރާއްޖޭގެ ގިނަ ރައްރަށަކީ އަދި ނަރުދަމާގެ ހިދުމަތް ނުލިބޭ ރަށްރައް ކަމަށާއި ނަރުދަމާގެ މަސައްކަތް ނިމި ހިދުމަތް ދޭން ފެށުމުގެ ކުރިން ދެވެނީ ރައްކާތެރި ފެންތޯ ތަހުލީލުކޮށް ބެލުން މުހިންކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން މި ފަދަ ޓެކްނިކަލް މަސައްކަތަށް ގާބިލް ބޭފުޅުން ބިނާ ކުރަން ޖެހޭކަމަށް ޠާރިގް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރާއްޖެ އެތެރެ ކުރެވޭ ވިހަ މާއްދާތަކާއި ކެމިކަލްތައް އެ ތަކެތި ބޭނުން ކުރުމަށް ފަހު ރައްކާތެރި ގޮތުގައި ނައްތާލެވޭތޯ ބެލުމަކީ ތިމާވެށި ރައްކާތެރި ކުރުމަށް މި ކުރެވޭ މަސައްކަތުގައި ކުރުން ވަރަށް މުހިންމުކަމަށެވެ. މީގެ އިތުރުން ރާއްޖެ އެތެރެ ކުރެވޭ ޕްލާސްޓިކް ފަދަ ތަކެތި އެތެރެ ކުރުމާއި ބޭނުން ކުރާގޮތް ވަރަށް ފުޅާ ދާއިރާއެއްގައި ބަލަން ޖެހޭކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ޠާރިގް އިބްރާހިމް ފާހަގަކުރެއްވިއެވެ.