ޚަބަރު

ތުރުކީވިލާތުގައި ނުރައްކާތެރި ނިރުބަވެރި ޙަމަލާތަކެއް ދީފި


ތުރުކީވިލާތުގެ ދައުލަތުގެ ވައިގެ އުދުހުންތަކާއި ދިފާޢާ ބެހޭ ކުންފުނި (ޓީޔޫއެސްޔޫއެސް)ގެ މައި އިދާރާއަށް ނިރުބަވެރި ޙަމަލާތަކެއްދީ, ހަތަރު މީހުން މަރައިލައިފިއެވެ. ޙަމަލާ ދީފައިވާ ޓީޔޫއެސްޔޫއެސްގެ މައި އިދާރާ ހުންނަނީ ވެރިރަށް އަންކަރާއާ 40 ކިލޯމީޓަރު އުތުރުން އޮންނަ ކުޑަ ރަށެއް ކަމުގައިވާ ކަހްރަމަންކަޒާންގައެވެ. ޓީޔޫއެސްޔޫއެސްގެ މަރުކަޒަށް ޙަމަލާ ދިނުމުގައި ތިން މީހަކު ބައިވެރިވެފައިވާ ކަމަށް ބެލެވޭއިރު, ޙަމަލާތަކުގައި 14 މީހަކު ޒަޚަމުވެފައިވާ ކަމުގައި ކަހްރަމަންކަޒާންގެ މޭޔަރު ސެލިމް ސޮރްޕަނޫލޫ ވިދާޅުވިއެވެ.

"ކަހްރަމަންކަޒާންގައި ހުންނަ ތުރުކީވިލާތުގެ ވައިގެ އުދުހުންތަކާ ބެހޭ އިދާރާއަށް ދީފައިވަނީ ނިރުބަވެރި ޙަމަލާއެއް،" ޙަމަލާގެ މަޢުލޫމާތު ކަށަވަރު ކޮށްދެއްވަމުން އެ ޤައުމުގެ ދާޚިލީ ވަޒީރު ޢަލީ ޔައަލިކަޔާ ވިދާޅުވިއެވެ. ނަމަވެސް, ޙަމަލާތަކުގެ އިތުރު ތަފުސީލު އޭނާ ހާމަކުރައްވާފައެއް ނުވެއެވެ. ނިރުބަވެރިންގެ އެއްވެސް ޖަމާޢަތަކުން ޙަމަލާތަކުގެ ޒިންމާ އުފުލާފައި ނުވާއިރު, ތުރުކީވިލާތުގެ ޓީވީތަކުން ޢާންމު ކޮށްފައިވާ ވީޑިޔޯތަކުން ފެންނަނީ ޓީޔޫއެސްޔޫއެސްގެ މައި މަރުކަޒު ހުންނަ ސަރަޙައްދުގައި ބޮޑު އަލިފާންގަނޑެއް ރޯވެ, ބޯކޮށް ދުން އަރަމުންދާ މަންޒަރެވެ.

ޓީޔޫއެސްޔޫއެސްގެ މަރުކަޒަށް ދިން ޙަމަލާތަކުގައި ބައިވެރިވި ކަމަށް ބެލެވޭ ދެ މީހަކު ސެކިޔުރިޓީ ކެމެރާތަކުން ނަގާފައިވާ ބައެއް ވީޑިޔޯތަކުން ފެނިފައިވާ ކަމުގައި އެ ޤައުމުގެ މީޑިޔާތަކުން ރިޕޯޓު ކުރިއެވެ. އޭގެ ތެރޭގައި އަންހެނަކު ވެސް ހިމެނޭއިރު, އެ ދެ މީހުން ވެސް ތިބީ ހަތިޔާރު އަޅައިގެންނެވެ. ޙަމަލާ ދީފައިވާ މަރުކަޒަކީ 15,000އެއްހާ މީހުން ވަޒީފާ އަދާކުރާ ތަނެކެވެ.

ޓީޔޫއެސްޔޫއެސްގެ މަރުކަޒަށް ޙަމަލާ ދިނުމަށް ފަހު, އެ ތަނުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ރަހީނު ކޮށްފައިވާ ކަމުގައި ވެސް ބައެއް މީޑިޔާ ރިޕޯޓުތައް ބުންޏެވެ. ނަމަވެސް, ތުރުކީވިލާތުގެ އެއްވެސް ރަސްމީ އިދާރާއަކުން އެ ކަން ކަށަވަރު ކޮށްދީފައެއް ނެތެވެ. އެ ސަރަޙައްދުގައި ސަލާމަތީ ފިޔަވަޅުތައް ހަރުކަށިކޮށް, ތުރުކީވިލާތުގެ ސަލާމަތީ ބާރުތަކުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

ހުޅަނގުގެ ބާރުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން އެކުލަވައިލާފައިވާ ދިފާޢީ އިއްތިޙާދު, ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން (ނޭޓޯ)ގެ ސެކްރެޓަރީ ޖެނެރަލް މާކް ރުތޭ ވަނީ މި ޙަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. "ނޭޓޯގެ ގާތް އެކުވެރިއެއް ކަމުގައި ތުރުކީވިލާތާ އެކު އަޅުގަނޑުމެން ތިބޭނަން. ނިރުބަވެރި ހުރިހާ އަމަލެއް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން, އަދި [ތުރުކީވިލާތުގެ] ހާލަތު ވަރަށް ގާތުން ބަލަމުން ދާނަން،" އޭނާ ވިދާޅުވިއެވެ.

މިއީ, ފަހުގެ ތާރީޚެއްގައި ތުރުކީވިލާތުގައި ނިރުބަވެރި ޙަމަލާތަކެއް ދީފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. ނިރުބަވެރިންގެ ޖަމާޢަތް, އައިއެސްގެ އިތުރުން ތުރުކީވިލާތުގެ ސަރުކާރުން ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކުރްދިސްތާން ވަރކަރސް ޕާޓީ (ޕީކޭކޭ)ން ވެސް ތުރުކީވިލާތުގެ އެކި އަމާޒުތަކުގައި ނިރުބަވެރި ޙަމަލާތައް ދީފައިވެއެވެ.

ޓީޔޫއެސްޔޫއެސްއަކީ ތުރުކީވިލާތުގެ ވައިގެ އުދުހުންތަކާއި ދިފާޢާ ބެހޭ އެންމެ މައި ކުންފުންޏެވެ. އެ ކުންފުނިން އުފައްދާ ބައެއް ހަތިޔާރުތަކުގެ ތެރޭގައި ކޭއޭއޭއެންގެ ނަން ދީފައިވާ އަސްކަރީ މަތިންދާބޯޓު ހިމެނެއެވެ. އެއީ, ތުރުކީވިިލާތުން އަމިއްލައަށް އުފައްދާފައިވާ ފުރަތަމަ އަސްކަރީ މަތިންދާބޯޓެކެވެ. ތުރުކީވިލާތުގެ އެކްސްޕޯޓު ވިޔަފާރީގެ %80 އިންސައްތަ ހިއްސާ ކުރަނީ, އެ ޤައުމުގައި އުފައްދާ ބައިރަކްތާރް މަރުކާގެ އަސްކަރީ ޑްރޯންގެ ވިޔަފާރި ކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ. އެ މަރުކާގެ ޑްރޯން ވިއްކައިގެން ހުސްވި 2023ވަނަ އަހަރު ތުރުކީވިލާތަށް ލިބުނު އާމްދަނީ 10.2 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް އަންދާޒާ ކުރެއެވެ.