ފަރުމަސް އާލާކުރުމުގެ ހުނަރު ދަސްކޮށްދިނުމަށް ކުރިއަށްގެންދާ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި، މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ފަރުމަސް އާލާކުރުމުގެ ހުނަރު އުނގަންނައިދީ، އެ ދާއިރާއިން މީހުން ބިނާ ކުރުމަށް ކުރިއަށްގެންދާ އަސާސީ މެރިކަލްޗަރ ކޯހެކެވެ. މިއީ މި ތަމްރީން ޕްރޮގްރާމުގެ ދެވަނަ ބުރެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 14:00 އާ ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ.
މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ 30 އޮކްޓޯބަރ އިން ނޮވެންބަރ 12ވަނަ ދުވަހުގެ ނިޔަލަށް ކ. މަނިޔަފުށީގައެވެ. ކޯހުގެ މުއްދަތުގައި ބައިވެރިން ތިބުމަށް ހަމަޖެހިފައިވަނީވެސް އެރަށުގައެވެ.
ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކާއި ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމް ހަމަޖައްސައިދޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
އެ ވުޒާރާއިން ވިދާޅުވީ މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު 15 ފަރާތަކަށް ދެއްވާނެކަމަށެވެ. އެއަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާނަމަ ފޯމު ހުށަހެޅި ތަރުތީބުން ފުރުޞަތު ދެވޭނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
ރާއްޖޭގެ %99 އަކީ ކަނޑުގެ ސަރަހައްދު ކަމުގައިވާއިރު އަދުގެ ސަރުކާރުގެ އަމާޒަކީ ކަނޑާއި ކަނޑުގެ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ހޯދައިދިނުމަށް މަސައްކަތްކޮށް އެމަގު ތަނަވަސްކޮށްދިނުމެވެ.