ޔޫކްރެއިންގެ 11 ސަރަޙައްދެއްގައިވާ ރަށްތަކަށް އަމާޒުކޮށް ޙަމަލާ ދޭން ރަޝިޔާއިން ފޮނުވައިލި 30 ޑްރޯން ދިފާޢުކޮށް، ވައްޓައިލާފައިވާނެ ކަމުގައި ޔޫކްރެއިނުން ބުނެފިއެވެ. ޔޫކްރެއިންގެ ވެރިރަށް ކީވް ހިމެނޭހެން ބޮޑެތި ރަށްތަކަށް އަމާޒުކޮށް ޙަމަލަ ދޭން ރަޝިޔާއިން 31 ޑްރޯން ބޭނުން ކޮށްފައިވާ ކަމުގައި ޔޫކްރެއިންގެ ވައިގެ ސިފައިން ބުންޏެވެ.
ޔޫކްރެއިންގެ އަސްކަރިއްޔާގެ އިސް އޮފިޝަލެއް ކަމުގައިވާ ސަރްހީ ޕޮޕްކޯ ވިދާޅުވީ މިއީ މި މަހުގެ ތެރޭގައި ކީވަށް މި ފަދަ ވަރުގަދަ ޙަމަލާތަކެއް ދޭން މަސައްކަތް ކޮށްފައިވާ ހަ ވަނަ ފަހަރު ކަމުގައެވެ. ފާއިތުވި ތިން ދުވަހުގެ ތެރޭގައި ކްރޫޒް މިސައިލް ބޭނުން ކޮށްގެން ކީވަށް ޙަމަލަ ދީފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. ރަޝިޔާގެ ޑްރޯން ޙަމަލަތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ކީވާއި ޔޫކްރެއިންގެ ބޮޑެތި ރަށްތަކަށް ޙަމަލަ ދޭން ރަޝިޔާއިން ބޭނުން ކޮށްފައި ވަނީ އީރާނުގައި އުފައްދާފައިވާ ޝާހިދް މަރުކާގެ އަސްކަރީ ޑްރޯންތަކެވެ. ޔޫކްރެއިންގެ ވައިގެ ސިފައިން ބުނީ، ރަޝިޔާގެ ޑްރޯންތައް ދިފާޢު ކޮށްފައި ވަނީ އަސްކަރީ މަތިންދާބޯޓުތަކާއި ނުވަތަ މަތިންދާބޯޓަށް ޙަމަލަދޭން ބޭނުން ކުރާ ބަޑިއާއި މިސައިލް ބޭނުން ކޮށްގެން ކަމުގައެވެ.
ރަޝިޔާގެ ގިނަ ޙަމަލަތައް އަމާޒު ކޮށްފައި ވަނީ ކީވް އިތުރުން ދްނީޕްރޯ ކޯރުގެ އިރުމަތީ އައްސޭރިފަށުގައި އޮންނަ ދާރްނިޗްކީ ސަރަޙައްދަށް ކަމުގައި ކީވްގެ މޭޔަރު ވިތާލީ ކްލިޗްކޯ ވިދާޅުވިއެވެ. އަދި، ރަޝިޔާގެ ޙަމަލަތައް ފަސް ގަޑިއިރަށް ދެމިގެން ދިޔަ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ޑްރޯން ފަދަ ހަތިޔާރު ބޭނުންކޮށްގެން ރަޝިޔާއިން ޔޫކްރެއިންގެ ރަށްތަކަށް ދެމުންދާ މި ފަދަ ޙަމަލާތައް ފަހަކަށް އައިސް އިތުރު ކޮށްފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. މި ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޔޫކްރެއިންގެ ޢާންމު ރައްޔިތުން ދިރިއުޅޭ ޢިމާރާތްތަކަށް ކަމުގައި އެ ޤައުމުން ތުހުމަތު ކުރި ނަމަވެސް ރަޝިޔާއިން ދަނީ މި ތުހުމަތުތައް ދޮގު ކުރަމުންނެވެ.
2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު ޔޫކްރެއިނަށް އަރައި ރަޝިޔާ ސިފައިން ފަށާފައިވާ ހަނގުރާމައިގައި، ރަޝިޔާއިން ވަނީ ޔޫކްރެއިންގެ ތިން ސަރަޙައްދަކަށް އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި ޔޫކްރެއިންގެ އިރުމަތީ ދޮންބާސް ސަރަޙައްދުގައި އޮންނަ ލުހާންސްކާއި ދޮނެޓްސްކުގެ އިތުރުން ދެކުނުގައި އޮންނަ ޒަޕޮރީޜިޔާ ހިމެނެއެވެ.
ދެކުނުގައި އޮންނަ ޚަރްސަނަށް ރަޝިޔާގެ ފައުޖުން އަތްގަދަ ކުރި ނަމަވެސް، ޔޫކްރެއިންގެ ސިފައިން ވަނީ އެ ސަރަޙައްދު މިނިވަން ކޮށްފައެވެ. އަދި، ރަޝިޔާގެ އިސްތިޢުމާރީ ސިފައިންނާ ދެކޮޅަށް ޔޫކްރެއިންގެ ފައުޖުތަކުން މިހާރު ދަނީ ރައްދު ޙަމަލާގެ އަސްކަރީ ޙަރަކާތެއް ހިންގަމުންނެވެ.