ޚަބަރު

ހުޅަނގު އައްސޭރީގައި ޔަހޫދީންގެ ޖަރީމާތައް ފުޅާކުރަނީ


އިސްތިޢުމާރު ކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ އަވަށެއް ކަމުގައިވާ ތާލައަށް އަރައި ޔަހޫދީން ސިފައިން ހިންގި ލާއިންސާނީ ޖަރީމާތަކެއްގައި އެކަކު ޒަޚަމުކޮށްލައި، އިތުރު ތިން މީހުން ހަައްޔަރުކޮށްފިއެވެ. އެ އަވަށަށް ވަދެނިކުމެ ހެދެން އޮތް ހުރިހާ މަގުތަކެއް ބަންދުކުރުމަށް ފަހު ޔަހޫދީ ސިފައިން ހަތިޔާރާއެކު އެ އަވަށަށް އަރައިގަނެފައި ވަނީ، އެ ސަރަޙައްދުގައި ޤާއިމުކޮށްފައިވާ ޣައިރުޤާނޫނީ އަވަށްތަކުގައި ދިރިއުޅޭ ހައްދުފަހަނަ އެޅި ޔަހޫދީ ނިރުބަވެރިން އިންތިޒާމުކުރި ހިނގައިލުމެއްގެ ބައިވެރިންނަށް ޙިމާޔަތް ދިނުމުގެ ނަމުގައެވެ. އެ ހިނގައިލުމުގައި ބައިވެރިވި ޔަހޫދީ ނިރުބަވެރިން ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ގެދޮރާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަދި، ޔަހޫދީ ސިފައިން ވަނީ، އެ ޖަރީމާތައް ހިންގުމުގެ ފުރުޞަތުދީ، އެ މީހުންނަށް ޙިމާޔަތް ފޯރުކޮށްދީފައެވެ. ފާއިތުވި ހަފުތާތަކުގެ ތެރޭގައި ކޮންމެ ދުވަހަކު ވެސް ޔަހޫދީ ސިފައިން އެ އަވަށަށް އަރައި، އަނިޔާވެރި ޢަމަލުތައް ހިންގާފައިވާ ކަމުގައި އެ އަވަށުގެ ރައްޔިތުން ބުނެއެވެ.

މި ހަފުތާގެ ކުރީކޮޅުގައި ވެސް ޔަހޫދީ ސިފައިންނާއި ހައްދުފަހަނައެޅި ޔަހޫދީ ނިރުބަވެރިން ވަނީ ތާލައަށް އަރައި، ލާއިންސާނީ ޖަރީމާތަކެއް ހިންގާފައެވެ. ގެދޮރަށް ގެއްލުންދެމުންދިޔަ ޔަހޫދީ ނިރުބަވެރިންނާ ކުރިމަތިލި ފަލަސްޠީނުގެ ރައްޔިތުންނަށް ހަމަލާދީ، ޔަހޫދީ ސިފައިން ވަނީ ހަތަރު މީހުން ޝަހީދު ކޮށްލާފައެވެ. މި ކުރިމަތިލުންތަކުގައި ޔަހޫދީ ސިފައިންގެ ދެ މީހަކު މަރުވި ކަމުގައި ވެސް ރިޕޯޓުތައް ބުނެއެވެ. މި ޖަރީމާތައް ހިންގި ވަގުތު ނަގާފައިވާ ވީޑިއޯތަކުން ފެންނަނީ، ހަތިޔާރު އަޅައިގެން ތިބި ޔަހޫދީ ނިރުބަވެރިން ފަލަސްޠީނުގެ ރައްޔިތުންނަށް ބިރުދައްކައި، އަނިޔާވެރިކަން އިސްކުރަމުން ދިޔަ މަންޒަރެވެ. އަދި، ޔަހޫދީ ބައިގަނޑަށް ހިތްވަރުދީ، ޙިމާޔަތް ދިނުމުގައި ޔަހޫދީ ސިފައިން ހަރަކާތްތެރިވަމުން ދިޔަ މަންޒަރެވެ. އެ ދުވަހު، ޔަހޫދީ ނިރުބަވެރިން ވަނީ އެ އަވަށުގެ ގަބުރުސްތާނުގައި ހުރި މަހާނަތަކަށް ވެސް ގެއްލުންދީފައެވެ.

ތާލަ އަވަށު ކައުންސިލުގެ ނައިބު ރައީސް މުންޛިރް ޝިތާޔާ ވިދާޅުވީ، ޔަހޫދީ ސިފައިން ހައްޔަރު ކޮށްފައިވާ މީހުންނަކީ އެއްވެސް ހަ
މަނުޖެހުމެއްގައި، ނުވަތަ ކުރިމަތިލުމެއްގައި ބައިވެރިވެފައިވާ ބަޔެއް ނޫން ކަމުގައެވެ. އެ އަވަށުގައި ދިރިއުޅޭ ރައްޔިތެއް ކަމުގައިވާ ޢަބްދުއްރަޙްމާން ޒައިދާން ބުނީ، އެ އަވަށުގެ ރައްޔިތުން ގެދޮރުން ނެރެ، ދުރުކުރުމަށް ޔަހޫދީ ސިފައިން ކަރުނަ ގޭސް ޖަހާފައިވާ ކަމަށާއި، ބަޑީގެ ހަމަލާތައް ދީފައިވާ ކަމުގައެވެ. މުޞްޠަފާ ޢަބޫ ބަކުރު ބުނީ، ޔަހޫދީ ނިރުބަވެރިންގެ ޖަރީމާތައް ހިންގާފައި ވަނީ ޔަހޫދީ ސިފައިންގެ ފުރިހަމަ ޙިމާޔަތުގެ ދަށުގައި ކަމުގައެވެ. މި ދަނޑިވަޅުގައި، ހުޅަނގު އައްސޭރީގައި ޔަހޫދީ ސިފައިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް އިތުރުކޮށް، ފުޅާކުރާނެ ކަމުގައި ޔަހޫދީ ސަރުކާރުގެ ނިރުބަވެރި ދިފާޢީ ވަޒީރު އިސްރައެލް ކަޓްޒު ވަނީ ބުނެފައެވެ.

ހުޅަނގު އައްސޭރީގެ ރައްޔިތުން ބުނީ، އެ މީހުންގެ ބިންތަކުގައި ޤަވާޢިދާ ޚިލާފަށް ވަޒަންވެރިވެފައިވާ ޔަހޫދީ ނިރުބަވެރިން ހިންގާ ޖިނާޢީ ކުށްތައް ހުއްޓުވުމަށް ޔަހޫދީ ސަރުކާރުން އަދި ތަންފީޒީ އިދާރާތަކުން އެއްވެސް ފިޔަވަޅެއް ނާޅާ ކަމުގައެވެ. އަދި، ކުށްތައް ހިންގުމަށް ހިތްވަރުދީ، އެއްބާރުލުން ދެމުންދާ ކަމުގައެވެ. ޔަހޫދީ ސަރުކާރުން މި ތުހުމަތުތައް ދޮގުކުރި ނަމަވެސް، ބައިނަލްއަޤުވާމީ މުޖުތަމަޢުން މި ކަން ބަލައިގަނެއެވެ. ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް ޔަހޫދީ ދައުލަތުން ޤާއިމުކޮށްފައިވާ އަވަށްތަކަކީ ޣައިރުޤާނޫނީ ތަންތަން ކަމަށާއި، އެއީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ޖަރީމާއެއްގެ ގޮތުގައި އެކުވެރި ދައުލަތްތަކާއި (އދ) ގިނަ ޤައުމުތަކުން ޤަބޫލުކުރެއެވެ.