ރަތް ކަނޑުން ދަތުރުކުރާ ހުރިހާ އާގުބޯޓުތަކެއް ދަތުރުކުރުން މަޑުޖައްސާލުމަށް ޑެންމާކުގެ ޝިޕިންގ ކުންފުނި އޭޕީ މޮލަރ މާސްކުން އަންގައިފިއެވެ. ރަތް ކަނޑުގެ ބަދަލުގައި އެފްރިކާ ވަށައިގެން އޮންނަ ދުރު މަގުން ދަތުރުތައް ކުރުމަށް ބޯޓުތަކަށް އަންގާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
މާސްކުން އެ ގޮތަށް އަންގާފައި ވަނީ ރަތް ކަނޑުން ދަތުކުރި އެ ކުންފުނީގެ ބޯޓެއްކަމުގައިވާ ޖެބްރޯލްޓާއާއި އިތުރު އާގު ބޯޓަކަށް ޙަމަލާތަކެއް އަމާޒުވުމުންނެވެ. އެކަމާ ގުޅިގެން ބާބް އަލް މަންދީބް ކަނޑުއޮޅިން ހުރަސްކުރާ ހުރިހާ ބޯޓެއް ވެސް ވަކި އެއްޗެއް އަންގަންދެން ދަތުރުނުކޮށް މަޑުޖައްސާލަން އަންގާފައިވާނެ ކަމަށް އެ ކުންފުނިން ނެރުނު ބަޔާނެއްގައިވެއެވެ.
މާސްކުގެ ޖެބްރޯލްޓާއަށް އަމާޒުކޮށް ޙަމަލާ ދިނީ އޮމާންގެ ސަލާލާއިން ސަޢުދީ ޢަރަބިއާގެ ޖިއްދާއަށް ދަތުރުކުރަނިކޮށެވެ. ނަމަވެސް އެ ޙަމަލާގައި ބޯޓުގެ ފަޅުވެރިންނަށާއި ބޯޓަށްވެސް އެއްވެސް ގެއްލުމެއް ލިބިފައެއްނުވެއެވެ.
ޔަމަނުގައި ޙަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތެއް ކަމުގައިވާ ޙޫޘީންގެ ޙަމަލާއެއްގައި ޔަހޫދީންގެ ރަށްތަކާ ދިމާއަށް ދަތުރުކުރަމުން ދިޔަ މަސްކުގެ ބޯޓަކަށް ޙަމަލާދީފައިވާ ކަމަށް ހޫޘީން މީގެ ކުރިން ބުނި ނަމަވެސް އެ ކަން އެ ކުންފުނިން ވަނީ ދޮގުކޮށްފައެވެ. ޙޫޘީން ބުނެފައިވާ ގޮތުގައި އެ ބޯޓަށް އެ ޖަމާޢަތުން ވަނީ ޑްރޯން ޙަމަލާއެއް އަމާޒުކޮށްފައެވެ.
ރަތް ކަނޑު ހުރަސްކޮށް ދަތުކުރާ ހުރިހާ ބޯޓަކަށް ވެސް ޙަމަލާތައް ޢަމާޒުކުރާނެ ކަމަށް ޙޫޘީން މީގެ ކުރިން ވަނީ ބުނެފައެވެ. އެ ސަރަޙައްދުން ދަތުރު ކުރަމުންދާ އުޅަނދުފަހަރަށް ހޫޘީން ޙަމަލާ ދެނީ ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ހުއްޓުވަން ބާރުއެޅުމަށެވެ.