ޚަބަރު

އާސަހަރާ މަރާމާތުކުރެވުނީ ބޭނުންވިގޮތަށް، ރައްޔިތުންނަށް ފަސޭހަވާނެކަމަށް އުންމީދުކުރަން: ރައީސް


  • އާސަހަރާ މިސްކިތުގެ މަރާމާތުގެ މަސައްކަތް ފެށްޓެވީ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު އަދުގެ ރައީސުލްޖުމްހޫރިއްޔާ

އާސަހަރާ މިސްކިތާއި ހިނަވާ ގޭގެ ޖާގަ އިތުރުކޮށް އާސަހަރާ މިސްކިތް މަރާމާތުކުރެވުނީ މޭޔަރުކަމުގައިި ހުންނެވިއިރު ބޭނުންފުޅުވި ގޮތަށްކަމަށާއި، ރައްޔިތުން އެދޭކަހަލަ ތަނަކަށް އެތަންވާނެކަމަށް އުންމީދުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މައްޗަންގޮޅި އާސަހަރާ މިސްކިތާއި ހިނަވާގެއަށް ޖާގަ އިތުރުކޮށް މަރާމާތަށްފަހު ހުޅުއްވައިދެއްވުމަށްފަހު މީޑިއާއާ ވާހަކަފުޅު ދައްކަވަމުންނެވެ.

މާލޭ އާސަހަރާ މިސްކިތުގެ ޖާގައިގެ ދަތިކަން ކުރިމަތިވެ ކަށުކަމާ ކެމީގެ ކަންކަން ކުރިއަށް ގެންދިއުމަށް ހުރި ދަތިތަކަށް ޙައްލެއް ގެނެސްދެއްވުމުގެ ގޮތުން، އެތަނުގެ ޖާގަ އިތުރުކުރުމަށް މާލޭގެ މޭޔަރުކަމުގައި ހުންނަވައިގެން އަދުގެ ރައީސުލްޖުމްހޫރިއްޔާ ފެއްޓެވި މަސައްކަތްޕުޅު ނިމި އެމަނިކުފާނުވަނީ އެތަން ހުޅުއްވައިދެއްވާފައެވެ.

އާސަހަރާ މިސްކިތުގެ މަސައްކަތްތައް ކުރިއަށް ގެންދެވި ގޮތާ ގުޅޭގޮތުން މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ބޭނުންފުޅުވީ އާސަހަރާ މިސްކިތަކީ އެންމެ ހިތްގައިމު ޖާގަ ތަނަވަސްތަނަކަށް ހެދުމަށްކަމަށެވެ. ޚާއްޞަކޮށް، އާއިލާތަކަށް އެންމެ ހިތްދަތިވަގުތުވެސް އެތަނުގައި ތިބޭއިރު ފަސޭހައިން ތިބެވޭނެ އިންތިޒާމެއް ހަމަޖައްސަވަން ބޭނުންފުޅުވީކަމަށާއި، އެގޮތުން އެމަސައްކަތް މިއަދު ނިމިފައިހުރުމަކީ ލިބިވަޑައިގަންނަވާ އުފާފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެތަން ތަރައްޤީކުރެވިފައިވަނީ ބޭނުންފުޅުވި ކޮންސެޕްޓަށްކަމަށެވެ. އެކަން ޙަޤީޤަތަކަށްވެ ރައްޔިތުން އެދޭކަހަލަ ފަސޭހަތަނަކަށް އެތަން ވާނެކަމަށް އުންމީދުކުރައްވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އުފާކުރަން އޭރު އަޅުގަނޑުމެން ބޭނުންވި ގޮތަށް ބޭނުންވި ފެންވަރުގަ ކޮންސެޕްޓުގަ މިތަން ހަދާ ނިމުނީމަ. ހަގީގަތަކަށް ވީމަ އެކަންވީމަ އުފާކުރަން. އުންމީދުކުރަން މި މިސްކިތަށް އަންނަ މީހުންނާ މި ފެސިލިޓީ ބޭނުންކުރާ އެންމެން އަދި މުވައްޒަފުން ފަސޭހަތަކެއްވާނެކަމަށް. ޖާގަ އިތުރުކުރެވި ކުރިއަށްވުރެ ގިނަ މީހުންނަށް އަވީގަ ނުތިބެ ބޭނުންކުރެވޭނެ. އަދި ރައްޔިތުން އެދޭކަހަލަ ތަނަކަށް މިތަވާނެކަމަށްވެސް އުންމީދުކުރަން." ރައީސް ވިދާޅުވިއެވެ.

މާލޭ އާސަހަރާ މިސްކިތް މަރާމާތުކުރުމުގެ މަސައްކަތް ފެށްޓެވ މިދިޔަ އަހަރުގެ މެއި މަހުއެވެ. އެ މިސްކިތް ތަރައްޤީކޮށްފައިވަނީ ދެ ފަންގިފިލާއަށް، ވީހާވެސް ގިނަ މީހުންނަށް އެތަނުގައި ތިބެވޭގޮތަށް ނަމާދުކުރާތަނާއި ކަށުކަމާ ކެމީގެ ކަންކަނ ްކުރިއަށްގެންދިއުމަށްވެސް އެންމެ ފަސޭހަ އިންތިޒާމުތަކާއެކުއެވެ. އާސަހަރާ މިސްކިތުގެ ސަރަޙައްދަށް ގާތްގަނޑަކަށް 3200 އަކަފޫޓަށް ބޮޑުކޮށްފައިވެއެވެ.