ޚަބަރު

އިންޑިއާއިން 300 މެޓުރިކް ޓަނުގެ ކާގޯ ހިފައިގެން ބޯޓެއް ހިތަދޫ ޕޯޓަށް


  • ހިތަދޫ ބަނދަރަށް މި ބޯޓު ކައިރިކުރާނެކަމަށް ބެލެވެނީ އަންނަ ބުދަ ދުވަހު

  • ތަރުކާރީއާއި މޭވާގެ އިތުރުން އެހެނިހެން ޖެނެރަލް ކާގޯގެ ބާވަތްތައް ހިމެނޭ

  • އިންޑިއާއިން އައްޑޫ ސިޓީއަށް ދާއިމީކޮށް ޕެރިޝަބަލް ކާގޯ ގެންދަން ފެށީ ޖުލައި މަހު

އިންޑިއާގެ ޓުޓިކޮރިން އިން އައްޑޫއަށް މުދާ ގެންނަ "އެމްވީ ނިއުމަތު" އަންނަ ބުދަ ދުވަހު ހިތަދޫ ރީޖަނަލް ޕޯޓަށް ކައިރި ކުރާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ވިދާޅުވެއްޖެއެވެ.

އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންޑިޔާގެ ޓުޓިކޮރިންއިން ގާތްގަނޑަކަށް 300 މެޓްރިކް ޓަނުގެ މުދާ ހިފައިގެން "އެމްވީ ނިޢުމަތު" ނަމަކަށް ކިޔާ އުޅަނދެއް ހިތަދޫ ރީޖަނަލް ޕޯޓަށް ދަތުރުކުރަމުންދާ ކަމަށެވެ. އަދި ޝެޑިއުލްގައިވާ ގޮތުން މި ބޯޓު ހިތަދޫ ބަނދަރާއި ގާތްކުރާނެކަމަށް ބެލެވެނީ އަންނަ ބުދަ ދުވަހު ކަމުގައިވެސް ވަޖީހު ވިދާޅުވިއެވެ.

މި ބޯޓުގައި ތަރުކާރީއާއި މޭވާގެ އިތުރުން އެހެނިހެން ޖެނެރަލް ކާގޯގެ ބާވަތްތައް ހިމެނޭ ކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ. މިއީ އިންޑިޔާއިން އައްޑޫ ސިޓީއަށް ގަވާއިދުން ކާގޯ ގެންދިއުމަށް މި ސަރުކާރުން ކުރި މަސައްކަތުގެ ކާމިޔާބީއެއްގެ ގޮތުގައި އެމްޕީއެލްގެ ސީއީއޯ ވަޖީހު ވަނީ ސިފަކުރައްވާފައެވެ. އަދި މިއީ ފެށުނީއްސުރެ މެދުނުކެނޑި ކުރިއަށްދާ އޮޕަރޭޝަނަށް އިތުރުވެގެންދިޔަ މުހިންމު ބޮޅެއްކަމުގައިވެސް ވަޖީހު ވިދާޅުވިއެވެ.

"މިއީ އިންޑިޔާއިން، ދާއިމީ ގޮތެއްގައި އައްޑޫ ސިޓީ އަށް ކާގޯ ގެންދިއުމަށްޓަކައި މިސަރުކާރުން ކުރި މަސައްކަތް ކާމިޔާބުވެ، މި މަސައްކަތް ފެށުނު ފަހުން، މެދު ނުކެޑި، އެ އޮޕަރޭޝަނަށް އިތުރު ކުރެވިގެން ދިޔަ ބޮޅެއް." ވަޖީހު ވިދާޅުވިއެވެ.

އިންޑިއާގެ ޓުޓިކޮރިންއިން އައްޑޫ ސިޓީއަށް އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ނުވަތަ ޕެރިޝަބަލް ކާގޯ އެންމެ ފުރަތަމަ ގެންނަމުން އައީ ލަކުޑި ބޯޓުތަކުގައެވެ. މި ބޯޓުތަކަށް ދަތުރުކުރެވެނީ އަހަރުގެ ވަކި ދުވަސްވަރެއްގެ ތެރޭގައި ކަމަށްވާތީ ދާއިމީ ގޮތެއްގައި މުދާ ގެނެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް އެމްޕީއެލްއާއި ހިތަދޫ ޕޯޓުން ވަނީ ކޮށްފައެވެ.

އެމްޕީއެލްއާއި ހިތަދޫ ޕޯޓުން ކުރި މަސައްކަތުން އިންޑިއާގެ ފައިނެސް ގްރޫޕް މެދުވެރިކޮށް މިދިޔަ ޖުލައި މަހުން ފެށިގެން ދަގަނޑު ބޯޓުތަކުގައި ދާއިމީ ގޮތެއްގައި ޕެރިޝަބަލް ކާގޯ ގެނެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ފުރަތަމަ ބޯޓް 150 ޓަނުގެ މުދާހިފައިގެން އައްޑޫސިޓީއަށް ބަނދަރުކޮށްފައިވަނީ މި އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ.

އައްޑޫއަށް އިންޑިއާއިން ދާއިމީ ގޮތަކަށް ޕެރިޝަބަލް މުދާ އެތެރެކުރެވޭ ގޮތް ހަދާފައިވާއިރު، ޤައުމީ ޝިޕިންގް ކުންފުނި އެމްއެސްއެސްއިން ދަނީ އައްޑޫއާއި މާލެއާއި ދެމެދު ޕެރިޝަބަލް މުދާ ހިމެނޭހެން މުދާ އުފުލުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން އެމްއެސްއެސްގެ އޮޕަރޭޝަންގެ ތެރެއިން ރާއްޖެއިން ބޭރުން މާލެ މުދާ ގެނެސް އައްޑޫއަށް މުދާ ގެނެއެވެ.