ޚަބަރު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްޤީއާއެކު ރާއްޖޭގެ އިޤްތިޞާދު ކުރިއަރާނެ: ޗައިނާ ސަފީރު


  • މިމަޝްރޫޢު ކުރިއަށް ގެންދަނީ ޗައިނާ ސަރުކާރުގެ އެހީގައި

  • ވެލާނާ އެއާޕޯޓަކީ އެންމެ އެފިޝެންޓް އެއް އެއާޕޯޓު ކަމަށް ސަފީރު ވިދާޅުވި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްޤީއާއެކު ރާއްޖޭގެ އިޤްތިޞާދު ކުރިއަރައިގެންދާނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލިޝިން ވިދާޅުވެއްޖެއެވެ.

ސަފީރު މިހެން ވިދާޅުވީ، ވީއައިއޭގެ ކުރީގެ ރަންވޭ އަލުން ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުން ލިބި އިޤްތިޞާދު ކުރިއަރައިގެންދާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކުރީގެ ރަންވޭ އަލުން ތަރައްޤީ ކުރުމަށް ޗައިނާގެ ބީޔޫސީޖީ ކުންފުންޏާއި ހަވާލުކުރުމަށް ބޭއްވި ރަސްމީއްޔާތުގައި ބައިވެރިވެވަޑައިގެން ސަފީރު ވަން ލިޝިން ވަނީ ވީއައިއޭ ތަރައްޤީގެ މަޝްރޫޢުއަކީ ރާއްޖެއާއި ޗައިނާ ދެމެދު އޮތް ގުޅުމުގެ ފުރިހަމަ މިސާލެއް ކަމަށް ވިދާޅުވެފައެވެ. އަދި މި މިމަސައްކަތަކީ ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ކަމިޔާބީ ދައްކުވައިދޭ މަޝްރޫޢުއެއްކަން ސަފީރު ފާހަގަކުރެއްވިއެވެ.

މި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ސަފީރު ވަނީ ވީއައިއޭ ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ، އެ އެއަރޕޯޓުގެ ޤާބިލީއްޔަތުކަން އިތުރުކުރުމާއި ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް މުހިންމު މަޝްރޫޢެއް ކަމަށް ވިދާޅުވެފައެވެ.

"މި މަޝްރޫޢުގެ ސަބަބުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޤަބިލީއްޔަތުކަން އިތުރުވާނެ. އަދި ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް މިމަޝްރޫޢު މުހިންމުވާއިރު، މި އެއާޕޯޓަކީ އަޅުގަނޑަށް މިހާތަނަށް ފެނުނު އެންމެ ބާރުބޮޑު ނަމަވެސް އެންމެ އެފިޝެންޓް އެއަރޕޯޓު." ސަފީރު ވިދާޅުވިއެވެ.

ސަފީރު ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ރާއްޖޭގެ އިގްތިޞާދުގެ އެއް އިންޖީނުކަމަށާއި، މި މަސައްކަތް ކުރުމަށް ޗައިނާގެ ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކުރީގެ ރަންވޭ އަލުން ތަރައްޤީ ކުރަން ހަވާލުކޮށްފައިވާ ޗައިނާގެ ބެއިޖިންގ އާބަން ކޮންސްޓްރަކްޝަން ގްރޫޕަކީ ވީއައިއޭގައި މިހާރު ބޭނުންކުރާ އައު ރަންވޭ ތަރައްޤީކުރުމުގެ މަސައްކަތްވެސް ކޮށްފައިވާ ކުންފުންޏެވެ.