ޚަބަރު

"ވޭޕް މަނާކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްކުރެވޭނީ ޒުވާން ޖީލުގެ ކުރިމަގު"


  • ވޭޕް ކުރުމަކީ ސިކުނޑިއަށް ގެއްލުންހުރި، ކެންސަރަށް މަގު ފަހިކުރުވާ ކަމެއް

  • ވޭޕުގެ ޝިކާރައަކަށް ވެފައިވާ އެއް ބަޔަކީ ކުޑަކުދިން

  • ވޭޕް މަނާކުރުން ވާނީ އުފެއްދުންތެރި ޖީލެއް ބިނާކުރެވޭކަން ކަށަވަރުކުރެވޭ ކަމަކަށް

ވޭޕްގެ އެކި ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ ޤައުމުގެ މުސްތަޤުބަލު ބިނާކުރުމަށް މުހިންމު ނިންމެވުމެއްކަމަށް ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި ބެލެނިވެރިން ބުނެފިއެވެ.

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން މަނާކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވީ މިދިޔަ ހޯމަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާ ގުޅިގެން ގިނަ ބައެއްގެ ތަޢުރީފު އެމަނިކުފާނަށާއި ސަރުކާރަށް ވަނީ އަމާޒުވެފައެވެ. މިގޮތުން ރާއްޖެއަށް ވޭޕު އެތެރެކުރުން މަނާކުރުމަކީ ޤައުމުގެ މުސްތަޤުބާލު އުޖާލާކުރުމަށް އެޅުނު މުހިންމު ފިޔވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

ވޭޕް ކުރުމުގެ ނުރައްކަލާއި އެކަމުގެ ގެއްލުންތައް ހަމަކޮށް އެކަން ހުއްޓުވުމަށް އެންމެބޮޑަށް ބާރުއަޅުއްވަނީ ޑޮކްޓަރުންނެވެ. ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރުމަށް ރައީސް ނިންމެވުމުން އެކަމާ ގުޅޭގޮތުން ޕީއެސްއެމްއާ ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ އެތެރެހަށީގެ ޚާއްސަ ޑޮކްޓަރު، ޑރ. މުޙައްމަދު ޢަލީ ވިދާޅުވީ ވޭޕްއަކީ ސްކޫލް ދަރިވަރުން ވަރަށް ބޮޑަށް ދެވިހިފާފައިވާ އެއްޗެއްކަން ފާހަގަކުރެވޭކަމަށެވެ. އަދި ވޭޕްކުރުމަކީ ސްކޫލް ދަރިވަރުންނަށް ޞިއްޙީ ގިނަ މައްސަލަތަކެއް ދިމާވާނެކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"ވޭޕްގެ އެކި ކަހަލަ ފްލޭވަރތަކުން ތަފާތު ގެއްލުންތައް ލިބޭ. މިސާލަކަށް މިންޓް ފްލޭވަރއިން ނޭވާލާ ނިޒާމަށް ގެއްލުންވޭ. މީގެ އިތުރުން އެތެރެހަށި ދުޅަވުމާއި ފުއްޕާމޭއާއި ގޮހޮރުގެ ކެންސަރަށްވެސް އެކި ފްލޭވަރތަކުން މަގު ފަހިކުރުވާ. އަދި ދަރިވަރުން ފިލާވަޅު ނަގައިގަތުމުގެ ބާރު ވޭޕުގައި ހުންނަ މާއްދާތަކުން ދަށްކޮށްލާ" ޑރ. މުޙައްމަދު ޢަލީ ވިދާޅުވިއެވެ.

ޑރ. މުޙައްމަދު ޢަލީގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލްގައި ޚިދުމަތްކުރައްވަމުން ގެންދަވާ ޑރ. މުޙައްމަދު އިފްހާމް ވިދާޅުވީ ވޭޕް ބޭނުންކުރުމުގެ ސަބަބުން ދިމާވާ ބައެއް ޞިއްޙީ މައްސަލަތަކާއި ގުޅިގެން މިހާރުވެސް ބައެއް ޒުވާނުން ސިއްޙީ ފަރުވާ ހޯދަން އަންނަކަމަށެވެ.

"ފުއްޕާމޭގެ އެކި މައްސަލަތައް ދިމާވެގެން އައިސް އެބަހުރި 3 ވަރަކަށް މީހުން ދައްކާފައި. މިއީ ޒުވާނުން" ޑރ. މުޙައްމަދު އިފްހާމް ވިދާޅުވިއެވެ.

ޑޮކްޓަރުންގެ އިތުރުން ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ އެކި ފަރާތްތަކުންވެސް ވަނީ ޕީއެސްއެމް ނިއުސްއާ އެމީހުންގެ ޝުޢޫރު ޙިއްސާކޮށްފައެވެ. އެގޮތުން ވޭޕް މަނާކުރަން ނިންމާފައިވާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަކީ ދިވެހިން ފަޚުރުވެރިވާންޖެހޭކަމެއް ކަމަށް އެފަރާތްތައް ބުނެއެވެ.

"ފުރާވަރުގެ ކުދިންނާއި ޒުވާން ކުދިންގެ ސިކުނޑިތައް ދެވިހިފުމުން މައްސަލަތައް ދިމާވޭ. ހަނދާނުގެ މައްސަލާތަކާއި ފިލާވަޅަށް ސަމާލުކަން ދިނުމާއި ބުއްދި ފުރިހަމަވުމަށް އަސަރުއެބަކުރޭ" ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހަކު ބުންޏެވެ.

ވޭޕަށް އެންމެ ބޮޑަށް ދެވިހިފާފައިވާ އެއް ބަޔަކީ ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުންނެވެ. ސްކޫލްތަކަށް ވޭޕު ގެންގޮސް، އެ ބޭނުންކުރާކަން އެއީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެވެ. އެހެންކަމުން ރާއްޖެއަށް ވޭޕު އެތެރެކުރުން މަނާކުރުމުން އެންމެ ބޮޑަށް ސަލާމަތްކުރެވެނީ ޤައުމުގެ މުސްތަޤުބަލުކަން ކަށަވަރެވެ. މިކަމާ ގުޅޭގޮތުން ބައެއް ބެލެނިވެރިންވެސް ޕީއެސްއެމް ނިއުސްއާ ވަނީ ޝުޢޫރު ހިއްސާކޮށްފައެވެ.

"ރައީސް ނިންމެވި ވަރަށް ރަނގަޅު ނިންމުމެއް ވޭޕު މަނާކުރުމަކީ. މިއީ އެއްގޮތަކަށްވެސް ބޭނުންކުރަންވާނެ އެއްޗެއް ނޫން. އަދުގެ ކުޑަކުދިން ހަލާކުވެ މިދަނީ ވޭޕުގެ ސަބަބުން." ބެލެނިވެރިޔަކު ބުންޏެވެ.

ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކޮށް، އެ ބޭނުންކުރުން މަނާކުރުމަކީ ދިވެހި ޤައުމުގެ މުސްތަޤުބަލު އުޖާލާ ކުރުމަށް ސަރުކާރުން ނިންމެވި މުހިންމު ނިންމެވުމެއްކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ. އަދި ހެދިބޮޑުވަމުން އަންނަ ޖީލަކީ ޤާބިލް އުފެއްދުންތެރި ޖީލެއްކަން ކަށަވަރުކުރުމުގައި ވޭޕް ބޭނުންކުރުން މަނާކުރުން، މުހިންމު ދައުރެއް އަދާކުރާނެކަން ކަށަވަރެވެ.