ޚަބަރު

އިމްޕޯޓު އެކްސްޕޯޓުން ޖުލައިމަހު ދައުލަތަށް 364 މިލިޔަން ރުފިޔާ


  • ޖުލައިމަހު ރާއްޖެއަށް ވަނީ 4.5 ބިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައި

  • އެންމެ ގިނައިން މޫދާ އެތެރެކޮށްފައިވަނީ ޔޫ.އޭ.އީ އިން

  • ޖުލައި މަހު 65 މިލިޔަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވޭ

އިމްޕޯޓު އެކްސްޕޯޓުން ޖުލައިމަހު ދައުލަތަށް 364 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން އިމްޕޯޓު އެކްސްޕޯޓުނާ ލިބުނު އާމްދަނީއަކީ މިދިޔަ އަހަރުގެ މިމުއްދަތުގައި ދައުލަތަށް އިމްޕޯޓު އެކްސްޕޯޓުން ލިބުނު 361 މިލިޔަން ރުފިޔާގެ އާމްދަނީއާ އަޅާ ބަލާއިރު 0.8 އިންސައްތަ އިތުރު އަދަދެކެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައިމަހު ރާއްޖެއަށް ވަނީ 4.5 ބިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައެވެ. މިދިޔަ އަހަރުގެ ޖުލައިމަހު ރާއްޖެއަށް އެތެރެކޮށްފައިވަނީ 4.7 ބިލިޔަން ރުފިޔާގެ މުދަލެވެ.

ޖުލައިމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔޫ.އޭ.އީ، އިންޑިއާ، ޗައިނާ، ސިންގަޕޫރު އަދި ސްރީ ލަންކާއެވެ.

ޖުލައިމަހު އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ޤައުމުތައް

ޔޫ.އޭ.އީ – 991 މިލިޔަން
އިންޑިއާ – 766 މިލިއަން
ޗައިނާ – 681 މިލިއަން
ސިންގަޕޫރު – 356 މިލިއަން
ސްރީ ލަންކާ – 254 މިލިއަން

ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ މެޝިނަރީ އާއި އިލެކްޓްރިކް ސާމާނު، ތެލުގެ ބާވަތްތަކުގެ އިތުރުން ކާބޯތަކެތީގެ ބާވަތްތަކެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުގައި ޖުލައި މަހު ރާއްޖެއިން ބޭރުކޮށްފައިވާ މުދަލުގެ އަދަދު ވަނީ ދަށްވެފައެވެ. އެގޮތުން ޖުލައިމަހު 65 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވެއެވެ.
ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ އިނގިރޭސިވިލާތް، ތައިލެންޑް، ޔޫ.އޭ.އީ، ބަންގްލަދޭޝް އަދި ފަރަންސޭސިވިލާތަކަށް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.