ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ކުރިއަށް ގެންދެވި ވޭސްޓް ކަލެކްޝަންސް މާރކެޓް ސާރވޭ ރިޕޯޓް ލޯންޗްކުރައްވައިފިއެވެ.
މިރިޕޯޓް ލޯންޗް ކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމްއެވެ. މީގެ އިތުރުން ވެމްކޯއިން ވަނީ "ސާފު ރާއްޖެ" ކެމްޕޭންގައި އެންވަޔަރަމެންޓް މިނިސްޓްރީއާއެކު ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފުއާދުއެވެ.
ވެމްކޯއިން ކުރިއަށް ގެންދެވި ވޭސްޓް ކަލެކްޝަންސް މާރކެޓް ސާރވޭ ކުރިއަށް ގެންދަވާފައިވަނީ ދެ ފިޔަވައްސަކަށް ބައްސަވާލައްވައިގެންނެވެ. މި ސަރވޭގެ ފުރަތަމަ ފިޔަވަހި ކުރިއަށް ގެންދަވާފައިވަނީ މިއަހަރުގެ ޖެނުއަރީ 22ން 30ގެ ނިޔަލަށް ކުނިއުކުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް އެކަން ކުރާގޮތް ގާތުންބައްލަވާ މޮނިޓަރކޮށްގެނެވެ.
ސާރވޭގެ ދެވަނަ ފިޔަވަހި ކުރިއަށް ގެންގޮސްފައިވަނީ މިއަހަރުގެ ފެބްރުއަރީ 11 އިން މާރޗް 5 އަށެވެ. މިސަރވޭ ކުރިއަށް ގެންދަވާފައި ވަނީ ދޮރުން ދޮރަށް ގޮސް ސުވާލުކުރުމުގެ އިތުރުން އޮންލައިން ސާރވޭ ކުރައްވައިގެންކަމަށާއި އަދި މި ސާރވޭ ކުރިއަށް ގެންދަވާފައިވަނީ މާލެ ދިހަ ޒޯނަކަށް ބަހާލައިގެންކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން އިން ހާމަކުރައްވައެވެ.
ސާރވޭއިން ދައްކާ ގޮތުގައި ކުނި އުކުމުގެ ލައިސަންސް ލިބިފައިވާ އަމިއްލަ ފަރާތްތަކުގެ އިތުރުން ކުނި އުކުމުގެ މަސައްކަތް ކުރަނީ ބިދޭސީ ފަރާތްތަކުންނެވެ. ބިދޭސީ ފަރާތްތަކުން ކުނި އުފުލުމުގައި ގެންގުޅޭ އެންމެ އާއްމު ވަސީލަތަކީ ބައިސްކަލްއެވެ. އަދި ދުވާލެއްގެ މައްޗަށް ކޮންމެ ބިދޭސީއަކު ދިހަ ގެއެއްގެ ކުނި އުކާލައެވެ. ނުވަދިހަ ހަތަރު އިންސައްތަ ގޭގެއަށް ކުނިބަލާ ދާ ވަގުތުކީ ހަވީރު ހަތަރަކާއި ރޭހަނޑު ދިހައަކާއި ދޭތެރެގެ ވަގުތުތަކުގައިކަމަށް މި ސާރވޭއިން ދައްކައެވެ. މީގެ އިތުރުން ގިނަ ގޭބިސީތަކުން ކުނި ވަކިނުކޮށް އުކާކަންވަނީ ފާހަގަކުރެވިފައެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިގް އިބްރާހިމް ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ގޭބިސީތަކުގައި އުފެދޭ ކުނިނައްތާލަން ދިމާވާ ދަތިތައް ޙައްލުކުރެވިގެންދާކަމަށެވެ.
ސާފު ރާއްޖެ ކެމްޕޭންގެ ދަށުން ރާއްޖެ ސާފުކޮށް ބޭއްވުމަށް ގިނަ މަސައްކަތްތަކެއް ކުރިޔަށް ގެނދަވާނެކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީ ހާމަކުރައްވައެވެ.