ޚަބަރު

އެމްއާރްއައި ޓީ ޓޫ ސްޓަރގެ ޚިދުމަތް ހުޅުމާލެ ހޮސްޕިޓަލްގައި ރަސްމީކޮށް ފަށައިފި


  • މިއީ ހަފްތާ 14ގެ މަގުޗާޓުގައި ހިމެނޭ ކަމެއް

  • މިޓެސްޓުން ހަށިގަނޑުގައި ދަގަނޑު އަށަގަނެފައިވާ މިންވަރު އެނގޭނެ

ތެލެސީމިއާ ޕޭޝަންޓުންނަށް ބޭނުންވާ އެމްއާރްއައި ޓީ ޓޫ ސްޓަރގެ ޚިދުމަތް ހުޅުމާލެ ހޮސްޕިޓަލްގައި ފަށައިފިއެވެ.

މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތު އޮތީ ހުޅުމާލޭ ހޮސްޕިޓަލްގެ ޑިސްއެބިލިޓީ މެނޭޖްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގައެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ މިޚިދުމަތް ރާއްޖޭގައި ލިބެންނެތުމުން ޚިދުމަތް ބޭނުންވާ ފަރާތްތަކުން މިޚިދުމަތް ހޯދުމަށާއި ޚިދުމަތް ދިނުމަށް ދައުލަތުން ބޮޑު ޚަރަދެއް ކުރަންޖެހޭ ކަމަށެވެ. އެހެންކަމުން މިޚިދުމަތް ތަޢާރަފްވެގެން ދިއުމުން މިކަމަށް ކުރަންޖެހޭ ޚަރަދު އިންތިހާއަށް ކުޑަވެގެން ދާނެކަމަށެވެ.

މި ޚިދުމަތާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ ޗީފް އެގްޒެކެޓިވް އިބްރާހިމް އަބްދުލް ރައްޒާގް ހަލީމް ވިދާޅުވީ، އެމްއާރްއައި ޓީޓޫ ސްޓަރގެ ޚިދުމަތަކީ ތެލެސީމިއާ ކުދިންނަށް ޚާއްސަ ވަރަށް މުހިންމު ޚިދުމަތެއްކަމަށެވެ. އަދި މިޓެސްޓާއެކު ހަށިގަނޑުގައި ދަގަނޑުގެ ބައި އަށަގަނެވިފައިވާ މިންވަރު ދެނެގަނެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިޓެސްޓުން އެނގޭނެ ހަށިގަނޑުގައި ދަގަނޑު އަށަގެންފައިވާ މިންވަރު. އެއީ ކޮންމެ ފަހަރަކުވެސް ލޭ އަޅާއިރު ހަށިގަނޑުގައި އުފެދޭ ނޫނީ ޖަމާވާ ދަގަނޑުގެ ބާވަތްތައް ޑެސްފަރޯލް ބޭނުންކޮށްގެން ބޭރުކުރުމުގެ މަސައްކަތް ކުރޭ. މީގެއިން ހަށިގަނޑުގެ ގުނަވަންތަކަށް ފުރަމެޔާއި ހިތާއި މިގުނަވަންތަކަށް އޭގެ އަސަރު ކޮށްފަހުރި އަޔަން އޯވަރ ލޯޑްވެފަ ހުރި ވަރެއް މީގެއިން ބަލާލަދެވޭނެ." ސީއީއޯ ވިދާޅުވިއެވެ.

ޚިދުމަތް އިތުރަށް ރަނގަޅުކުރުމަށް މުވައްޒަފުން ތަމްރީންކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިއަދުން ފެށިގެން ފަށާނެ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ހާމަކުރެއެވެ. އަދި ދަގަނޑުގެ އޯވަރލޯޑް ދެނެގަނެ މޮނިޓަރ ކުރުމުގެ ގާބިލްކަން ލިބިފައިވާ ޒަމާނީ އިމޭޖިން ޓެކްނޮލޮޖީގެ މިޚިދުމަތް ބޭނުންވާ ފަރާތްތަކަށް ފަރުވާދިނުމުގެ ޕްލޭންތައް އެންމެ ފުރިހަމައަށް ހެދުމުގައި އެހީތެރިކަން ލިބިގެންދާނެ ކަމަށްވެސް އެހޮސްޕިޓަލުން ބުނެއެވެ.

ތެލެސީމިއާ ކުދިންނަށް އެމްއާރްއައި ޓީޓޫ ސްޓާގެ ޚިދުމަތް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހަންމަދު މުއިއްޒުގެ ހަފްތާ 14ގެ މަގުޗާޓުގައިވެސް ހިމެނޭ ކަމެކެވެ.