ރާއްޖޭގެ މޫސުމާ ބެހޭ އޮބްޒަވޭޝަން ވިއުގަ "ގްލޯބަލް ބޭސިކް އޮބްޒަވޭޝަން ނެޓްވޯކް"ގެ މިންގަނޑަށް ތަރައްޤީކުރުމަށް ބޭނުންވާ މާލީ އެހީ ހަމަޖެހިފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މޫސުމާ ބެހޭ އޮބްޒަވޭޝަން ވިއުގަ "ގްލޯބަލް ބޭސިކް އޮބްޒަވޭޝަން ނެޓްވޯކް"ގެ މިންގަނޑަށް ތަރައްޤީ ކުރުމަށް ބޭނުންވާ މާލީ އެހީ ހަމަޖައްސާފައިވަނީ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް މެދުވެރިކޮށް ސިސްޓަމެޓިކް އޮބްޒަވޭޝަން ފައިނޭންސް ފެސިލިޓީންނެވެ.
ފައިސާ އެހީގެ އެއްބަސްވުމުގައި ރާއްޖެއިން ސޮއިކޮށްފައިވަނީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމެވެ. މިއެއްބަސްވުމުގެ ދަށުން 1.6 މިލިޔަން ޑޮލަރު ނުވަތަ 24.4 މިލިޔަން ރުފިޔާގެ އެހީ ހަމަޖެހިފައިވާކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ރާއްޖޭގެ މޫސުމާ ބެހޭ އޮބްޒަވޭޝަން ވިއުގަ ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން 4 ތަނެއްގައި ޤާއިމްކޮށްފައިވާ މެޓް އޮފީހުގެ އޮބްޒަވޭޝަން ސިސްޓަމްތައް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. އެއީ ހަނިމާދޫ، ހުޅުލެ، ކައްދޫ އަދި އައްޑޫގައި ހުންނަ މެޓް އޮފީހުގެ އޮބްޒަވޭޝަން ސިސްޓަމްތަކެވެ.
މީގެ އިތުރުން ނ. މާފަރު އެއަޕޯޓުގައި އިތުރު އޮފީހެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާކަމަށާއި އައްޑޫ ސިޓީ ގަމުގައި ޤާއިމްކޮށްފައިވާ އަޕާ އެއަރ (ރޭޑިއޯ ސޮންޑޭ) ސިސްޓަމް މަރާމާތު ކުރުމަށްވެސް ހަމަޖެހިފައިވާކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް މެދުވެރިކޮށް ހަމަޖެހިފައިވާ މިއެހީގެ ދަށުން ކުރިއަށް އޮތް 4 އަހަރު އެ ސިސްޓަމްތައް ރަނގަޅު ފެންވަރެއްގައި ދެމެހެއްޓުމަށް ބޭނުންވާ ތަކެއްޗާއި މުވައްޒަފުންނަށް ބޭނުންވާ ބައެއް ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
ރާއްޖޭގައި މޫސުމާބެހޭ ޤައުމީ އިދާރާ އުފެދުނީ 1974 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 1 ވަނަ ދުވަހުއެވެ. ރަސްމީގޮތުން މި އިދާރާ އުފެދި މިވީ 50 އަހަރު ތެރޭގައި މޫސުން ލަފާކުރުމުގެ ދާއިރާއިން ގިނަ ކުރިއެރުންތައްވަނީ ހޯދާފައެވެ.
އެގޮތުން މީގެ ކުރިން 4 ގަޑިއިރު މޫސުން ލަފާކުރަމުން އައި މިއިދާރާއިން މިހާރު 24 ގަޑިއިރު މޫސުން ލަފާކުރެއެވެ. ހަމައެއާއެކު މޫސުމާ ބެހޭ ޤައުމީ އިދާރާގެ ގޮފިތައް ރާއްޖޭގެ 5 ސަރަޙައްދެއްގައި ވަނީ ޤާއިމްކޮށްފައެވެ. އަދި މޫސުމުގެ ސަބަބުން ރަށަކަށް ދިމާވެދާނެ ގެއްލުންތައް ދެނެގަނެ އެކަމުން ސަމާލުވުމަށް އެރަށަކަށް ވަކިން އެލަރޓު ނެރޭ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ދިވެހިރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.