ޒަޔަނިސްޓު ދައުލަތުގެ އޮފިޝަލުންތަކެއް މަރައިލުމުގެ މަޤުޞަދުގައި ޙަމަލާތަކެއް ދިނުމަށް ރާވަމުން ދިޔަ ހަތް މީހަކު ޤުދުސްގައި ހައްޔަރު ކޮށްފިއެވެ. އެ ކަން ހާމަކޮށްފައި ވަނީ ޔަހޫދީންގެ ދާޚިލީ ސަލާމަތާ ބެހޭ އިދާރާ, ޝަބާކާއި ޔަހޫދީ ފުލުހުންނެވެ. ޤުދުސްގައި ހައްޔަރު ކޮށްފައިވާ ހަތް މީހުންނަކީ, އީރާނުގެ ޖާސޫސީ އިދާރާއާ ގުޅުން އޮތް ބަޔެއް ކަމުގައި ޝަބާކުން ތުހުމަތު ކުރިއެވެ. އެއީ, ޔަހޫދީންނާ ދެކޮޅަށް ޙަމަލާތަކެއް ދިނުމަށް ރާވަމުން ދިޔަ ކަމަށް ބުނެ ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ބަޔަކު ހައްޔަރަށް ގެންގޮސްފައިވާ ފަސްވަނަ ފަހަރެވެ.
މި ފަހަރު ހަތް މީހުން ހައްޔަރު ކޮށްފައި ވަނީ ޤުދުސްގައި ފަލަސްޠީނުގެ ރައްޔިތުން ދިރިއުޅޭ ސަރަޙައްދެއް ކަމުގައިވާ ބަޔިތު ޞަފާފާންނެވެ. ޝަބާކުން ބުނީ, އެ މީހުން ހައްުޔަރު ކޮށްފައި ވަނީ ޔަހޫދީ ސައިންޓިސްޓަކާއި, އެ ޤައުމުގެ ބޮޑު ރަށެއްގެ މޭޔަރު މަރައިލަން ރޭވުމުގެ ތުހުމަތުގައި ކަމުގައެވެ. ނަމަވެސް, އެއީ ކޮން ރަށެއްގެ މޭޔަރެއް ކަން ސާފުކޮށްދީފައެއް ނެތެވެ. ސައިންޓިސްޓާއި މޭޔަރުގެ އިތުރުން ޔަހޫދީންގެ އިސްވެރިންތަކެއް މަރައިލުމަށް އެ މީހުން ރާވަމުން ގޮސްފައިވާ ކަމަށް ވެސް ޝަބާކުން ތުހުމަތު ކުރިއެވެ.
އޭގެ ތެރޭގައި ހިމެނޭ 23 އަހަރުގެ މީހަކު, ބޭރުގެ ފަރާތަކާ މުއާޞަލާތު ކުރަމުން ގޮސްފައިވާ ކަމަށާއި, ފުލުހުންގެ އުޅަނދެއް ގޮއްވައިލުމުގެ އިތުރުން ޢާންމުން ދިރިއުޅޭ ގެއަކަށް ބޮމުގެ ޙަމަލާއެއް ދިނުމަށް ރާވަމުން ގޮސްފައިވާ ކަމުގައި ވެސް ޝަބާކުން ބުންޏެވެ. އެ މީހަކީ, ޤުދުސްގައި އެއްގަމު އުޅަނދުތަކެއްގައި ހުޅުޖަހައިގެން ދީފައިވާ ޙަމަލާތަކެއްގައި ޒިންމާވާ މީހެއް ކަމުގައި ވެސް ޔަހޫދީން ބުންޏެވެ. ހައްޔަރު ކޮށްފައި ވަނީ އީރާނުގެ ޖާސޫސީ އިދާރާއާ ގުޅުން އޮތް ބަޔެއް ކަމުގައި ޔަހޫދީން ތުހުމަތު ކުރި ނަމަވެސް, އީރާނުން އެ ކަމާ މެދު ވަކި އެއްޗެއް ހާމަކޮށްފައެއް ނެތެވެ.
ޔަހޫދީންގެ ބަޔަކު މަރައިލަން ރޭވި ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރު ކޮށްފައި ވަނީ, އީރާނަށް ޖާސޫސް ކޮށްދިނުމުގެ ތުހުމަތުގައި ޔަހޫދީންގެ ބަޔަކު ހައްޔަރު ކޮށްފައިވާ ދަނޑިވަޅެއްގައެވެ. އީރާނަށް ޖާސޫސް ކޮށްދިނުމުގެ ތުހުމަތުގައި އޮކްޓޫބަރު 22ވަނަ ދުވަހު ހައްޔަރު ކޮށްފައި ވަނީ ޔަހޫދީންގެ އުތުރުގެ ރަށްތަކެއްގައި ދިރިއުޅޭ ހަތް މީހެކެވެ. އޭގެ ތެރޭގައި, ޔަހޫދީންގެ ބަނދަރުމަތީ ރަށް, ޚައިފާގެ ރައްޔިތެއް ވެސް ހިމެނެއެވެ.
ޝަބާކުން ބުނީ, ޔަހޫދީ ފައުޖުގެ އަސްކަރީ މަރުކަޒުތަކާއި ހަކަތަ އުފައްދާ އިންޖީނުގެތަކާ ގުޅޭ މަޢުލޫމާތު އެ މީހުން އީރާނަށް ފޯރުކޮށްދެމުން ގޮސްފައިވާ ކަމުގައެވެ. މިއީ, ޔަހޫދީންގެ ދާޚިލީ ސަލާމަތަަށް މިހާތަނަށް ކުރިމަތިވި އެންމެ ނުރައްކާތެރި އެއް ހާދިސާ ކަމުގައި ޔަހޫދީ ފުލުހުން ސިފަކުރެއެވެ. ޔަހޫދީން ބުނީ, ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި ދެ ކުޑަކުދިން ހިމެނޭ ކަމުގައެވެ. އަދި, އީރާނުގެ ޖާސޫސީ އިދާރާގެ ދެ ވެރިއަކާ އެ މީހުންނާ ގުޅުން އޮތް ކަމުގައެވެ. އެ މީހުންގެ ޒިންމާއަކީ, ޔަހޫދީ ފައުޖުގެ އަސްކަރީ މަރުކަޒުތައް ކައިރިއަށް ގޮސް, އެ ތަންތަނާ ގުޅޭ މަޢުލޫމާތު އެއްކޮށް, އީރާނުގެ ޖާސޫސީ އިދާރާގެ ވެރިންނާ ހިއްސާ ކުރުން ކަމުގައި ވެސް ޔަހޫދީން ބުންޏެވެ.
އީރާނުގެ ޖާސޫސުން މަޢުލޫމާތު އެއްކޮށްފައިވާ ތަންތަނުގެ ތެރޭގައި ޔަހޫދީ ދައުލަތުގެ އުތުރުގައި އޮތް ޚުޟަޔިރާގެ އިންޖީނުގެއަކާއި, އެ ސަރަޙައްދުގައި ހުންނަ ޔަހޫދީ ފައުޖުގެ ވައިގެ ސިފައިންގެ މަރުކަޒުތަކާއި, ކަނޑުގެ ސިފައިންގެ ބަނދަރުތަކާއި މަރުކަޒުތައް ހިމެނޭ ކަމުގައި ވެސް ޔަހޫދީން ބުންޏެވެ. ޔަހޫދީންގެ ރަށްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޤާއިމު ކޮށްފައިވާ އަޔަން ޑޯމް ވައިގެ ދިފާޢީ ނިޒާމާ ގުޅޭ މުހިންމު މަޢުލޫމާތުތަކެއް, ޖާސޫސުން އީރާނާ ހިއްސާ ކޮށްފައިވާ ކަމުގައި ވެސް ޔަހޫދީން ބުންޏެވެ.
އީރާނަށް ޖާސޫސް ކޮށްދިނުމާއި, ޔަހޫދީންގެ އިސްވެރިންތަކެއް މަރައިލުމަށް ރޭވުމުގެ ތުހުމަތުގައި ޔަހޫދީންގެ ބަޔަކު ހައްޔަރު ކޮށްފައި ވަނީ, އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދިނުމަށް ޔަހޫދީ ފައުޖުން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. އީރާނަށް ޙަމަލާ ދޭން ޔަހޫދީން ތައްޔާރުވަމުން ދަނީ, ޒަޔަނިސްޓު ދައުލަތަށް އީރާނުން ދީފައިވާ ޙަމަލާތަކެއްގެ ބަދަލު ހިފުމުގެ ގޮތުންނެވެ. އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން ޔަހޫދީ ފައުޖުގެ އަސްކަރީ މަރުކަޒުތަކަށް ޙަމަލާ ދީފައި ވަނީ, ފަލަސްޠީނާއި ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެންނެވެ. އަދި, ޖުލައި 31ވަނަ ދުވަހު އީރާނުގެ ވެރިރަށް ތަހްރާނަށް ނިރުބަވެރި ޙަމަލާއެއް ދިނުމުން, އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.
އޮކްޓޫބަރު 1ވަނަ ދުވަހު އައިއާރްޖީސީން ދިން ޙަމަލާތަކުގައި 180އެއްހާ ބެލިސްޓިކް މިސައިލް ބޭނުން ކުރިއެވެ. އޭގެ ތެރެއިން ގިނަ މިސައިލްތައް ދިފާޢު ކުރަން ޔަހޫދީން ވަނީ ނުކުޅެދިފައެވެ. އަދި, ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެމެރިކާއިން މެދުއިރުމައްޗަށް ފޮނުވާފައިވާ އަސްކަރީ މަނަވަރުތަކާއި މަތިންދާބޯޓުތައް ބޭނުންކޮށްގެން ވެސް އޭގެ ތެރެއިން ގިނަ މިސައިލްތައް ދިފާޢު ކުރެވިފައެއް ނުވެއެވެ. އައިއާރްޖީސީގެ ޙަމަލާތަކުގައި ޔަހޫދީ ފައުޖުގެ އަމާޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް, އެ ގެއްލުންތަކުގެ ތަފުސީލު ހާމަކުރަން ޔަހޫދީން ދަނީ ދެކޮޅު ހަދަމުންނެވެ.