ޚަބަރު

3 ރަށެއްގައި އައިސްޕްލާންޓު ޤާއިމުކުރުމަށް އީއައިއޭ ހަދަން ހުޅުވާލައިފި


  • އީއައިއޭ ހަދަން ހުޅުވާލާފައިވަނީ ދ.މީދޫ، ދ.ބަނޑިދޫ އަދި ށ.ފުނަދޫގައި

  • ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 14ވަނަ ދުވަހުގެ 13:00ގެ ކުރިން

  • ބިޑު ހުޅުވުން އޮންނާނީ 14ވަނަ ދުވަހުގެ 14:00ގައި

ދ. މީދޫ، ދ. ބަނޑިދޫ އަދި ށ. ފުނަދޫގައި އައިސްޕްލާންޓް ޤާއިމުކުރުމަށް އީއައިއޭ ހަދައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއިން ވިދާޅުވީ، ދ.މީދޫ، ދ.ބަނޑިދޫ އަދި ށ.ފުނަދޫގައި މުޅިން އަލަށް ގާއިމްކުރާ އައިސް ޕްލާންޓުތަކުގައި 30 ޓަނު އަދި އައިސް ސްޓޯރޭޖްގައި 50 ޓަނު ހުންނާނެކަމަށެވެ.

މި އައިސް ޕްލާންޓުތަކުގެ އެންވަޔަރަމެންޓަލް އިމްޕެކްޓު އެސެސްމަންޓު، އީ.އައި.އޭ ހަދާދޭން ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިފްކޯއިން ވަނީ ހުޅުވާލާފައެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 14 ވަނަ ދުވަހުގެ 13:00 ގެ ކުރިންނެވެ. ބިޑު ހުޅުވުން އޮންނާނީ 14 ވަނަ ދުވަހުގެ 14:00 ގައި ކަމަށް މިފްކޯއިން ހާމަކުރެއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އައިސް ސްޓޯރޭޖް ޤާއިމުކުރުމަށް މިފްކޯއާ ހަވާލުކޮށްފައިވަނީ މިދިޔަމަހުގެ 24 ވަނަ ދުވަހުއެވެ. މި 3 އައިސްޕްލާންޓަކީވެސް ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ތަރައްޤީކުރާ އައިސްޕާންޓުތަކެކެވެ. އެގޮތުން މިއީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ކުރިއަށް ގެންދާ 24 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ. މަސައްކަތުގެ މުއްދަތަކީ 8 މަސް ދުވަސް ކަމަށް މިފްކޯއިން ހާމަކުރެއެވެ.

މިފްކޯއިން ވިދާޅުވީ މި 3 ރަށުންވެސް އައިސްޕްލާންޓު ތަރައްޤީކުރުމަށް ބޭނުންވާ ބިން ކައުންސިލްތަކުން ހަމަޖައްސާދީފައިވަނީ ހިލޭ ކަމަށެވެ. އަދި މިކަމުން ހާމަވަނީ އެރަށްތަކުގެ ކައުންސިލުން މަސްވެރީންނަށް ދެއްވާ އަހަމިއްޔަތުކަންކަމަށެވެ.

މި 3 ރަށުގައި ޤާއިމްކުރާ އައިސްޕްލާންޓްތަކަކީ މަސް ދޯނިތަކަށް އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއްކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި މަސައްކަތުގެ އިތުރުންވެސް ސަރުކާރުން ދަނީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން މިފްކޯގެ ކެޕޭސިޓީ އިތުރުކޮށް، މަސްވެރިންނަށް ބޭނުންވާ އެކި ޚިދުމަތްތައް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.