ޚަބަރު

ކުނި މެނޭޖްކުރުމުގެ ޕްރޮޖެކްޓުތަކަށް ބީއެމްއެލުން އެހީވަނީ


  • މާލީ އެހީތެރިކަމަށް އެދި ހުށަހެޅޭނީ ހަމައެކަނި މަދަނީ ޖަމްޢިއްޔާތަކަށް

  • ސުންގަޑިއަކީ 21 އޮކްޓޫބަރުގެ ހަވީރު 4:00

ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަޞީލަތްތައް ހޯދުމަށް އެދި ހުށަހެޅޭނެ ޕްރޮޖެކްޓެއް ބޭންކް އޮފް މޯލްޑިވްސްއިން ތަޢާރަފްކޮށްފިއެވެ.

ބީއެމްއެލުން ވިދާޅުވީ، މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުނި މެނޭޖްކުރުމަށް ހިންގާ މަޝްރޫއޫތަކަށް އެހީތެރިވުމުގެ ގޮތުން ތައާރަފްކުރި ޕްރޮޖެކްޓެއްކަމަށެވެ. ކުނި މެނޭޖްކުރުމުގައި މުޖުތަމަޢުތަކަށް ދެމެހެއްޓެނިވި މާހައުލެއް ހޯދައިދިނުމަށް ހިންގާ މި ޕްރޮޖެކްޓްގެ ދަށުން ކުނި މެނޭޖްކުރާ ފެސިލިޓީތަކަށް ބޭނުންވާ އަލާތްތައް ހޯދުމަށް މާލީ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި އިންޗަރޖް އޮފް ދަ ބޭންކް ޢާއިޝަތު ނޫރައްދީން ވިދާޅުވީ މި ޕްރޮޖެކްޓުން ދައްކައިދެނީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކާތެރިކުރުމަށް ބީއެމްއެލުން ކުރަމުންދާ މުހިންމު މަސައްކަތްކަމަށެވެ. އަދި ތިމާވެށްޓަކީ ޒިންމާދާރު ވިޔަފާރިއެއްގެ ހައިސިއްޔަތުން މުޖުތަމަޢުއަށް އެހީ ފޯރުކޮށްދޭ މައިގަނޑު އެއް ދާއިރާވެސްކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ވަރަށް ޝައުގުވެރިވޭ މި ޕްރޮޖެކްޓް މެދުވެރިކޮށް މަދަނީ ޖަމްޢިއްޔާތަކާ ގުޅިގެން މަސައްކަތްކުރަން. މިއީ ހަމައެކަނި ކުނި މެނޭޖްކުރުމުގެ ހައްލުތައް ހޯދައިދިނުމުގެ އިތުރުން މިހާރު ހުރި ނިޒާމުތައް އިތުރަށް ތަރައްގީކޮށް ރާއްޖެއަށް ސާފު އަދި ފެހި މުސްތަގުބަލެއް ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތެއްވެސްމެ." ޢާއިޝަތު ނޫރައްދީން ވިދާޅުވިއެވެ.

ދެމެހެއްޓެނިވި ތަރައްގީ ހޯދައިދިނުމާއި ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް މިފަދަ މަޝްރޫއުތައް މެދުވެރިކޮށް ބޭންކް އޮފް މޯލްޑިވްސްއިން އަންނަނީ މުޖުތަމަޢުއަށް އެހީތެރިވަމުންނެވެ.

ބީއެމްއެލުން ވިދާޅުވީ، މި ޕްރެޖްކްޓްގެ ދަށުން މާލީ އެހީތެރިކަމަށް އެދި ހުށަހެޅޭނީ ހަމައެކަނި މަދަނީ ޖަމްޢިއްޔާތަކަށްކަމަށެވެ. އެގޮތުން މިމަހުގެ 21 ވަނަ ދުވަހާއި ހަމައަށް އެޕްލިކޭޝަން ހުށައެޅޭނެކަމަށް ބީއެމްއެލުން ވިދާޅުވިއެވެ.