ޚަބަރު

މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ ހިންގުމަށް ބަދަލުތަކެއް !


މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހިންގުން އިތުރަށް ހަރުދަނާކޮށް ރައްޔިތުންނަށް ދެވޭ ޚިދުމަތް އަވަސް އަދި ފުރިހަމަ ޚިދުމަތަކަށް ހެދުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްގެ ހިންގުމުގެ އޮނިގަނޑަށް ބައެއް ބަދަލުތައް މިއަދު ގެންނަވައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައ ޑިވިޜަނަލް އޮޕަރޭޝަންސް ކޮމާންޑު 2 ބަޔަކަށް ބަހާލައި ނޮދަން އޮޕަރޭޝަންސް ކޮމާންޑް އަދި ސަދަން އޮޕަރޭޝަންސް ކޮމާންޑް ވަނީ އުފައްދަވާފައެވެ. މިއާއެކު ނޮދަން އޮޕަރޭޝަންސް ކޮމާންޑުގެ ދަށުން އަޕަރ ނޯތު ޕޮލިސް ޑިވިޜަން އާއި ނޯތު ޕޮލިސް ޑިވިޜަން އަދި ނޯތު ސެންޓްރަލް ޕޮލިސް ޑިވިޜަން ހިންގާގޮތަށް ހަމަޖައްސަވައި، ހެޑް އޮފް ނޮދަން އޮޕަރޭޝަންސް ކޮމާންޑްގެ މަޤާމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު ވަނީ ހަމަޖައްސަވާފައެވެ. ސަދަން އޮޕަރޭޝަންސް ކޮމާންޑްގެ ދަށުން ސެންޓްރަލް ޕޮލިސް ޑިވިޜަން އާއި ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަން އަދި އަޕަރ ސައުތު ޕޮލިސް ޑިވިޜަނާއި ސައުތު ޕޮލިސް ޑިވިޜަން ހިންގާ ގޮތަށް ހަމަޖައްސަވާ، ހެޑް އޮފް ސަދަން އޮޕަރޭޝަންސް ކޮމާންޑްގެ މަޤާމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން އާދަމް ވަނީ ހަމަޖައްސަވާފައެވެ.

img:http://s3.psmnews.mv/images/660x400/14636622337888.jpg|ފުލުހުންގެ ބައެއް އިސްވެރިން / ފޮޓޯ: ޕޮލިސް މީޑިއާ

މީގެ އިތުރުން އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓްޑީޒް އަކީ ސަރވިސަސް ޑިވެލޮޕްމެންޓް ޑައިރެކްޓްރޭޓުގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައި ސަރވިސަސް ޑިވެލޮޕްމެންޓް ޑައިރެކްޓްރޭޓުގެ ދަށުން ހިނގާ ޑިޕާޓްމަންޓެއްގެ ގޮތުގައި ޕޮލިސް އެކަޑަމީ ވަނީ ހަމަޖައްސަވާފައެވެ. އެ ޑައިރެކްޓަރޭޓްގެ ވެރިއަކަށް ހަމަޖައްސަވާފައިވަނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއެވެ.ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ދަށުން ހިންގާ ޑިޕާޓްމަންޓެއްގެ ގޮތުގައި ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓް ހަމަޖައްސަވާފައިވާއިރު، ހެޑް އޮފް ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ މަޤާމަށް ހަމަޖައްސަވާފައިވަނީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަމްދޫން ރަޝީދުއެވެ. 

img:http://s2.psmnews.mv/images/660x400/14636624525578.JPG|ފުލުހުން / ފޮޓޯ: ޕޮލިސް މީޑިއާ

އިންޓަރގްރޭޓެޑް ސަރވިސަސް ކޮމާންޑުގެ ނަމުގައި ކޮމާންޑެއް އުފައްދަވައި އެކޮމާންޑުގެ ދަށުން ހިނގާ ޑިޕާޓްމަންޓް ތަކުގެ ގޮތުގައި ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓާއި މެރިން ޕޮލިސް ޑިޕާޓްމަންޓާއި ޕޮލިސް ކޮމިއުނިކޭޝަން ސެންޓަރ ވަނީ ހަމަޖައްސަވާފައެވެ. އެކޮމާންޑުގެ ވެރިއަކަށް ހަމަޖައްސަވާފައިވަނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޖަމްޝީދެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވީ އިދާރީ ހިންގުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް މިބަދަލުތައް ގެންނެވީ އެގްޒެކެޓިވް ބޯޑުގައި މަޝްވަރާ ކުރައްވައި އެގްޒެކެޓިވް ބޯޑުގެ ލަފާގެ މަތިންކަމަށެވެ.