ފާއިތުވެދިޔަ ހަފްތާތެރޭގައި މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ 48 ގަޑިއިރުތެރޭގައި 2 މީހަކުވަނީ ނިޔާވެފައެވެ. މާލެއާއި ހުޅުމާލޭގައި މިފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމާއި ގުޅިގެން މަގުމަތީގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކއި ފުލުހުންވަނީ ޚާއްސަ އޮޕަރޭޝަނެއްވެސް ފަށާފައެވެ.
އެއްގަމު އުޅަނދު ދުއްވުމަށް ކަނޑައަޅާފައިވާ މިންގަނޑަށްވުރެ ބާރު ސްޕީޑުގައި މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ދުއްވުމަކީ ރައްޔިތުންގެ ވަރަށްބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެކެވެ. ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ނިމުނު އޮގަސްޓްމަހު އެކަނިވެސް އެކްސިޑެންޓް 204 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ. އަދި މިއަހަރުގެ އޮގަސްޓްމަހުގެ ނިއަލަށް 1993 މައްސަލައެއް ރިޕޯޓް ކޮށްފައިވެއެވެ.
ގަވާއިދާ ޚިލާފަށް ބާރު ސްޕީޑުގައި ދުއްވާ އުޅަނދުތައް ކޮންޓްރޯލް ކުރުމަށާއި މަގުތަކަކީ ރައްކާތެރިތަނެއްގެ ގޮތުގައި ހެދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުވަނީ އަންގަވާފައެވެ. އަދި ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައްވެސް ރައީސް ވަނީ އިދާރާތަކަށް އަންގަވާފައެވެ.
އެގޮތުން އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ފިޔަވަޅުތަކުގެތެރޭގައި ބާރު ސްޕީޑުގައި އުޅަނދުތައް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ޤާނޫނާއި ގަވާއިދުތައް އިސްލާހު ކުރުމަށްވަނީ އަންގަވާފައެވެ. އަދި ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވައި، އެ އުޅަނދު ދުއްވި ފަރާތުގެ ލައިސަންސާއި އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައެވެ. އަދި ވަކީ ސީސީ (ހޯސްޕަވަރ) އަކުން ފެށިގެން މަތީގެ އެއްގަމު ދުއްވާ އުޅަނދުތައް އާންމު މަގުތަކުގައި ބޭނުން ނުކުރެވޭގޮތަށްވެސް ޤާނޫނާއި ގަވާއިދު އިސްލާހު ކުރެއްވުމަށްވެސް ވަނީ ނިންމަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އެއްގަމު އުޅަނދުތަކުގައި ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަކޮށް ދުއްވުން ހުއްޓުވުމަށް އެފަދަ އާލާތްތައް އެތެރެކުރުން މަނާކުރުމަށްވެސް ޤާނޫނާއި ގަވާއިދުތައް އިސްލާހު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ހުޅުމާލެ މަގުމަތި ތަރުތީބުކޮށް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެޗްޑީސީއަށް ހުށަހަޅާފައިވާ ޕްލޭންގެ މަސައްކަތް އަވަސްކުރުމަށްވެސްވަނީ އަންގަވާފައެވެ.
މިއާއެކު މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންވަނީ މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި ޗެކްޕޮއިންޓުތައް ޖަހައި، އުޅަނދުތައް ބަލާ ފާސްކުރަންފަށާފައެވެ. މީގެ އެއް ބޭނުމަކީ ބާރު ދުވެލީގައި ދާ ފަރާތްތައް ހުއްޓުވުންކަމަށް ފުލުހުން ވިދާޅުވެއެވެ. މީގެ އިތުރުން މަގުމަތީގެ ޤަވާއިދުތަކަށް ހޭލުންތެރިކޮށް ނަސޭހަތް ދިނުންވެސް މި މަސައްކަތުގެ ތެރެއިން ދިވެހި ފުލުހުން ކުރިއަށްގެންދެއެވެ.
މަގުމަތީގެ އަމާންކަން ޤާއިމްކުރުމަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އެޅި ނަމަވެސް، ހަޤީޤީ އަމާންކަން ޤާއިމްކުރެވޭނީ މަގުތައް ބޭނުންކުރާ ފަރާތްތަކުން މަގުމަތީގެ ޤަވާއިދުތަކަށް ބޯލަނބައިގެން ކަމީ ޤަބޫލްކުރަންޖެހޭ ޙަޤީގަތެކެވެ.