ކޭލަކުނުގައި ދެމެހެއްޓެނިވި ފަތުރުވެރިކަން ނުވަތަ އީކޯ ޓޫރިޒަމްގެ މަޝްރޫޢެއް ކުރިއަށްގެންދިއުމާއި ގުޅޭ ދިރާސާއެއް ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.
ގުދުރަތީ ރީތި ހިތްގައިމުކަމެއް ލިބިފައިވާ ހދ. ކޭލަކުނުގައި އިކޯ ޓޫރިޒަމްގެ މަސައްކަތް ފެށުމަށް ސަރުކާރުން ވަނީ މިއަހަރުގެ ޖެނުއަރީމަހު ނިންމަވާފައެވެ. އަދި އެކަމާއި ގުޅޭ މަސައްކަތްތައް ވީހާވެސް އަވަހަށް ކުރިއަށް ގެންދިއުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.
ކޭލަކުނުގައި އިކޯ ޓޫރިޒަމްގެ މަސައްކަތް ފެށުމުގެ ގޮތުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން މިހާރު ވަނީ އެ ރަށުގައި އިކޯ ޓޫރިޒަމް ނުވަތަ ތިމާވެއްޓާއި ރަށްޓެހި، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މަޝްރޫޢެއް ކުރިއަށްގެންދިއުމާއި ގުޅޭ ދިރާސާއެއް ނުވަތަ ފީސިބިލިޓީ އެސެސްމަންޓެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލާފައެވެ. އެކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިމަހުގެ 22 ވަނަ ދުވަހު ބިޑް ހުށަހެޅުމަށް ކުރިން އިއުލާންކުރިނަމަވެސް، މިހާރު އެ މުއްދަތު ވަނީ މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. އަދި އެކަމަށް ހުށަހަޅާ ބިޑުތައް އެދުވަހު ހުޅުވާނެކަމަށްވެސް ވުޒާރާއިން ވިދާޅުވެއެވެ.
ބޮޑުމިނުގައި 80.23 ހެކްޓަރު ހުންނަ ކޭލަކުނުގައި އިކޯ ޓޫރިޒަމްގެ މަސައްކަތް ފެށުމަށް ސަރުކާރުން ނިންމެވީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ތަންތަނަކީ ރައްޔިތުންނަށް އިޤްތިޞާދީ މަންފާ ލިބޭނެ ތަންތަން ކަމުގައި ހެދުމަށްޓަކައި ކުރާ މަސައްކަތުގެ ދަށުންނެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައި ވަނީ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހުއެވެ. ހިމާޔަތްކޮށްފައިވާ ކޭލަކުނުގައި ތިމާވެއްޓާއި ރަށްޓެހިގޮތަކަށް ފަތުރުވެރިކަން ތަރައްޤީކުރާނީ ރަށުގެ މުރަކަތަކާއި ފަޅުތަކަށް ގެއްލުން ނުވާނޭ ގޮތަށްކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ތަންފީޛުކުރާ ހިމާޔަތް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން ކޭލަކުނާއި އެރަށުގެ ވަށައިގެންވާ ފަރާއި ފަޅުގެ ސަރަޙައްދު ހިމާޔަތްކޮށްފައިވާ ސަރަޙައްދެއްގެ ގޮތުގައި ހަމަޖެއްސެވީ 25 ޑިސެމްބަރު 2018 ގައެވެ.
ގުދުރަތީގޮތުން ބޮޑު މުއްސަނދިކަމެއް ލިބިފައިވާ ކޭލަކުނުގެ ބޮޑު ބަޔަކީ ޗަސްބިމެވެ. އެ ޗަސް ބިމުގައި މާސިންގާކޮށް ހެދިފައި ހުންނަ ބާވަތެއްގެ ގަހެއް ކަމަށްވާ އަވިސެނިއާ މެރީނާ ނުވަތަ ބަރު ގަސް ގިނަ އަދަދަކަށް ހުރެއެވެ. މީގެ އިތުރުން ކަނޑުލާއި ރަނޑޫފަދަ ގަސް ވެސް އެރަށުން ފެނެއެވެ. ގާތްގަނޑަކަށް 10 ހެކްޓަރުގެ ބޮޑު ކުޅިއެއްވެސް އެރަށުގައި އޮންނައިރު، ތަފާތު ދޫނީގެ އެކި ބާވަތްތައް ކޭލަކުނުން ފެނެއެވެ. އަދި ކޭލަކުނަކީ ވެލާ ބިސް އަޅަންވެސް އަރާ ރަށެކެވެ.