ޚަބަރު

ރަޝިޔާގެ ބިޔެލްގޮރޮދަށް ޔޫކްރެއިންގެ ވަރުގަދަ ޙަމަލަތަކެއް


ރަޝިޔާގެ ދެކުނުގައި ޔޫކްރެއިންގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ބިޔެލްގޮރޮދަށް ޔޫކްރެއިނުން ވަރުގަދަ ޙަމަލަތަކެއް ދީފިއެވެ. ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ ޔޫކްރެއިން 12 މިސައިލާއި ޑްރޯން ބޭނުން ކޮށްގެން އެ ސަރަޙައްދަށް ޙަމަލަތަކެއް ދީފައިވާ ކަމުގައެވެ. އެ ޙަމަލަތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތެވެ.

ނަމަވެސް، ޔޫކްރެއިނުން ވަނީ ޑިސެންބަރު 31 ވަނަ ދުވަހު ވެސް ބިޔެލްގޮރޮދަށް ވަރުގަދަ ޙަމަލަތަކެއް ދީފައެވެ. އެ ސަރަޙައްދުގެ ގަވަރުނަރު ވްޔަޗިސްލާވް ގްލަޑްކޮފް ވިދާޅުވީ، އެ ދުވަހުގެ ޙަމަލަތަކުގައި އާންމުންގެ 25 މީހުން މަރުވި ކަމުގައެވެ. މަރުވި މީހުންގެ ތެރޭގައި ފަސް ކުޑަކުދިން ހިމެނޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ބިޔެލްގޮރޮދަށް ޔޫކްރެއިނުން އެންމެ ފަހުން ދިން ޙަމަލަތަކުގައި ލިބިފައިވާ ގެއްލުން ވަޒަން ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެ ޙަމަލަތަކަކީ ހުސްވި އަހަރުގެ ފަހު ދުވަސްކޮޅާ ދިމާކޮށް ރަޝިޔާއިން ޔޫކްރެއިންގެ ރަށްތަކަށް އަމާޒުކޮށް ދީފައިވާ ވަރުގަދަ ޙަމަލަތަކުގެ ރައްދުގައި ދީފައިވާ ޙަމަލަތަކެއް ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ހުސްވި އަހަރު ނިމުމާ ދިމާކޮށް ޔޫކްރެއިންގެ ވެރިރަށް ކީވާގައި އެހެން ބޮޑެތި ރަށްތަކަށް އަމާޒުކޮށް ރަޝިޔާއިން ދީފައިވާ ޙަމަލަތަކުގައި ޢާންމުންގެ 31 މީހުން މަރުވެ، 160 އަށްވުރެ ގިނަ މީހުން ޒަޚަމުވިއެވެ. ޔޫކްރެއިންގެ ދިފާޢީ ވުޒާރާއިން ބުނީ އަހަރުގެ ނިމުމާ ދިމާކޮށް ރަޝިޔާއިން ޑްރޯނާއި މިސައިލް ބޭނުން ކޮށްގެން 300 އަށްވުރެ ގިނަ ޙަމަލަ ދީފައިވާ ކަމުގައެވެ.

އެ ޙަމަލަތަކުގެ ބަދަލު ހިފުމުގެ ގޮތުން ބިޔެލްގޮރޮދަށް ޙަމަލަދީފައިވާތީ ރަޝިޔާއިން ވަނީ ނުރުހުން ފާޅު ކޮށްފައެވެ. އެ ކަމާ ގުޅޭ ގޮތުން ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ވިދާޅުވީ ޔޫކްރެއިންގެ ޙަމަލަތަކުގެ ބަދަލު ހިފާނެ ކަމުގައެވެ. ޖަނަވަރީ 2 ވަނަ ދުވަހު ޔޫކްރެއިނުން ދިން ޙަމަލައެއްގައި އެކަކު މަރުވެ ހަތް މީހުން ޒަޚަމުވެފައިވާ ކަމުގައި ރަޝިޔާއިން ބުނެއެވެ.

ރަޝިޔާ ސިފައިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައަށް 679 ދުވަސް ފާއިތުވެފައިވާއިރު، ރަޝިޔާއިން ވަނީ ޔޫކްރެއިންގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަ ކޮށްފައެވެ. އެއީ، ޔޫކްރެއިންގެ އިރުމަތީގައިވާ ދޮންބާސްގައި އޮންނަ ލުހާންސްކާއި ދޮނެޓްސްކުގެ އިތުރުން ދެކުނުގައި އޮތް ޒަޕޮރީޜިޔާއެވެ. ރަޝިޔާގެ އަތްދަށުން އެ ސަރަޙައްދުތައް މިނިވަން ކުރަން ޔޫކްރެއިންގެ ފައުޖުތަކުން މިހާރު ދަނީ ކައުންޓަރއޮފެންސިވެއް ނުވަތަ ރައްދު ޙަމަލާގެ އަސްކަރީ ކެމްޕޭނެއް ހިންގަމުންނެވެ.