ޚަބަރު

ޔަމަނުގެ ސުލްޙައިގެ ވާހަކަތަކުން އެޤައުމުގެ ސަރުކާރު ވަކިވެއްޖެ


ކުވައިތުގައި ކުރިޔަށްދިޔަ ޔަމަންގެ ސުލްޙައިގެ ވާހަކަތަކުން ޔަމަންގެ ސަރުކާރު ވަކިވެއްޖެއެވެ. 

ޔަމަންގެ ޚާރިޖީ ވަޒީރު އަބްދުލް މަލިކް އަލްމިޚްލާފީ ވިދާޅުވީ ސުލްޙައިގެ ވާހަކަތަކުން ޔަމަންގެ ސަރުކާރު ވަކިވީ ރައީސް ޢަބްދުރައްބު މަންޞޫރު ހާދީގެ ސަރުކާރަކީ ޔަމަންގެ ޝަރުއީ ސަރުކާރުކަމަށް އިޢްތިރާފް ވުމަށް އިދިކޮޅު ހޫޘީ ޖަމާޢަތުން ދެކޮޅު ހެދުމުގެ ސަބަބުން ކަމަށެވެ. ކުވައިތުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި މިޚްލާފީ ވިދާޅުވީ ޔަމަންގެ ސުލްޙައިގެ ވާހަކަތައް ބިނާވެފައިވާ އަސާސްތަކުގެ ތެރޭގައި ޔަމަންގެ ޝަރުއީ ސަރުކާރަކީ ރައީސް ހާދީގެ ސަރުކާރުކަމަށް އިޢްތިރާފްވުން ހިމެނޭކަމަށެވެ. މިކަމަށް އިދިކޮޅު ހޫޘީން ދެކޮޅުހަދާނަމަ ސުލްޙައިގެ ވާހަކަތައް ކުރިޔަށްގެންދިޔުމުގެ ބޭނުމެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ޔަމަންގެ ސުލްޙައިގެ ވާހަކަތައް ބިނާވެފައިވާ އަސާސްތައް ހޫޘީން ގަބޫލުކުރުމުން ނޫނީ ސުލްޙައިގެ ވާހަކަތަކަށް ޔަމަންގެ ސަރުކާރުން އަލުން އެނބުރި ނުދާނެކަން ޔަމަނަށް ކަނޑައަޅާފައިވާ އދ. ގެ މަންދޫބަށް އަންގާފައިވާނެ ކަމަށްވެސް ޔަމަންގެ ޚާރިޖީ ވަޒީރު އަބްދުލްމަލިކް އަލްމިޚްލާފީ ވިދާޅުވިއެވެ.