ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން އެ ސަހަރުގެ އިޤުތިޞާދު ފުނޑުފުނޑު ކޮށްލާފައިވާއިރު, ވަޒީފާ ނެތް މީހުންގެ އަދަދު %80އަށް އުފުލިފައިވާ ކަން މަސައްކަތްތެރިންނާ ބެހޭ ބައިނަލްއަޤުވާމީ ޖަމުޢިއްޔާ (އައިއެލްއޯ)ން ހާމަކޮށްފިއެވެ. ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އެ ޢުދުވާނުގެ ދަށުގައި ޣައްޒާގެ އާބާދީގައި ހިމެނޭ 2.3 މީހުންނަށް ވަނީ އަމިއްލަ ވަޒަން ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވާން މަޖުބޫރު ކުރުވާފައެވެ.
އައިއެލްއޯން ބުނީ ޣައްޒާގެ އިޤުތިޞާދީ އުފެއްދުންތެރިން %85އަށް ދަށަށް ގޮސްފައިވާ ކަމުގައެވެ. އަދި, ޣައްޒާގެ މުޅި އާބާދީ ފަގީރު ހާލުގައި ޖައްސާފައިވާ ކަމުގައެވެ. ޔަހޫދީ ފައުޖުގެ ޖަރީމާތަކާ ގުޅިގެން "ޣައްޒާގެ ވަޒީފާގެ ބާޒާރު ވަނީ ފުނޑުފުނޑުވެފައި, އަދި އެ ކަމުގެ އަސަރު ފަލަސްޠީނުގެ ހުރިހާ ސަރަޙައްދަކަށް ފޯރަމުންދާ" ކަމުގައި އައިއެލްއޯން ނެރުނު ރިޕޯޓެއްގައި ހާމަކުރިއެވެ.
ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ނޭދެވޭ އަސަރުތައް ހުޅަނގު އައްސޭރިއަށް ކުރަމުންދާ ކަމުގައި ވެސް އައިއެލްއޯން ބުންޏެވެ. މި ގޮތުން, ހުޅަނގުގައި އައްސޭރީގައި ވަޒީފާ ނެތް މީހުންގެ އަދަދު %34.9އަށް އިތުރުވެފައިވާ ކަން އެ އިދާރާއިން ހާމަކުރިއެވެ. އަދި, 2023 އޮކްޓޫބަރުގެ ކުރިން ފާއިތުވި 12 މަސް ދުވަހާ އަޅައިބަލާއިރު, ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ހުޅަނގު އައްސޭރީގެ އިޤުތިޞާދު %21.7ން ދަށަށް ގޮސްފައިވާ ކަމުގައި ވެސް އެ އިދާރާގެ ރިޕޯޓުގައި ފާހަގަކުރިއެވެ.
ޣައްޒާ ޢުދުވާން ފެށުމުގެ ކުރިން އެ ސަހަރުގައި ވަޒީފާ ނެތް މީހުންގެ އަދަދު ހުރީ %45.3އެވެ. އަދި, ހުޅަނގު އައްސޭރީގައި އެ އަދަދު ހުރީ %14ގައި ކަމަށް އައިއެލްއޯން ހާމަކުރިއެވެ. ޣައްޒާގެ ގިނަ ރައްޔިތުން މި ވަގުތު ކުރަނީ ކާބޯތަކެތި ހޯދުމަށް ބޭނުންވާ މަސައްކަތްތައް އެކަނި ކަމުގައި ވެސް އައިއެލްއޯގެ ރިޕޯޓުގައި ފާހަގަ ކުރިއެވެ.
ޔަހޫދީ ފައުޖުގެ ޢުދުވާނީ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޣައްޒާގެ ޢާންމުން ދިރިއުޅޭ ގެދޮރާއި ޢުމްރާނީ ވަަސީލަތްތަކަށެވެ. އޭގެ ތެރޭގައި ހަސްފަތާލުތަކާއި, މަދަރުސާތަކާއި މިސްކިތްތައް ވެސް ހިމެނެއެވެ. އދން ބުނީ, ޣައްޒާގެ ޢުމްރާނީ ވަސީލަތްތަކުގެ ތެރެއިން ތިންބައިކުޅަ ދެ ބައި އިމާރާތްތަކަށް ބޮންއަޅައި, ސުންނާފަތިކޮށް, ބިމާ ހަމަކޮށްލާފައިވާ ކަމުގައެވެ. އެއީ, ގާތްގަނޑަކަށް 163,000 އިމާރާތް ކަމުގައި އދން ހާމަކުރިއެވެ.
"އިންސާނުންގެ ފުރާނަ ނެތިކޮށްލުމުގެ އިތުރުން ޣައްޒާ ޢުދުވާނުގެ ސަބަބުން ލިބިފައިވާ ގެއްލުން އަގު ނުކުރެވޭހާ ބޮޑު, އިންސާނީ މުސީބާތެއް ވަނީ ކުރިމަތިވެފައި. ޣައްޒާގެ އިޤުތިޞާދީ އަދި އިޖުތިމާޢީ ހާލަތު ވަނީ ބަދަލު ކޮށްލާފައި, އޭގެ ނޭދެވޭ އަސަރުތައް ހުޅަނގު އައްސޭރީގެ އިޤުތިޞާދަށް ވެސް ދަނީ ކުރަމުން. އެތަކެއް ދަރިފަސްކޮޅަކަށް އެ ކަމުގެ ނޭދެވޭ އަސަރުތައް ތަޙައްމުލު ކުރަން ޖެހޭނެ،" އައިއެލްއޯން ޢަރަބި ޤައުމުތަކަށް ކަނޑައަޅާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރ ރުބާ ޖަރާދާތު ވިދާޅުވިއެވެ.
2023 އޮކްޓޫބަރު 7ން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 42,438އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 99,246 މީހުން ޒަޚަމު ކޮށްލާފައެވެ.