ދިވެހިރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ތަޢާރަފުކުރުމަށް ކުރާ މަސައްކަތްތަކުގައި އެހީތެރިވެދޭނެކަން ޔޫ.އެސް އޭޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.
އެ އޭޖެންސީން މިކަން ހާމަކޮށްފައިވަނީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޔޫ.އެސް.އެއިޑްގެ އެޑްމިނިސްޓްރޭޓަރ ސަމަންތާ ޕަވަރއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި ޔޫ.އެސް.އެއިޑްގެ އެޑްމިނިސްޓްރޭޓަރ ވަނީ، ރާއްޖެއިން ހުށަހަޅާފައިވާ މުހިންމު ޕްލޭންތަކަށް ތައުރީފުކުރައްވާފައެވެ. އަދި މިފަދަ ތަފާތު މަސައްކަތްތަކުގައި ބައިވެރިވުމަށް ޔޫ.އެސް.އެއިޑުން ތައްޔާރުކަމަށް އެކަމަނާ ވިދާޅުވިއެވެ.
އެގޮތުން ދިވެހިރާއްޖޭގައި ޕޭޕަލްގެ ޚިދުމަތްތައް ބޭނުންކުރެވޭނޭ މަގުފަހިކުރުމާއި، އޯޕަން ގަވަމަންޓް ޕާޓްނަރޝިޕް (އޯ.ޕީ.ޖީ)ގެ މެމްބަރުކަން ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ ތަރައްޤީގެ ތަޞައްވަރަށް ވާގިވެރިވެދޭ ކަންކަމަށް ވާނޭކަން ފާހަގަކުރައްވައި، މި ދާއިރާއިން ހުރި ފުރުޞަތުތަކާމެދުވެސް ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުންވެސް ވަނީ، ދެ ފަރާތުގެ މަސްލަހަތު ހިމެނޭ ތަފާތު މައްސަލަތަކާމެދު އެކުގައި މަސައްކަތް ކުރައްވައި، ދެ ފަރާތަށް ފައިދާވާނޭ ފަދަ މަސައްކަތްތަކުގައި އެއްބާރުލުންދޭނޭކަމުގެ ޔަޤީންކަންއަރުވާފައެވެ.
ދިވެހި ރައްޔިތުންނަށް ޒަމާނީ އޮންލައިން ޕޭމަންޓް ސިސްޓަމްތަކާއި އިލެކްޓްރޯނިކް ވޮލެޓްތައް (އީ-ވޮލެޓް) މެދުވެރިކޮށް މާލީ މުޢާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
އެގޮތުން ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތައާރަފުކުރުމަށްޓަކާ ބޭނުންވާ ޕްރޮޕޯސަލް މިދިޔަމަހުގެ ފަހުކޮޅު ރާއްޖޭގެ ފަރާތުން ޕޭޕަލް ކުންފުންޏަށް ވަނީ ހުށަހަޅާފައެވެ. ޕޭޕަލްއަކީ އޮންލައިންކޮށް ފައިސާ ފޮނުވާ ލިބިގަތުމަށް ފަހި ކޮށްދިނުމުގެ ގޮތުން ހަދާފައިވާ އެޕްލިކޭޝަނެއް ނުވަތަ އީ-ވޮލެޓެކެވެ.
ސަރުކާރުން ދަނީ ބައިނަލްއަޤްވާމީ ފެންވަރުގައި އިތުބާރު ލިބިފައިވާ އެކި އީ-ވޮލެޓް ޚިދުމަތްތައް ރާއްޖެއަށް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިކަމުގެ ސަބަބުން ޤައުމުގެ މާލީ ނިޒާމް ހަރުދަނާވެ، ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް ފައިސާގެ މުޢާމަލާތްތައް ކުރުމުގައި އިތުރު ލުއިފަސޭހަކަން ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.